ނަޒާހަތްތެރިކަމުގެ ގައުމީ ޕްލޭން މި އަހަރު ތެރޭގައި ލޯންޗްކޮށް އެ އަށް އަމަލުކުރަން ފެށުމާއެކު ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަން އަމަލުތައް ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.

އޭސީސީގެ އަހަރީ ރިޕޯޓް އާންމުކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ލުތުފީ ވިދާޅުވީ ނަޒާހަތްތެރިކަމުގެ ގައުމީ ޕްލޭން މި އަހަރު ތެރޭގައި ލޯންޗްކުރާނެ ކަމަށެވެ.

ލުތުފީ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް މުޅި ދައުލަތަށް ޝާމިލްވާ ގޮތަށް ކުރާނެ ކަމަށާއި، ރާއްޖޭގައި ފެތުރިފައިވާ ކޮރަޕްޝަނުގެ ވަބާއާއި ދެކޮޅަށް ވަރަށް ކާމިޔާބު މަސައްކަތްތަކެއް އެ ކޮމިޝަނަށް މިދިޔަ އަހަރު ކުރެވިފައިވާ ކަމަށެވެ.

"މި އަހަރަކީ ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ އަހަރެއް. ދައުލަތު ހުރިހާ މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ މިމަސައްކަތަށް،" ލުތުފީ ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުރި ގާނޫނީ ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި އެކަށީގެންވާ އެއްބާރުލުން މަޖުލީހުންނާއި، ދައުލަތުގެ އެހެން މުއައްސަސާތަކުން ނުލިބޭ ކަމަށެވެ. ގާނޫނުލްއުގޫބާތަށް އޭސީސީން ހުށަހެޅި އިސްލާހުތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާއިރު އެ އިސްލާހުތައް އައިސްފައިނުވާތީ ކޮމިޝަންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

މުއައްވިޒު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް ހިންގުމުގައި އަމަލުކުރަން ޖެހޭ ގާނޫނުތައް ނެތުމުން އެފަދަ ކުންފުނިތަކުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރު ކުރުވުމުގައި ވެސް ގާނޫނީ ގޮތުން ދަތިތަކެއް އެބަހުރި ކަމަށެވެ.

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވަން ވަގުތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ނިޒާމެއް ނެތުމުން ދައުލަތުން އުފުލަންޖެހޭ ޒިންމާތަކާއި ލިބޭ ގެއްލުންތައް ބޮޑުވަމުންދާ ކަމަށްވެސް މުއައްވިޒު ވިދާޅުވި އެވެ.

ކޮމިޝަނަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ރައްކާތެރިކަން ލިބޭނެ ގަވާއިދު ނިމިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ގަވާއިދު ގެޒެޓްކުރެވިގެންދާނެ ކަމުގައިވެސް މުއައްވިޒް ވިދާޅުވި އެވެ.