މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ކަމަށް ބުނެ އެމްޑީޕީން މަޖިލީހަށް ގަރާރު ހުށައަޅަމުންދަނީ އެމަސައްކަތަށް ހުރަސްއެޅުމަށް ކަމަށާއި، އެފަދަ ގަރާރުތައް ކިތަންމެ ގިނައިން ހުށައެޅިއަސް ބޭރުކޮށްލާނެ ކަމަށް އެމްޑީއޭގެ ނާއިބް ލީޑަރު އަޙްމަދު އާމިރު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ބޮޑުފެންޑާ ޕްރަގްރާމްގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ސަރުކާރުން ތަހްގީގްކުރަން ނިންމީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ.

މިނިވަން މުއައްސަސާތަކުން އެމަސައްކަތް ކުރަމުންދަނިކޮށް، މަޖިލީހުން އެކަން ކުރުމުގެ ނަމުގައި ގަރާރުތައް މަޖިލީހަށް ހުށައަޅަމުންދަނީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މަޖިލީހުގައި ސަރުކާރުގެ ތަނަވަސް މެޖިރިޓީ އެބައޮތް ކަމަށާއި، އެހެންކަމުން ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ހުރަސްއެޅޭ އެއްވެސް ކަމަކަށް މަޖިލީހުން ޖާގަނުދޭނެ ކަމަށެވެ.

އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތް މިނިވަންކަމާއެކު ތަހްގީގްކުރުމުގެ ނަމުގައި ތަކްރާރްކޮށް އެމްޑީޕީން މިމައްސަލަ ހުށައަޅަމުން ގެންދާތީ، ޚިޔާނާތުގައި އެމްޑީޕީގެ ބައެއް މެންބަރުންގެ ބައިވެރިންވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އާމިރު ވިދާޅުވިއެވެ.

"ސަރުކާރުން މިކަން ތަހްގީގް ކުރާދެން މަޑުން ތިބެންވީނުތޯ. ކީއްވެގެން އެކަމަށް އިންތިޒާރުނުކޮށް މިތެޅި ފޮޅެނީ. މިހާރު ޝައްކުއުފެދޭ ބައެއް މެންބަރުންގެ އަމަލްތައް ހުންނަގޮތުން ގެއްލިގެން އުޅޭ ފައިސާ އެ މެންބަރުންނަށް ލިބުނީތޯވެސް." އާމިރު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް މިނިވަންކަމާއި އެކު މަޖިލިސްގެ ތެރެއިން ބެލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުނު ތިން ގަރާރުވެސް ބޭރުކޮށްލާފައިވާ މައްސަލައާއި ގުޅިގެން މަޑަވެލި ދާއިރާގެ މެންބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އެމްޑީޕީން މިކަން ކުރަނީ އެއްވެސް އިޙްލާސްތެރިކަމެއް ނެތި ކަމަށެވެ.

ސަރުކާރުން މިފަދަ ސީރިއަސްކޮށް ތަހްގީގްކޮށް ފިޔަވަޅު އަޅަންޖެހޭ ކޮންމެ ފަރާތަކަށް ފިޔަވަޅު އަޅަމުންދާއިރު، މިނިވަންކަމާއެކު އެކަން ތަހްގީގް ކުރުމުގެ ނަމުގައި މަޖިލީހަށް ގަރާރުތަކެއް ހުށައަޅަންޖެހޭ ސަަބަބެއް ނެތް ކަމަށް މުއާޒް ވިދާޅުވިއެވެ.

އަދި މަޖިލީހުން މިގަރާރުތައް ބަލައިގަނެ، ފާސްކުރިޔަސް މަޖިލީހުގައިވެސް އޮތީ ސަރުކާރުގެ މެޖޯރިޓީކަމުން އެމްޑީޕީގެ މަގްސަދު ސާފްނުވާ ކަމަށް މުއާޒް ވިދާޅުވިއެވެ.

"މަޖިލީހުން މިކަން ބަލައިގެން ކީއްތޯވާނީ. މަޖިލީހުގައިވެސް މިއޮތީ ހަމަ ސަރުކާރުގެ ވިސްނުމުގެ މެންބަރުންގެ އަގުލަބިއްޔަތު ނޫންތޯ." މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެމްޑީޕީގެ އިހްލާސްތެރިކަމެއް މިކަމުގައި ނެތް ކަމަށް ވިދާޅުވާން ޖެހެނީ އެމްޑީޕީގެ މެންބަރުން ހިންހަމަނުޖެހޭ ކޮންމެ މެންބަރަކަށް ވަގަށްގޮވާ އަދި އެމީހުން ހިތްހަމަޖެހޭ މެންބަރުންނަށް ސަނާ ކިޔުމަށްފަހު ނޫނީ މިއިން ގަރާރެއް ހުށައަޅަމުން ނުދާތީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ހުށައެޅުއްވި ގަރާރުގައި މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ތަހުގީގާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ، މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދެފުށް ފެންނަ ގޮތަކަށް ރައްޔިތުންނަށް އިތުބާރުކުރެވޭ ވަރުގެ ހުޅުވާލެވިފައިވާ އިންކުއަރީއެއް ހެދުމަށެވެ.

އެމްއެމްޕީއާރްސީ އޮޑިޓް ކުރުމަށްފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އޮޑިޓާ ޖެނަރަލް ނެރުއްވި އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.