މާލޭ ވަޅޯމަސް މާރުކޭޓް ސަރަޙައްދުގައި އިއްޔެ ހިނގި މާރާމާރީ އާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާރާމާރީ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މާރުކޭޓް ސަރަޙައްދުގައި ހިނގި ހާދިސާގައި އަނިޔާ ލިބުނު މީހާއަށް އައިޖީ އެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން އެހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ޒަހަމްވެގެން ހޮސްޕިޓަލަށް ގެނެވުނު މީހާގެ ބޮލާއި ބުރަކައްޓަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށާ އިއްޔެއިން ފެށިގެން އަދިވެސް އޭނާ ހޭނާރާކަމަށް ޒީނަތު ވިދާޅުވިއެވެ.

ޒީނަތު ވިދާޅުވީ އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާއިރު ފުއްޕާމެއަށް ފެން އެޅިފައިވާކަމަށެވެ.

އިއްޔެ މެންދުރުފަހު ވަޅޯމަސް މާރުކޭޓު ސަރަޙައްދު ހުޅަނގު ފަރާތުގައި ހިނގި މި މާރާމާރީ ހިނގާފައިވަނީ އެސަރައްހަދުގައި އުޅުނު 2 މީހެއްގެ މެދުގައެވެ. މި މާރާމާރީގައި އަނިޔާލިބި ހޮސްޕިޓަލުގައި ފަރުވާދެމުންދާ ޢުމުރުން 41 އަހަރުގެ ފިރިހެން މީހާއަކީވެސް މާރާމާރީ ހިންގުމުގައި ބައިވެރިވި މީހެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން މިއީ ބަޔަކު ނޫނީ މީހަކު ގަސްތުގައި އަނިޔާ ދިނުމުން ހިނގާފައިވާ ހާދިސާއެއް ނޫންކަމަށާ މިއީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހާ އާއި އެހެން މީހަކާ ދެމީހުން މާރާމާރީ ހިންގަމުންދަނިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހާ މޫދަށް ވެއްޓުމުގެ ތެރޭގައި ނުވަތަ މޫދަށް ފުންމާލަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއެއް ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގްކުރަން 5 ދުވަހުގެ ބަންދުގެ މުއްދަތު ކޮންމެ މީހަކަށްވެސް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.