ރަށުގައި ތިބެގެން ދުރުން ދޭ މަތީތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމުގެ މަގްސަދުގައި "ނޭޝަނަލް ޕޮލިސީ އޮން އޯޕަން އެންޑް ޑިސްޓަންސް ލާނިން" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އިންތިޒާމްކޮށްގެން "ކޮމްންވެލްތް އޮފް ލަރނިންގ"ގެ ހިލޭ އެހީގައި "ވެލިޑޭޝަން އޮފް ނޭޝަނަލް ޕޮލިސީ އޮން އޯޕަން އެންޑް ޑިސްޓަންސް ލަރނިން" ގެ ނަމުގައި ފެށި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ މާބުލް ހޮޓެލްގަ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ 36 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މަސައްކަތު ބައްދަލުވުމުގައި މީގެ ކުރިން، ކޮމަންވެލްތް އޮފް ލާނިން އާއި ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން އެކުލަވާލާފައިވާ "ނޭޝަނަލް ޕޮލިސީ އޮން އޯޕަން އެންޑް ޑިސްޓަންސް ލަރިނިން" ގެ ޑްރާފްޓާއިމެދު މަޝްވަރާކޮށް ފައިނަލްކުރެވިގެންދާނެ ކަމަށެވެ. މި ޑްރާފްޓް އެކުލަވާލައިފައި ވަނީ މިކަމަށްޓަކައި، ކަމާގުޅުން ހުރި ފަރާތްތަކުގެ މެދުގައި ހިޔާލު ހޯދައި މަޝްވަރާކުރުމަށް 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 02އިން 03 އަށް ބޭއްވުނު ވަރކްޝޮޕަކަށް ފަހު، ލިބިފައިވާ މަޝްވަރާ އާއި ހިޔާލުތަކުގެ އަލީގައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިއީ ދިވެހިރާއްޖޭގައި އެކުލަވާލެވޭ މިފަދަ ފުރަތަމަ ޕޮލިސީއެވެ. ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތައް ބެހިފައިވާ ޤައުމަކަށްވާއިރު ކޮންމެ ރަށެއްގައި ޔުނިވަރސިޓީ،ކޮލެޖް، ނުވަތަ އެތަންތަނުގެ ގޮފިތައް ޤާއިމްކުރުމަކީ، ވަސީލަތްތަކާއި ޚަރަދުގެ ގޮތުން ބަލާއިރު ކުރެވޭނެ ކަމަކަށް ނުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިޕޮލިސީ އަކީ މަތީތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ޢަދަދު މަތިވެ، ދިވެހިރާއްޖެ މަތީ ތަޢުލީމުގެ ރޮނގުން އިތުރު ހަރުފަތްތަކަށް ވާސިލުވުމަށް ކޮށުނު މަގެއް ކަމަށް ވާނެކަމަށެވެ.