އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީއަށް ރެހެންދި ފްލެޓް ދީފައިވަނީ ހިލޭ ނޫން ކަމަށާއި، އެތަނަށް އަގުދައްކަމުން ގެންދާކަމަށް އޭނަ ވިދާޅުވެއްޖެ އެވެ.

ލުތުފީ މިހެން ވިދާޅުވީ 2015 ވަނަ އަހަރުގެ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އަހަރީ ރިޕޯޓް އާންމުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ދެނެންވި ސުވާލަކަށް ޖަވާބު ދެއްވަމުނެވެ.

ލުތުފީ ވިދާޅުވީ އެނާއަށް ފްލެޓް ދީފައިވަނީ އަމިއްލަ ހައިސިއްޔަތުން ފްލެޓަށް ފައިސާ ދައްކާ ގޮތަށް ކަމަށާއި، މިހާރު ވެސް ފްލެޓަށް ފައިސާ ދައްކަވަމުން ގެންދަވާ ކަމަށެވެ.

"ފްލެޓް ގަތީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަގަށް. އެހެންވީމަ އެކަމުން ކޮމިޝަނުގެ މަސައްކަތަށް ނުފޫޒެއް ނުފޯރާނެ،" ލުތުފީ ވިދާޅުވި އެވެ.

މާލޭގައި އިމާރާތްކޮށްފައިވާ ލަގްޒަރީ ފްލެޓުން ސަރުކާރަށް ލިބުނު 10 ފްލެޓްގެ ތެރެއިން ނުވަ ފްލެޓެއް ދޫކޮށްފައިވަނީ ލުތުފީގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަށާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި އޭރު ހުންނެވި މުހުތާޒް މުހުސިން އަދި އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ބައެއް މުއައްސަސާތަކުގެ ވެރިންނަށް ރެހެންދި ފްލެޓުން އެޕާޓްމަންޓް ވިއްކާފައިވަނީ ކޮންމެ ފްލެޓެއް 1.6 މިލިއަން ރުފިޔާ އަށެވެ.

ދައުލަތަށް އެ ފްލެޓްތައް ލިބުނީ 938،000ރ. އަށެވެ.

ފްލެޓްތައް ދިނުމަށްފަހު އޭރު ސަރުކާރުން ބުނީ މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ފްލެޓް ދޫކުރީ އެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ހިފަހައްޓަން ކަމަށެވެ.