މިނިވަން ފަންސާހާއި ގުޅިގެން ބަނދެފައިވާ ނަމޫނާ ކަޅުއޮއްފުންމި އޮޑި ސިޓީޕާކުގައި ބާއްވައި އެތަން ތަރައްގީކުރުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރުގެ ނާއިބް އަޙްމަދު ސަލީމް ވިދާޅުވީ ކަޅުއޮއްފުންމި ވީހާވެސް ގިނަ ބަޔަކަށް ފަސޭހައިން ބަލާލެވޭނެ ތަނެއްގައި ބޭއްވުމަށް ސަރުކާރުން ބޭނުންވާ ކަމަށާއި، މިހާރު އެއޮޑި ބޭއްވުމަށް ސިޓީ ޕާކް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ސިޓީ ޕާކްގައި ކަޅުއޮއްފުންމި ބާއްވާއިރު، އެތަން ޕާކެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ސިޓީ ޕާކް ތަރައްޤީކުރާއިރު، އެތަނަށް ބޮޑެތި ބަދަލްތަކެއް ގެންނާނެ ކަމަށެވެ.

އެގޮތުން މިނިވަން ފަންސާހާއި ގުޅިގެން ސަލްޓަން ޕާކްގައި ހަދާފައި ވާލެޑް ގާޑަން ސިޓީ ޕާކަށް ބަދަލްކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ސިޓީ ޕާކް ޖޫން މަސްތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

ކަޅޮއޮއްފުންމި ފުރަތަމަ މާލެގެނެސް ދާރުލްއާސާރުގައި ބާއްވަން ނިންމި ނަމަވެސް އެކަން ނުކުރެވުނީ ދާރުލްއާސާރުގައި އޮޑި ބޭއްވޭނެ ޖާގަ ނެތުމުންނެވެ. އެކަމުގެ ސަބަބުން ސަރުކާރުން ވަނީ ހުޅުމާލެ ހެރިޓޭޖް އައިލެންޑަށް ކަޅުއޮއްފުންމި ބަދަލުކުރުމަށް ނިންމާފައެވެ.

އެކަމަކު ސަލީމް ވިދާޅުވީ ހޯމް މިނިސްޓްރީން ކަޅޮއްފުންމި ބާއްވާ ތަން އަނެއްކާވެސް ބަދަލްކުރީ ހެރިޓޭޖް އައިލެންޑް މުޅިން ނިމި އެތަން އާންމުންނަށް ފެންނަން އަދިވެސް ގިނަ ދުވަސްތަކެއް ހޭދަވާނެތީ ކަމަށެވެ.

އަދި ޖޫން މަސް ތެރޭގައި ކަޅުއޮއްފުންމި ސިޓީ ޕާކްގައި ބާއްވާއިރު، އެތަނަށް އާންމުންނަށް ޒިޔާރަތްކުރެވި، އެ އޮޑި ބަލާލުމުގެ ފުރުސަތު އަވަހަށް ދިނުމަކީ މިބަދަލް ގެނައުމަށް ނިންމި އެންމެ ބޮޑު ސަބަބު ކަމަށް ސަލީމް ވިދާޅުވިއެވެ.

މިނިވަން ފަންސާހާއި ގުޅިގެން ބަނދެފައިވާ ނަމޫނާ ކަޅުއޮއްފުންމިއާއިއެކު ސަލްޓަންޕާކުގައިވާ ލެޑް ލައިޓް ގާޑަން ސިޓީޕާކަށް ބަދަލްކުރުމަށް ނިންމާފައިވާއިރު، ސަރުކާރުން ވަނީ ސަލްޓަންޕާކްވެސް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ.