އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމިންއާ ސުވާލުކުރަން ޖެހިއްޖެނަމަ ސުވާލުކުރާނެ ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމިންއާއި ސުވާލުކުރަން ޖެހިއްޖެނަމަ އެމަނިކުފާނާ ވެސް ސުވާލު ކުރާނެ ކަމަށާއި، އަދި ދާދި ފަހަކުން މަޖިލިސް ތެރޭގައި ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަތައް ވެސް ތަހްގީގު ކުރާނެ ކަމުގައި ވިދާޅުވި އެވެ.
ލުތުފީ މިހެން ވިދާޅުވީ 2015 ވަނަ އަހަރުގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަހަރީ ރިޕޯޓް އާންމުކުރުމަށް ބޭއްވި ޖައްސާގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިބައްދަލުވުމުގައި އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ ރިޕޯޓު އާއްމު ނުކޮށް ލަސްވަމުންދަނީ އަދިވެސް ބަލަންޖެހޭ މައްސަލަތަކެއް ހުރުމުން ކަމަށާއި ރިޕޯޓް އާންމު ކުރާނީ މުޅި ތަހުގީގު ނިމުމުން ކަމަށެވެ.
މުއައްވިޒު ވިދާޅުވީ ކުރިން އޭސީސީން ނިންމާފައިވަނީ އެ ތަހުގީގު ތިން ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށްފަހު ވަކިވަކިން ރިޕޯޓުތައް އާއްމު ކުރުމަށް ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީ މައްސަލާގައި ހިމެނޭ މަނީލޯންޑްރިންގެ މައްސަލަތަކާއި އަދި އެމްއެމްޕީއާރްސީގެ ތެރެއިން ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރެވެން ހުރި އެންމެ ފުރިހަމައަކަށް ކުރުމަށް ފަހު ނޫނީ ރިޕޯޓް އާއްމު ނުކުރަން މިހާރު ނިންމާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެކަމަކު އެމްއެއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަން ފާހަގަކުރަން،" މުއައްވިޒް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ އިން ދޫކުރި 19 ފަޅެއްގެ މައްސަލައާއި، 49 ރަށެއްގެ މައްސަލަ މިހާރު ބަލައި ނިމިފައިވާ ކަމަށާއި، ތަހުގީގަށް 95 ފަރާތެއްގެ ބަޔާން ނަގާފައިވާ ކަމުގައިވެސް މުއައްވިޒް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރާއްޖޭން ބޭރަށް ގެންގޮސްފައިވާ ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބައެއް އެކައުންޓްތައް ވެސް ބަލަމުންދާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އެގޮތުން 238 އެކައުންޓެއްގެ މައުލޫމާތު ހޯދާ އިތުރު ބައެއް އެކައުންޓުތަކުގެ މައުލޫމާތު ހޯދަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
މުއައްވިޒް އިތުރަށް ވިދާޅުވީ ރާއްޖޭގައި ހުރި އެކައުންޓްތަކުގެ ތެރެއިން ތުހުމަތު ކުރެވޭ އެކައުންޓްތައް ފްރީޒް ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، މިހާރުވެސް ބައެއް އެކައުންޓްތައް ފްރީޒްކޮށްފައިވާނެ ކަމަށެވެ.