ނ. ވެލިދޫ އިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ވެލިދޫ ފަޅު ގޯއްޗެއްގެ ތެރޭގައި އެއްޗެހިތަކެއް ވަޅުލަން އިންދާ ކަމަށެވެ.

ފުލުހުން ބުނީ މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނޭ އެއްޗެހިތަކެއް ވަޅުލަން އިންދިމާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 210 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން މި ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު ހުރި ފަޅުގެއާ ޖެހިގެން ހުރި ގެއަކަށް ވަދެފައިހުރި ފިޔަވަޅުތަކެއް ފެނުމާއި ގުޅިގެން އެގެ ބަލައި ފާސްކުރިއިރު އެގޭ ގޯތި ތެރޭގައި ވަޅުލާފައި ވަނިކޮށް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި ކުއްޖާ ހައްޔަރުކޮށްފައި މިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ކޯޓުން ފުރަތަމަ ދިން 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާއި ގުޅިގެން ދެވަނަ ފަހަރަށް މުއްދަތަށް ގެންދިއުމުން ދޫކޮށްލިތާ ދެ ދުވަސް ތެރޭގައި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދަނީ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުންނެވެ.