ދިވެހި ދައުލަތުގެ އިސްވެރިން އެބޭފުޅުންގެ މަގާމާއި ބާރުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމަކީ ރާއްޖެއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

އެ ޖަމްއިއްޔާއިން މިހެން ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބޭނުންކުރައްވާފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ދެއްކެވި ވާހަކައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ.

ޓްރާންސްޕޭރެންސީން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ސަރުކާރުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން ބައެއް މުއައްސަސާތަަކުގެ އިހުމާލާއި ބައިވެރިވުން ހިމެނޭ ކަމުގެ ތުހުމަތު ކުރެވެމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޚިޔާނާތުގެ ފައިސާ ބެހުމުގައި އުޅުއްވި ކަމަށް އިއުތިރާފު ވުމަކީ ދައުލަތުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭ ކަމެއް ކަމެކެވެ.

ޓްރާންސްޕޭރެންސީން ކޮށްފައިވާ އެކިއެކި ދިރާސާއިން ދައްކާގޮތުގައި ކޮރަޕްޝަން އިތުރުވަމުން އަންނަކަން ރައްޔިތުން ވެސް ގަބޫލުކުރެއެވެ. 2015 ވަނަ އަހަރު އެ ޖަމްއިއްޔާއިން ނެރުނު ޑިމޮކްރެސީ ސާވޭގެ ނަތީޖާ ދައްކާގޮތުން 77 އިންސައްތަ ރައްޔިތުން ގަބޫލުކުރާގޮތުގައި 2014 ވަނަ އަހަރު ވަނީ ކޮރަޕްޝަން އަށަގެންފައިވާ މިންވަރު އިތުރުވެފައެވެ.

ޓްރާންސްޕޭރެންސީން ބުނީ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމާއި ދިވެހި ދައުލަތުގެ މައި ބޭންކު އެމްއެމްއޭއިން ކަޅުފައިސާ ދޮވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުންނާއި ރާއްޖޭގެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ މެމްބަރުންނަށާއި ސަރުކާރުގެ ވެރިންނަށް ގޮތްނޭގޭ ފައިސާތަކެއް ލިބިފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައި ކަމަށެވެ. އަދި ސަރުކާރުގެ ދާޚިލީ ވަޒީރު ވަނީ އިދިކޮޅު މެމްބަރުންވެސް މިފަހުން ހިނގާދިޔަ ކޮރަޕްޝަން މައްސަލަތަކުގައި ޝާމިލްވާކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައި ކަމަށެވެ.

"ގައުމުގެ ހާލަތު މިހެން އޮތްއިރު ކޮރަޕްޝަނުގެ މައްސަލަތައް މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަތައް ބޭރުކުރުމުން، އެކަމަށް ވޯޓުދޭ މެމްބަރުންގެ ފަސްބައިގެ ސާފުތާހިރުކަމާއި އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދެއެވެ. އަދި ތަހުގީގު ކުރާ މުއައްސަސާތަކުން ވެސް ތަހުގީގީ ރިޕޯޓު އެކުލަވާލުން ލަސްވުމާއި ފުރިހަމަ ރިޕޯޓުތައް އެކުލަވާނުލުމަކީވެސް މައްސަލަ އިތުރަށް ގޯސްވެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވާ ކަމެކެވެ" ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެއެވެ.

މިނުތަނަވަސްކަމުން ސަލާމަތްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ސިޔާސީ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކު ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ޒިންމާ އުފުލުގައި އަވަސްވުމަށް އެޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި ސަރުކާރާއި މުއައްސަސާތައް ޖަވާބުދާރީ ކުރުމަށް ރައްޔިތުން ތެދުވެ ފާރަވެރި ވުމަށް ވެސް ވަނީ ގޮވާލާފައެވެ.