ކޮރަޕްޝަނާ ގުޅުންހުރި 944 ޝަކުވާ މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފި އެވެ.

އޭސީސީ އިން މިއަދު އާންމުކުރި އެކޮމިޝަންގެ އަހަރީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު 944 ޝަކުވާ އެކޮމިޝަނަށް ހުށަހެޅިފައިވީ ނަމަވެސް ބައެއް ޝަކުވާތައް ތަކުރާރުކޮށް ހުށަހެޅިފައިވާތީ ބަލަން ނިންމީ 766 ޝަކުވާ އެވެ. އަދި އޭސީސީ އިން އިސް ނަގައިގެން މިދިޔަ އަހަރު 66 މައްސަލައެއް ބަލަން ފަށާފައިވެ އެވެ.

އޭސީސީ އަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކާއި ކޮމިޝަނުން އިސް ނަގައިގެން ބަލަން ފެށި މައްސަލަތަކާއި އެކު މިދިޔަ އަހަރު އޭސީސީގައި ޖުމްލަ 832 މައްސަލަ ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި އޭސީސީގެ އިވެލުއޭޝަނަށް ފަހު މީގެ ތެރެއިން 611 މައްސަލަ ތަހުގީގުކުރަން ނިންމާފައިވެ އެވެ.

އޭސީސީގެ މިދިޔަ އަަހަރުގެ އަހަރީ ރިޕޯޓްގައިވާ ގޮތުން ކޮމިޝަނުގެ މެންޑޭޓްގައި ނުހިމެނޭތީއާއި، ހުށަހެޅިފައިވާ މައްސަލާގައި ކޮށްފައިވާ ތުހުމަތާ ގުޅިގެން ތަހުގީގެއް ކުރިއަށް ގެންދެވޭ ވަރަށް މައުލޫމާތު ލިބިފައި ނުވާތީއާއި އަދި މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަން އިނގެން ނެތުމުގެ އިތުރަށް މައުލޫމާތު ސާފުކުރެވޭނެ ގޮތެއް ނެތުމުން 137 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވެ އެވެ.

މީގެ އިތުރުން އޭސީސީ އަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 47 މައްސަލައެއް ބެލުމަށް އެހެން އިދާރާތަކަށް ފޮނުވާފައިވާއިރު މިދިޔަ އަަހަރު ނިމުނުއިރު 37 މައްސަލައެއް އިވެލުއޭޝަން މަރުހަލާގައި އޮތް ކަަމަށްވެސް އޭސީސީގެ މިދިޔަ އަަހަރުގެ އަހަރީ ރިޕޯޓްގައިވެ އެވެ.

އޭސީސީ އިން މިދިޔަ އަހަރު 855 މައްސަލައަކާއި މެދު ގޮތެއް ނިންމާފައިވާއިރު މީގެ ތެރޭގައި މިދިޔަ އަަހަރާއި އަދި އޭގެ ކުރީގެ އަހަރު ތަކުގައި ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް ވެސް ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރު އޭސީސީ އިން ނިންމި 855 މައްސަލައިގެ ތެރެއިން 829 މައްސަލާގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ނެތް ކަމަށް ނިންމާފައިވެ އެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ 26 މައްސަލައެއް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވެ އެވެ. ނަމަވެސް އަހަރު ނިމުނުއިރު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 21 މައްސަލަ އެވެ.

ޝަރީއަތަށް ހުށަހެޅުމަށްޓަކައި މިދިޔަ އަހަރު ޕީޖީ އޮފީހަށް ފޮނުވުނު މައްސަލަތަކުގައި ދައުލަތަށް ލިބެންޖެހޭ 338,201.86 ރުފިޔާ އަނބުރާ ދައުލަތަށް ހޯދައިދިނުމަށް އެދިފައިވެ އެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވުނު މައްސަލަތަކުގައި 495.7 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދައިދިނުމަށް އެދިފައިވާނެ ކަމަށްވެސް އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވެ އެވެ.

އޭސީސީ އިން މިދިޔަ އަހަރު މާލޭގައި ހިންގި ތަހުގީގުތަކާއި ގުޅިގެން ދައުލަތުގެ 253 އިދާރާއަކަށް 346 މައްސަލައަކާއި ގުޅިގެން ހެއްކާ ގަރީނާ ހޯދަން 389 ފަހަރު އޭސީސީގެ މުވައްޒަފުން ޒިޔާރާތްކޮށްފައިވެ އެވެ. އަދި ތަފާތު މައްސަލަތަކުގައި މާލޭގައި 814 ފަރާތެއް މިދިޔަ އަހަރު ކޮމިޝަނަށް ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށްވެސް އޭސީސީ މި ރިޕޯޓްގައިވެ އެވެ. އަތޮޅުތަކަށް ބަލާއިރު ރާއްޖޭގެ 20 އަތޮޅަށް އޭސީސީގެ 23 ތަހުގީގު ޓީމު މިދިޔަ އަަހަރު ޒިޔާރަތްކޮށްފައިވާއިރު މައްސަލަތަކާއި ގުޅޭ ހެއްކާ ގަރީނާ ހޯދުމަށް މި ޓީމްތަކުން އަތޮޅު ތެރޭގެ 264 އިދާރާއަކަށް ގޮސްފައިވެ އެވެ. އަދި މިދަތުރުތަކުގައި 573 މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސް އެކިފަރާތްތަކުގެ 1590 ތަހުގީގު ބަޔާން ނަގާފައިވާ ކަމަށްވެސް އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވެ އެވެ.