(12 މާރޗް 2016 އާ ގުޅޭ)
...އެތަން ފެނި ބޭއިޚްތިޔާރުގައި ކުރިމަތީ ހުރި ފާރުގައި އީތަންގެ މުއްކަވާލި އަތުން ޖެހިއެވެ. ނަމަވެސް އެ އަތަށް ވީ ތަދުވެސް ހިތަށް ލިބެމުންދިޔަ ވޭނަށްވުރެ އެންމެ ތަންކޮޅެއް ވެސް ބޮޑެއްނޫނެވެ. ދެން ވެސް ޒޫރިން ބަލަން ހުރި ގޮތުން އެ ނަޒަރުގެ ތޫނުކަމުން އީތަންގެ ހިތާއިމޭ ތޮރުފާލިއެވެ. ބޭވަފާތެރިކަމުގެ ސާލަކަށް އީތަންލާ އޮޅާލި ކަހަލައެވެ. އެއާއެކު ނޭފަތުގެ ހިނދުރީގައި ނޭވާތާށިވެ ހާސްވާގޮތްވިއެވެ.
އީތަންއަށް ދެ ލޯ މަރާ ތަގުޅިކޮށްލެވުނީ އެއްވެފައި ތިބި މީހުންގެ ދޫތަކުން ޒޫރިން ބޭޒާރުކުރަމުންދާ އަޑުތަކާ ހެދިއެވެ. އެތައް ބައެއްގެ ކުރިމަތީ ޒޫރިންގެ ފޭރާން އިރާ ކުދިކުރަމުން އެ ރީތި ހަށިގަނޑު ހާމަކުރަމުން ދާ ކަހަލައެވެ. އެހެންނަމަވެސް އޭނާއަށް އެމީހުންގެ ދޫތަކުގައި ހިފެހެއްޓޭނީ ކިހިނެއް ހެއްޔެވެ. މިއަދު ޒޫރިން ތަޙައްމަލު އެ ކުރަނީ އޭނާ ޒޫރިންއަށް ދިން އަނިޔާއަށެވެ. އީތަންގެ މުޅި ޟަމީރު ލަދުވެތިކަމުން އިސްޖަހާލިއެވެ. ހޮނުގުގުރިއަކަށްވުރެ ވެސް ބާރަށް ދެ ކަންފަތުގައި ގުގުމަމުން ދިޔައީ އަމިއްލަ ހިތުގެ ރުއިމެވެ. ސިކުނޑީގެ އަޑުލުމާއިއެކު ލޮލަށް ދައްކަން މަސައްކަތްކުރަމުން ދިޔައީ ޒޫރިންގެ މައުސޫމުކަމާއި އޭނާގެ ތެދުވެރި ލޯބީގައި އީތަން ކޮޅުފައިން ޖެހި ގޮތެވެ. އެ ހިތި މަންޒަރުތަކެވެ. އެހިނދު ގަދަ ހަޅޭކަކަށްވެގެން ވައިރޯޅިއާ އެކުވެ ދާނަމޭ އީތަންގެ ހިތަށް އެރިއެވެ.
ޒޫރިންގެ ގައިގާ ތަޅާ ނިމުމާއެކު އޭނާގެ މައިންބަފައިންނާ އޭނާ ހަވާލުކުރިއެވެ. ހުރި ތަނުން ކުރިއަށް ފިޔަވަޅެއް އަޅާނުލެވިފައި ހުރި ފަދައިން ޒޫރިން ހުއްޓެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އީތަންއަށެވެ. އެއްވެފައި ތިބި މީހުންތައް ރޫޅި އެމީހެއްގެ އާންމު ދިރިއުޅުމާއިގެން އެމީހަކު އުޅެގަތެވެ. ނަމަވެސް އީތަން އާއި ޝައުންއަށް ހުއްޓުން އަރާފައި ތިބެވުނީއެވެ. އޭރު ތަހުސީނު އައިސް ޒޫރިންގެ ކުރިމަތީ ހުއްޓިއްޖެއެވެ. އެތަނުގައި ދެންތިބި ބަޔަކަށް އޭނާގެ ވިސްނުމެއް ނުހިންގައެވެ. އަވަހަށް ބެލީ މީހުންތަކުގެ ބެލުންތަކުން ދަރިފުޅު ސަލާމަތްކޮށްގެން ގެންދެވޭތޯއެވެ. އެހެންވެ އެވަގުތަށް އީތަން އާއި ޒޫރިންގެ އަމާޒުވެފައި ހުރި ނަޒަރާއި ދެމެދަށް ހުރަކަށް ވެގެން ދިޔައީ ތަހުސީނެވެ.
ތަހުސީނު އައިސް ޒޫރިންގެ ދެ ކޮނޑުގައި ހިފަހައްޓާލުމާއެކު އޭނާގެ ގަމީހުގައި ޒޫރިން އެލިގަތެވެ. ދެ ފައި ތުރުތުރު އަޅާވަރުން ކުރިއަށް ހިނގައިނުގަނެވޭނޭކަން ޒޫރިންއަށް ޔަޤީންވުމާއެކު އަމިއްލަ ފަޔަށް ބަލާލާފައި ތަހުސީނަށް ބަލާލިއެވެ. އެހިނދު ޒޫރިންގެ ތުރުތުރު އަޅަމުން ދިޔަ ދެފައި ތަހުސީނުގެ ލޮލުގައި ވެސް އަޅައިގަތެވެ. ވަގުތުން ޒޫރިންގެ ފެންކަޅިވެފައިވާ ދެ ލޯ ފުހެލުމާއެކު ތަހުސީނު އޭނާގެ އަތްދަނޑިމައްޗަށް ދަރިފުޅު އުފުލާލިއެވެ.
"ބައްޕަ މިހިރީނު... ބައްޕައަށް ރީން ގެންދެވޭނެ..." ދަރިފުޅު ގަޔާ ކައިރިކޮށްލައިގެން ކާރާ ދިމާއަށް އަވަސް ފިޔަވަޅުގައި ހިނގައިގަންނަމުން ތަހުސީނު ބުނެލިއެވެ. އޭނާއާއެކު ރޭޝްމާ ވެސް ކާރާ ދިމާއަށް ހިނގައިގަތެވެ. އޭރު ތަހުސީނުގެ މޭގައި މޫނުފޮރުވާލައިގެން އޮތް ރީންއަށް ބާރަށް ރޮވިއްޖެއެވެ.
ކާރުގެ ފަހަތުސީޓުގައި ޒޫރިން ހަމަޖައްސާލުމާއެކު ކާރު ދުއްވާލުމަށް ކުރީ ސީޓަށް ތަހުސީނު އެރިއެވެ. އޭނާއާ ޖެހިގެން ރޭޝްމާ އިނެވެ. މުޅި ކާރުގައި އިވެމުންދިޔައީ ޒޫރިންގެ ރުއިމުގެ އަޑެވެ. ހިމޭންކަން ޚިޔާރުކޮށްގެން އިން ތަހުސީނު ދެ ތުންފަތް ބައްދަމުން ދިޔަ ނަމަވެސް ދެ ލޮލަށް ޖަމާވި ކަރުނައެއް ނުހިފެއްޓުނެވެ. މޫނު އަނބުރާލަމުން ތުނބުޅި މަތިމަހުގައި ހާކާލި އަތުން ސިއްރުން ކަހަލަ ގޮތަކަށް ތަހުސީނު އޭނާގެ ދެ ލޯ ފުހުނެވެ. އޭރު މޭގައި ޝަމްޢާން ބޮނޑިކޮށްލައިގެން އިން ރޭޝްމާއަށް ވެސް ރޮވެނީއެވެ.
"ދަރިފުޅާ... ރީން... ދެން ހުއްޓާލާ... އެކަން އެ ނިމުނީ...." ރޭޝްމާގެ މައިވަންތަކަމުގެ ލަގޮނޑިއަށް ކެތްނުވެގެން ބުނެލިއެވެ. ނަމަވަސް ފަހަތު ސީޓުގައި ފައިކުރުކޮށްލައިގެން އަރިއަކަށް އޮތް ޒޫރިންއަށް އޭނާގެ ރުއިން ހުއްޓައެއް ނުލެވުނެވެ.
އާންމުކޮށް ތަހުސީނު ކާރު ދުއްވާ ދުވެއްޔަށްވުރެ ބާރަށް ދުއްވާފައި އައިސް ހ.ބުލޫމޫންގޭ ކައިރީ ކާރު ޕާކުކޮށްލިއެވެ. އަދި އަވަސްއަރުވާލާފައި ކާރުން ފައިބައިގެން ފަހަތު ދޮރުފަތް ހުޅުވާލުމަށް އައެވެ.
"އަހަރެން މިދަނީ ރީން ގެންނަން ވާއިރަށް މިސޮރު ކުޑައެނދަށްލާން" ރޭޝްމާ މިހެން ބުނެފައި ހަލުވިކޮށް ހިނގާފައި ގޮސް ގޭގެ ދޮރޯށި ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ.
"ރީން... ދަރިފުޅާ..." ޒޫރިންގެ ފައިގައި ތަހުސީނު އަތްޖައްސާލަމުން ގޮވާލިއެވެ. އެއާއެކު ދެއަތުން މޫނު ފުހެލާފައި ޒޫރިން ސީޓުމަތިން ދެމެމުން ކަހަލަ ގޮތަކަށް ތިރިއަށް ފައިބަން އުޅުނެވެ. އެހިނދު އޭނާގެ އަތުގައި ތަހުސީނު ހިފިއެވެ. ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައި އަތްދަނޑިމައްޗަށް ޒޫރިން އުފުލާލިއެވެ. އަތްދަނޑިމަތީގައި އޮތް ޒޫރިންގެ އުމުރާ ބަލާފައި އޭނާގެ ހަށިގަނޑުގެ އަނަރޫފަކަން ތަހުސީނަށް އިހުސާސްވިއެވެ. އެ ދަރިފުޅުގެ މުޅި ދިރިއުޅުން ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުން ކަޅިވަމުން ދާތަން ދުށުމަކީ ބަފައެއްގެ ހިތަށް ކެތްވާވަރު ކަމަކަށް ނުވިއެވެ.
ޒޫރިންގެ ކޮޓަރިއާ ހަމައަށް ތަހުސީނުގެ އަތްމަތީގައި އޭނާ ގެންދިޔައިރު ތަހުސީނުގެ ލޮލުން ވެއްޓުނު ކަރުނަތިކި ޒޫރިންގެ ކޯތާފަތުގައި ބީހިލުމާއެކު އޭނާގެ ކަރުނައާ އެކުވެގެން ހިނގައްޖެއެވެ. ވޭނީ ގޮތަކަށް ޒޫރިންއަށް ތަހުސީނުގެ މޫނަށް ބަލާލެވުނެވެ. އޭނާގެ ހިތަށް އިހުނަށްވުރެ ފުން އަސަރުތަކެއް ކުރެވިގެން ދިޔައީ ތަހުސީނުގެ ތެމިފައިވާ ދެ ލޯ ފެނިފައެވެ.
"ބައްޕާ... ބައްޕާ..." ލޯތްބާއިއެކު ޒޫރިން ގޮވާލިއެވެ. އެހިނދު ކުރިއަށްވުރެ ބޮޑަށް ތަހުސީނު އޭނާގެ މޭގައި ދަރިފުޅު ފޮރުވާލިއެވެ. އަނގައިން ބުނާނޭ ހިތްވަރެއް އޭނާގެ ނެތެވެ. މިއަދު އޭނާ ދުށީ އެއްވެސް ބަފައަކު ދުށުމަށް އެދޭނޭ ކަމެއްނޫނެވެ. އަމިއްލަ ކުށުން ބަރިއްޔަވެވެން އޭނާއަކަށް ދުވަހަކު ވެސް ނެތްކަމުގެ އިހުސާސްކުރެވެމުންދިޔައެވެ.
"ޝަމްޢާނު ގޮވައިގެން ތަހުސީނު ބޭރުގައި މަޑުކޮށްލަންވީނު. ރީން ފެންވަރުވާލާ އެއްޗެހި ބަދަލުކޮށްލާފައި ނުކުންނާނަން" ލައިގެން ހުރި ހަރުވާޅުގެ ފައިކުރި ކަކުލާ ހަމައަށް އޮޅާލައިގެން ފާޚާނާއިން ނުކުން ރޭޝްމާއަށް ތަހުސީނު ފެނުމުން ބުނެލިއެވެ. އެއާއެކު ބޯޖަހާލާފައި ކުޑައެނދުގައި އޮތް ޝަމްޢާނު އުރާލައިގެން ތަހުސީނު އެ ކޮޓަރިން ނުކުތެވެ. ތަހުސީނު އޭނާ ބޭއްވި ގޮތަށް ބަންޑުން އެނދުގައި އޮށޯވެލައިގެން ޒޫރިން އޮތެވެ.
ރޭޝްމާގެ އެހީގައި ޒޫރިން ތެދުވެ ފާޚާނާއަށް ވަނެވެ. ޒޫރިން ރޯތީވެ ނުރުއިމަށް ރޭޝްމާ އާދޭސްކުރަމުންދިޔައެވެ. ފެންވަރައިގެން ޒޫރިން ނުކުމެ އޭނާއަށް ތައްޔާރުކޮށްފައި ހުރި ދޫ ޓީޝާޓާއި ދިގު ހަރުވާޅުކޮޅު ލިއެވެ. އެނދުގައި ޒޫރިން އޮށޯވެލައިގެން އޮތްއިރު އޭނާގެ އިސްތަށިގަނޑު ރޭޝްމާ ރީތިކޮށް އޮމާންކޮށްދިނެވެ. އަދި ތެތްކަން ހިކެންދެން ނިއުޅާލާފައި ބޭއްވިއެވެ.
"ރީން... ދެން ނުރޮއެ ހުއްޓާލާ... އެކަން އެ ނިމުނީ. ދަރިފުޅުގެ ހައްޤު ދަރިފުޅު އަދާކޮށްފިން. މިހާރު ދެން މީހަކަށް ކިޔޭނޭ އެއްޗެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ތެދުވެލެވޭވަރުވީމާ ފުރަންވީ. ދެން އަހަރުމެން މިކޮޅުގައި އެންމެ ދުވަހެއް ވެސް މަޑެއްނުކުރާނަން" ރޭޝްމާގެ ވާހަކަތައް އިވިފައި ޒޫރިންގެ ރުއިންވީ ގަދައެވެ. އެކަމާ ރޭޝްމާ ހައިރާންވިއެވެ.
"ރީން... ކޮންކަމަކާތަ ދަރިފުޅު ތިހާ ދެރަވެގެން ތި ރޮނީ... މަންމަ މިބުނީނު ދެން ފުރަންވީއޭ... އެކަމަކު މަންމައަށް ހީވަނީ ރީންއަށް ކޮންމެވެސް އެހެން ގޮތެއްވާހެން. އަޅެ ބުނެބަލަ... ތަދުވާތީތަ ހަމަ ތި ރޮނީ. ދަރިފުޅު ހިކިކަމުން މަންމައަށް އެނގޭ ވަރަށް ތަދުވާނެކަން"
"މަންމާ..." އެނދުގެ މަގަތުގައި އިށީނދެގެން އިން ރޭޝްމާއަށް ގޮވާލަމުން ޒޫރިން އޭނާގެ އުނގުގައި ބޯއަޅާލިއެވެ.
އެތައްއިރަކު ރުއިމަށްފަހު ޒޫރިންގެ ދެ ލޯ މަޑުމަޑުން މެރުނެވެ. ފުންނޭވާއެއް ލުމާއެކު ރޭޝްމާއަށް ލޯ މަރާލެވުނެވެ. ޒޫރިންއަށް ނިދުނީކަން އެނގުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބިގެން ދިޔައެވެ. މަޑުމަޑުން ޒޫރިންގެ ބޯ ހިއްލާލާ ރޭޝްމާ ތެދުވިއެވެ. އަދި ބާލީސް ގެނެސް އެ ދޭތެރެއަށް ލައްވާލިއެވެ.
* * * *
ތިރީތުންފަތުގައި ދަތްއަޅާލެވުމާއެކު އީތަންގެ ނިތަށް ރޫޖެހިގެން ދިޔައެވެ. މަގުމައްޗާވީ ފަރާތަށް އޭނާ އެނބުރިލަމުން ދެ ލޮލަށް ޖަމާވި ކަރުނަތައް ކަނާތުގެ ދެއިނގިލިން ވަރަށް ނޫންކަމަށް ހަދާ ފުހެލިއެވެ. އޭރު ވެސް އޭނާގެ ވައަތް އޮތީ މުއްކާލެވިފައެވެ. ޝައުން އައިސް އީތަންގެ ކޮނޑުގައި އަތްޖައްސާލިއެވެ.
"އީތަން، އަތްތިއޮތީ ފަޅައިގެންގޮސްފައި... ހިނގާ އަހަންނާއެކު..." އީތަންގެ މުއްކަވާލެވިފައިވާ އަތަށް ބަލާލާފައި ޝައުން ބުނެލިއެވެ. ދެން ވެސް އީތަން އަނގައިން ނުބުނެ ހުންނަން ފެށުމުން އޭނާގެ އަތުގައި ހިފައި ޝައުންގެ ކާރާ ދިމާއަށް ގެންދަންފެށިއެވެ.
ކާރުގައި ޝައުން ދުއްވަމުން ދިޔައީ އޭނާގެ ގެއާ ދިމާއަށެވެ. އެވަގުތު ކާރުގައި އިންދާ އީތަންގެ ފޯނު ރިންގުވާންފެށިއެވެ. ނަމަވެސް ފޯނަށް ޖަވާބުދޭކަށް އޭނާ ބޭނުންވާހެނެއް ހިޔެއްނުވެއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުގައި ބޯޖައްސާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން އިން ގޮތަށް އީތަން އިނީއެވެ. ދޭތެރެއަކުން އޭނާގެ ލޯ ފުހެލާތަން ޝައުންއަށް ވެސް ފެނެއެވެ.
އީތަންގެ އަތުގައި ޝައުން ހިފަހައްޓައިގެން ހުރެ އޭނާ ގޮވައިގެން އައިސް ޝައުން އުޅޭ އެޕާޓްމެންޓަށް ވަނެވެ. ސޯފާގައި އީތަން ބައިންދާފައި ޝައުން ދުވަމުން ގޮސް ކަބަޑުތެރެއިން ފަސްޓްއެއިޑު ފޮށި ނަގައިގެން އައިސް އީތަންގެ ގާތުގައި ސޯފާގައި އިށީނެވެ. އަދި ނިކަން ބާރަށް ގޭގައި މަސައްކަތްކުރަން އުޅޭ ނޯކަރު ކުއްޖާއަށް ގޮވާލިއެވެ.
"ޖަޔާ... ފްރިޖުގަ އޮތް އައިސްޕެކު ގެނެސްބަލަ" ބިދޭސީ ނޯކަރުކުއްޖާ އައިސް ހުއްޓުމާއެކު ޝައުން ބުނެލިއެވެ. ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރީގައި އިސްތިރިކުރަން ހުރެފައި މީޒާ ނުކުމެގެން އައެވެ. އޭނާއަށް ސޯފާގައި ފަސްޓްއެއިޑު ފޮށި ހިފައިގެން އިން ޝައުން އާއި އީތަން ފެނުމުން ކަންބޮޑުވިއެވެ.
"ސުބުހާނައްﷲ... ކީއްކުރަން ހަދައިގެން ތިވަރުވީ... ތިއޮތީ މުޅިން ދުޅަ ވެސް ވެފައެއްނު" ޝައުން ހިފަހައްޓާލައިގެން އިން އީތަންގެ އަތް މީޒާއަށް ފެނުމާއެކު ބުނެލިއެވެ.
"ޝައުން... ދީ މަންމައަތަށް ސާފުކޮށްލާނަން. އައިސްޕެކު ގެނެސްބަލަ، މި ދުޅަ މަޑުވާނީ އޭރުން"
"ޖަޔާ އެ ދިޔައީ އައިސްޕެކު ބަލާ"
"ކީކޮއްފަތަ ތިއައީ... އަނެއްކާ ކުދިބަޔަކާ ތަޅައިގަތީތަ؟ މީ އޮފީހުގައި އުޅެންވީ ވަގުތެއްނޫންތަ؟ އީތަން... ވަރަށް ތަދުވާތި ދޯ ތި އިނީ" މީޒާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. އީތަން އިސްޖެހިފައި އިންގޮތުން އޭނާ އެއްވެސް އެއްޗެއް ނުބުނާނޭކަން ޝައުންއަށް ޔަޤީންވިއެވެ. އެހިނދު މީޒާގެ ހިތްހަމަޖައްސައިދިނުމަށް ޝައުން ވާހަކަދައްކަންފެށިއެވެ.
"މަންމާ. ތިހާ ވަރަށް ހާސްނުވެބަލަ. އަޅުގަނޑުމެން ގޯސްކަމެއް ކުރާކަށް ނޫނޭ އުޅުނީ. އީތަންއަށް އަންހެންކުއްޖަކު ފެނިގެން ކުޑަ އެކްސިޑެންޓެއް ހިނގީ..."
"ސާބަސް ކަލޭމެން ދެ މީހުންނަށް. އަންހެންކުދިންނަށް ފޮނިދައްކަން އުޅުނަސް މީ ބޮޑުވަރެއްނު" މީޒާ ހިނިއައިސްފައި އިނދެ ބުނެލިއެވެ. އަދި އީތަންގެ އަތުގައި ލޭ އައިސްފައި ހުރި ދެތަންކޮޅެއް ސާފުކޮށްފައި އައިސްޕެކު އަޅައިގެން އިނުމަށް ބުންޏެވެ. މީޒާ އިސްތިރިކޮށް ނިންމާލާފައި އައިސް އީތަންގެ އަތް ބަލާލިއެވެ. އަދި އެ އަތުގައި ބޭސް ހާކާދިނުމަށްފަހު މެންދުރު ކާން ބަދިގެ ފަރާތަށް އައުމަށް އެ ދުނެވެ.
"ޝައުން... އަހަރެން ބޭނުންވަނީ ގެއަށް ދާން"
"ހިނގާ... އެކަމަކު މަންމަ ކާން ބުނީމަ ނުކައިތަ ދަނީ"
"އަހަރެން ކާހިތެއްނެތް"
އީތަންއަށް ވެފައި ހުރި ގޮތް ޝައުންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ އިތުރަށް އޭނާ އީތަންގެ ޚިޔާލު ބަދަލުކުރެވޭތޯ މަސައްކަތެއް ނުކުރިއެވެ. އެކުވެރިޔާ ގޮވައިގެން އޭނާގެ ކާރުގައި އީތަންގެ ގެއަށް އައެވެ.
"އީތަން! އަހަންނަށް ކޮށްދެވޭނޭކަމެއް އޮތިއްޔާ އީތަން ބުނޭ. އަހަރެން މިހިރީ އީތަންއަށް އެހީވެދޭން. އަހަރެންގެ ޚިޔާލެއް ބޭނުންނަމަ ބުނަން އޮތީ އީތަންގެ ހިތުގައިވާ އެއްޗެއް ރީން ގާތުގައި ބުނާށޭ. މިހާރު ވެސް މާލަސްވެއްޖެކަންނޭނގެ. އިތުރަށް މަޑުކުރާނަމަ މިހާރު ލިބިފައި އޮތް ފުރުޞަތު ވެސް ގެއްލިދާނެ.... ރީންއަށް ގުޅާ... އޭނާގެ ގާތަށް ދޭ... އެހެންނޫނީ އީތަންއަށް ވެސް ހަމަޖެހުމެއްނުލިބޭނެ. އެނގޭ މިއަދު ތި ހުރީ ވަރަށް ދެރަވެފައިކަން... ސޯ ޑޯންޓް ވޭސްޓް އެނީ ޓައިމް... ޓެލް ހާ އެވްރިތިންގ" ކާރުން ފައިބައިގެން އީތަން ހިނގައިގަތުމާއެކު ޝައުން އޭނާގެ އެކުވެރިޔާއަށް ގޮވާ މަޑުކުރުވުމަށްފަހު އޭނާގެ ޚިޔާލު ހާމަކުރިއެވެ.
އެތައް ފަހަރަކު ގުޅުމުން އީތަން ފޯނު ނުނެގީތީ ޖަޒްލާގެ ގާތަށް ރުޅިއައެވެ. ދަތްކުނޑިވިކަވިކާފައި ކުދިކިޔަމުން ކައިލަންއަށް ގުޅިއެވެ. އޭނާ ވެސް ފޯނު ނެގީ ދެ ފަހަރަކު ގުޅި ފަހުންނެވެ.
"ފޯނު ނަގަން އެނގިއްޖެ ދޯ ކައިލްއަށް... ހިނގާ ރިސޯޓަށްދާން... އަހަރެން ރެޑީ.. ހިނގާ ދާން... އެންމެ ސިކުންތަކަށް ވެސް މިތާކު ހުންނާކަށް ބޭނުމެއްނޫން" ޖަޒްލާގެ ވާހަކަދެއްކުމުގައި ހުރި އަވަސްކަމާއި ރާގުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން ދެނެގަންނާކަށް ކައިލަންއަށް އުނދަގުލެއްނުވިއެވެ.
"ކިހިނެއްވީ؟ އަހަންނަށް އެނގޭ ޖޭޒް ތިހިރީ ކަމަކާ ރުޅި އައިސްފައިކަން"
"މިހާރަކުނޫން އެ ވާހަކަދައްކާނީ... ކައިލްގެ ބައްޕަ ބުންޏެއްނު އަހަރެން ގޮވައިގެން ރިސޯޓަށް އަންނަން. އެހެންވީމަ ހިނގާ... އަހަރެން ރެޑީ. ކޮންތާކަށް ދާންވީ. ތި ގެއަށް ދަންތަ؟"
"އުހުން! ޖޭޒް ގޭގައި މަޑުކުރޭ... ހުރިހާ ކަމެއް ހަމަޖައްސާލާފައި އަހަރެން މިދަނީ ޖޭޒް ބަލާ. ނުވާނެ ގިނައިރެއް"
"އަވަހަށް އަންނާތި. އެހެންނޫނީ އަހަރެން މޮޔަވެދާނެ... ކައިލް ޕްލީޒް... އަވަހަށް އާދޭ އަހަރެން ބަލާ" ޖަޒްލާ އެންމެ ފަހުން ބުނެލި ޖުމްލައިން ކައިލަންއަށް ތަފާތު އިހުސާސެއް ކުރެވިގެން ދިޔައެވެ. ހަމައެއާއެކު އޭނާއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ވެސް އިހުސާސްކުރެވުނެވެ. ކުރަމުން އަންނަ ދިގު އިންތިޒާރަށް ނިމުމެއްނެތްކަމުގައި ސިކުނޑި ވިސްނައިދިނަސް އެއަޑަށް މީގެ ކުރިން ވެސް ދިންފަދަ ބީރު ކަންފަތެއް ކައިލަން ދިނެވެ.
އަފީފަށް ޚަބަރު ލިބުމާއެކު ވީ އެންމެ އަވަހަކަށް ކައިލަން އާއި ޖަޒްލާއަށް އޭނާ ހުރި ރިސޯޓަށް އައުމުގެ ކަންކަން ހަމަޖައްސައިދިނެވެ. އެހެންވެ އިރުއޮއްސެން ވާއިރަށް ކައިލަން އާއި ޖަޒްލާ ތިބީ އަފީފުގެ ގާތުގައެވެ. އޭނާ ނިކަން އުފަލުން މާހިރުއަށް ކައިލަން އާއި ޖަޒްލާ ތަޢާރުފުކޮށްދިނެވެ. އަފީފު ސީދާ ނުބުނިކަމުގައި ވިޔަސް ކޮންމެ މީހަކަށް ވެސް ހީވަނީ ޖަޒްލާއަކީ އަފީފުގެ ވާން އުޅޭ ޅީދަރިފުޅު ހެންނެވެ. މާހިރަށް ވެސް ޤަބޫލުކުރެވުނީ އެހެންނެވެ. ކައިލަން އާއި ޖަޒްލާއަށް އެމީހުން ބޭނުން މުއްދަތެއްގައި ތިބެވޭނޭ އިންތިޒާމު މާހިރު ހަމަޖައްސައިދިނެވެ.
އިރުއޮއްސެމުން ދިޔަ މަންޒަރު ބަލާލުމަށް އެތައް ބަޔަކު ރިސޯޓުގެ އަތިރިމައްޗަށް އެއްވެފައި ތިއްބެވެ. ދުރުގައި ޖަހާފައި ހުރި ގޮނޑިތަކާއި އަތިރިމަތީގެ ބަޔަކަށް ދެމިފައި އޮތް ރެސްޓޯރެންޓުގެ ބައިގައި ހުރި މޭޒުތައް ދޮށަށް ދަންދެން މީހުން ތިއްބެވެ. އެމީހުންތަކުގެ ތެރެއިން ރުކެއްގެ ކައިރީ އެކަހެރިކޮށް ހުރި ގޮނޑިއެއްގައި ޖަޒްލާ ދެފައިނަގާ މެޔާކައިރިކޮށްލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދޭތެރެއަކުން އޭނާ އިސްޖަހާލާފައި އުފުލާލައެވެ. ހަމައެއާއެކު އެއްއަތުން ދެ ލޯ ފުހެލައެވެ.
"ޖޭޒް... މިތާތަ؟ ހާދަ ވަރަކަށް ހޯދައިފީމޭ... މި މީހުންތަކުގެ ތެރޭ ކިހިނެއްވެފައި ތިއިނީ... ޖޭޒް ވެސް ސަންސެޓް ބަލަނީތަ" ހުރަސްރޮނގު ދެމި ޓީޝާޓަކާއި ސޯޓުބުރިއެއް ލައިގެން ހުރެ ހުސްފައިގައި ހިނގާފައި އައި ކައިލަންއަށް ޖަޒްލާ ފެނުމުން ކައިރިއަށް އައިސް ބުނެލިއެވެ. އެވަގުތު ޖަޒްލާ ދެ ލޯ ފުހެލިތަން އޭނާއަށް ފެނުނެވެ.
"ހޭ ބިއުޓިފުލް... ރޮނީތަ؟" ޖަޒްލާ އިށީނދެގެން އިން ގޮނޑީގެ އެއްފަރާތުގައި ކައިލަން އިށީނދެފައި އަހާލިއެވެ. އަދި ބޯއަރިކޮށް ޖަޒްލާގެ މޫނަށް ބަލާލިއެވެ. އެއާއެކު ޖަޒްލާ މޫނު އަނބުރާލީ ކައިލަންއާ ދުރަށެވެ.
"ޖޭޒް... ލޯތްބަކީ ކިހާ އެހެންކަހަލަ އެއްޗެއް. އެންމެންނަކަށް އެމީހަކު ލޯބިވާ މީހާއެއް ނުލިބޭނެކަން މިއަދު އަހަންނަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ... މީގެ ކުރިން އަހަރެން އެކަމާ ހިތާމައެއްނުކުރަން. އެކަމަކު މިއަދު.... މިހާރު... ވަރަށް ހިތަށް ތަދުވޭ... އަހަރެން ލޯބިވާ މީހާ އަހަންނަށް ނުލިބުނަސް އަހަރެން ބޭނުންވަނީ އޭނާ ވަރަށް އުފަލުގައި ހުންނަން. އެކަން އެހެނެއްނުވި... ދެރަވަނީ އެހެންވެ... ބައެއްފަހަރު ހިތަށްއަރާ އަމިއްލަ މީހަކަށް އޭނާ ހަދާފާނަމޭ. އަދި ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް ހޯދައިދޭނަމޭ... އެކަމަކު... އޭނާއަށް އަހަރެން ލޯބިވާކަން އެނގިއްޖެނަމަ އެ ލޯބި ޤަބޫލުކުރާނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތް. އެހެންވީމަ ލޯތްބަކީ ކިހާ ނާއިންސާފު އެއްޗެއް... ބައެއްމީހުންނަށް ވޭނާ ހިތްދަތިކަން ނޫން އެއްޗެއް އެ ލޯބި ނުދޭ..." ކައިލަންގެ ވާހަކަ މިހިސާބަށް ދިއުމާއެކު އޭނާގެ ގައިގާ ޖަޒްލާ އޮޅުލައިގަތެވެ. ކައިލަންގެ ކަނދުރާދޮށުގައި މޫނު ފޮރުވާލައިގެން އޮވެ ޖަޒްލާ ރުޔެވެ. އޭނާގެ ބޮލުގައި ފިރުމާލުމާއެކު ޖަޒްލާގެ ގައިގާ ކައިލަންގެ ދެއަތް ވަށާ ބާރުކޮށްލިއެވެ.
"ކީއްވެތަ ލޯބިނުވާ މީހުންދެކެ ލޯބިވާންވީ" ރޮމުން ރޮމުން ޖަޒްލާ ބުނެލިއެވެ. ނަމަވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ކައިލަންއަކަށް ނޭނގުނެވެ. (ނުނިމޭ)