ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރަން ބޭނުންވާ އެއްވެސް ބަޔަކާ ސުލްހައިގެ ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ސޫރިޔާ ސަރުކާރުން ބުނެފިއެވެ.

ދިމިޝްގްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދު މުއައްލިމް ވިދާޅުވީ، ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަކީ ސޫރިޔާ ސަރުކާރުގެ "ރަތްރޮނގު" ކަމަށެވެ.

"ސޫރިޔާގެ ރިޔާސަތާ ބެހޭގޮތުން މަޝްވަރާ ކުރަން ބޭނުންވާ އެއްވެސް ފަރާތަކާ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. ބައްޝާރުލް އަސަދަކީ "ރަތްރޮނގު". އެއީ ސޫރިޔާ ރައްޔިތުންގެ ތަރިކައެއް" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ސޫރިޔާގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު، ސޫރިޔާގެ މައްސަލާގައި އދއިން އިސްނަގައިގެން ބާއްވަން މަސައްކަތްކުރާ ސުލްހައިގެ ވާހަކަތަކަށް ސޫރިޔާގެ ސަރުކާރާއި، އިދިކޮޅު ފަރާތްތަކުގެ ވަފުދުތައްވެސް މިރޭ ޖެނީވާއަށް ދާނެއެވެ.

ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ފަރާތްތައް ތަމްސީލުކުރާ "ހައި ނެގޯޝިއޭޝަންސް ކޮމިޓީ" ގެ ވަފުދު ޖެނީވާއަށް އަދި ގޮސްފައެއް ނުވެއެވެ.

މިކަމަށް އިޝާރާތް ކުރައްވައި ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދު މުއައްލިމް ވިދާޅުވީ، ސޫރިޔާ ސަރުކާރުގެ ވަފުދު މިރޭ ޖެނީވާއަށް ދިއުމަށްފަހު ބަލާނީ 24 ގަޑިއިރަށް ކަމަށެވެ. 24 ގަޑިއިރުގެ ތެރޭގައި އިދިކޮޅު ވަފުދު މަޝްވަރާގެ މޭޒުދޮށަށް ހާޟިރު ނުވެއްޖެނަމަ ސަރުކާރުގެ ވަފުދު އެނބުރި ދާނޭ ކަމަށެވެ. "އަޅުގަނޑުމެންގެ ވަގުތު ބޭކާރު ކުރާކަމަށް ބޭނުމެއްނޫން. 24 ގަޑިއިރަށް ބަލާނީ" ސޫރިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ސޫރިޔާ ސަރުކާރާއި، "ހައި ނެގޯޝިއޭޝަންސް ކޮމިޓީ" އާ ދެމެދު މިދިޔަމަހު ޖެނީވާގައި ބާއްވަން އުޅުނު މަޝްވަރާތައްވެސް ވަނީ ނާކާމިޔާބު ވެފައެވެ.

އެފަހަރު، އިދިކޮޅު ވަފުދު ސަރުކާރުގެ ވަފުދަށްވުރެ 36 ގަޑިއިރު ކުރިން ޖެނީވާއަށް ދިޔަނަމަވެސް، މަޝްވަރާތައް ބާއްވަން ހަމަޖެހިފައިއޮތް އދގެ މަޒުކަޒަށް ނައިސް ދެދުވަސްވަންދެން ތިބީ ޖެނީވާގެ ހޮޓަލެއްގައެވެ.

އޭގެފަހުން ދެފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، މިމަހުގެ 14 ވާ ހޯމަދުވަހު ސުލްހައިގެ ނުސީދާ މަޝްވަރާތައް ބޭއްވުމަށް އެއްބަސްވިއެވެ.

އދއިން ސުރިޔާއަށް ކަނޑައަޅާފައި ހުންނަވާ ސުލްހައިގެ މަންދޫބު ސްޓަފަން ޑި މިސްޗޫރާ ވިދާޅުވީ، ދެފަރާތުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފެށުން ވެގެންދާނީ، އދގެ ބެލުމުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ސޫރިޔާގައި ބާއްވާ ރިޔާސީ އަދި އާންމު އިންތިޚާބުގެ ކައުންޓްޑައުންގެ ފެށުން ކަމަށެވެ.

މި ވާހަކައަށް ރައްދު ދެއްވައި ސޫރިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ސޫރިޔާގެ ރިޔާސީ އިންތިޚާބުގެ މުސްތަގްބަލާ ބެހޭގޮތުން މަޝްވަރާ ކުރުމުގެ ހައްގު މިސްޗޫރާއަށް ލިބިގެން ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ސޫރިޔާ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.