ދިވެހިންގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ލަންކާ އިން ހައްޔަރުކޮށްފައިވާ ދެ ދިވެހިންގެ އެކައުންޓްގައި 6.5 މިލިއަން ރުފިޔާ ހުރި ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.

ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ލަންކާ އިން ހައްޔަރުކޮށްފައިވަނީ ދެ ދިވެހިންނެވެ. މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަޒްމީން އިސްހާގު ނަމަކަށް ކިޔާ މީހަކާއި އަފްޝަން އަބްދުއްސައްތާރު ކިޔާ މީހެއް ކަމަށް އެނގިފައިވެ އެވެ.

ލަންކާ ފުލުހުން ބުނީ ވެބްކެމް ބޭނުންކޮށްގެން މި ދެ މީހުން އެކިއެކި މީހުންގެ ވީޑިއޯ ނަގާ އެމީހުން ބްލެކްމެއިލްކޮށްގެން ލާރި ހޯދާތާ ދެ އަހަރު ވެއްޖެ ކަމަށެވެ. ތަހުގީގަށް މި މީހުންގެ އެކައުންޓްތައް ބެލިއިރު 6.5 މިލިއަން ރުފިޔާ ނުވަތަ 60 މިލިއަން ލަންކާ ރުޕީޒް އެމީހުންގެ އެކައުންޓްގައި ހުރި ކަމަށެވެ.

ފުލުހުންނާ ހަވާލާދީ މި ނޫހުގައި ބުނެފައިވަނީ އެމީހުން ގެންގުޅުނު ލެޕްޓޮޕުން 100 އަށް ވުރެ ގިނަ މީހުންގެ ބަރަހަނާ ވީޑިއޯ ކްލިޕް ފެނިފައިވާ ކަމަށެވެ. މީގެ ތެރޭގައި މިހާރުވެސް މަގާމުތަކުގައި ތިއްބެވި ފަސް ސިޔާސީ ބޭފުޅެއް ހިމެނޭ ކަމަށެވެ.

ނޫހުގައިވާ ގޮތުން މި މީހުން އަތުލައިގަނެވުނީ ރާއްޖޭގައި އަމިއްލަ ވިޔަފާރިކުރާ އިސް ފަރާތެއްގެ ވީޑިއޯ އެމީހުންގެ އަތުގައި ހުުރި ކަމަށް ބުނެ އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ޑިމާންޑް ކުރުމުން އެ މީހާ ލަންކާގެ ސީއައިޑީއަށް މައްސަލަ ހުށަހެޅުމުން ލަންކާގެ ދެހިވެލަ ހޮޓެލްގައި އެމީހުން ތިއްބަ އެވެ. އެތަނުން ދެ ލެޕްޓޮޕް ފެނިފައިވާ ކަމަށްވެސް ނޫހުގައިވެ އެވެ.

ހައްޔަރުކުރި މީހުންގެ އަތުން ބައެއް ސިޔާސީ ބޭފުޅުންނާއި، ބައެއް މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، ފުލުހުންނާއި ބައެއް ވިޔަފާރިވެރިންނާ އަދި ބައެއް ނޫސްވެރިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ފެނިފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަސްމީން އިސްހާގަކީ 2011 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ސިޔާސީ ބޭފުޅުންގެ ބަރަހަނާ ވީޑިއޯތަކެއް ލީކްކޮށް ބްލެކްމެއިލް ކުރި މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކުރި މީހެކެވެ.

ބަންދުކުރި ދެ މީހުން ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ބަންދުގައި ބައިތިއްބަން ވަނީ މުއްދަތު ޖަހައިދީފަ އެވެ.