އިސްރާއީލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް މިދާކަށްދުވަހު އިންޑޮނޭޝިޔާގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ) ގެ ކުއްލި ސަމިޓްގެ ތެރޭގައި އިންޑޮނޭޝިޔާގެ ރައީސް ޖޮކޮ ވިޑޯޑޯ، އޯ.އައި.ސީގެ 55 މެމްބަރު ގައުމަށް ގޮވާލައްވާފައި ވުމާއެކު، އިންޑޮނޭޝިޔާއިން އިސްރާއީލާއެކު ވިޔަފާރީގެ ގުޅުން ބާއްވާ މައްސަލާގައި ޚިޔާލު ތަފާތުވުންތައް އުފެދި، މައްސަލަ ހޫނުވެއްޖެއެވެ.

މައްސަލަ ހޫނުވީ، ބޭރުދުނިޔޭގެ ގައުމުތަކާއި އިންޑޮނޭޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ތަފާސްހިސާބުތައް އެގައުމުގެ ޓްރޭޑް މިނިސްޓްރީން އާންމުކުރިއިރު، އިންޑޮނޭޝިޔާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ ގައުމުތަކުގެ ލިސްޓްގައި އިސްރާއީލުވެސް ހިމެނިފައިވުމާ ގުޅިގެންނެވެ.

ދުނިޔޭގައި މުސްލިމުންގެ އެންމެ އާބާދީބޮޑު އިންޑޮނޭޝިޔާއާއާއި އިސްރާއީލާ ދެމެދު ސިޔާސީ ގުޅުމެއް ނޯވެއެވެ.

އިންޑޮނޭޝިޔާގެ ޓްރޭޑް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ބުނާގޮތުން، އެގައުމާއި އިސްރާއީލާ ދެމެދު ކުރެވުނު އެކްސްޕޯޓްގެ މިންވަރު ފަހަކަށްއައިސް ވަނީ ދަށްވެފައެވެ. ނަމަވެސް، އިމްޕޯޓްގެ މިންވަރު އިތުރުވެފައި ވާކަމަށް ދައްކައެވެ.

އިންޑޮނޭޝިޔާއާއި އިސްރާއީލާ ދެމެދު ފާއިތުވި އަހަރު އެކަނިވެސް ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 194.43 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އިންޑޮނޭޝިޔާއިން އިސްރާއީލަށް އެކްސްޕޯޓްކުރި ނިސްބަތް ވަނީ 15.96 ދަށްވެފައެވެ. އިންޑޮނޭޝިޔާއިން އިސްރާއީލަށް އެކްސްޕޯޓްކުރާ މުދަލުގެ ތެރޭގައި ކާށިތެލާއި، ރަބަރު ހިމެނެއެވެ.

އިމްޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑޮނޭޝިޔާއިން މިދިޔަ އަހަރު ވަނީ 77.30 މިލިއަން އެމެރިކާ ޑޮލަރުގެ އިމްޕޯޓްގެ މުއާމަލާތް އިސްރާއީލާއެކު ކޮށްފައެވެ. މިއީ، އޭގެ ކުރީއަހަރާ އަޅާބަލާއިރު 456.5 އިންސައްތަ އިތުރު އަދަދެއްކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އިންޑޮނޭޝިޔާއިން އިމްޕޯޓްކުރާ މުދަލުގެ ތެރޭގައި ކެމިކަލްއާ ގުޅުންހުރި މުދަލާއި، މަތީފެންވަރުގެ ޓެކްނޯލޮޖީއާ ގުޅުންހުރި މުދާ ހިމެނެއެވެ.

މީގެއިތުރުންވެސް، އަހަރެއްގެ މައްޗަށް އިންޑޮނޭޝިޔާގެ އެތައްސަތޭކަ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައި އިސްރާއީލަށް ޒިޔާރަތް ކުރެއެވެ.

އިސްރާއީލުގެ ވިޔަފާރި އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އޯ.އައި.ސީގެ ސަމިޓްގައި ރައީސް ވިޑޯޑޯ ގޮވާލެއްވުމާއި، އިންޑޮނޭޝިޔާ ސަރުކާރުގެ އަމަލުތައް އެޔާ ފުށުއަރާ މައްސަލާގައި އާންމުން ސުވާލު އުފައްދަން ފެށުމުން އެކަމަށް ރައްދު ދެއްވައި އިންޑޮނޭޝިޔާގެ ރިޔާސީ ތަރުޖަމާނު ވިދާޅުވީ، ބޮއިކޮޓްކުރުން މާނަކުރަނީ ފަލަސްތީނުގެ މައްސަލާގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތުތައް ކަމަށެވެ. އޭގެ ޒާތުގައި މުދާ ނޫންކަމަށެވެ.

އިންޑޮނޭޝިޔާގެ ކޯޑިނޭޓިންގ މިނިސްޓަރ ފޮރ ސެކިއުރިޓީ، ޕޮލިޓިކްސް އެންޑް ލީގަލް އެފެއަރޒް ލުހުތު ޕަންޖައިޓަން ވެސް ވިދާޅުވީ، ބޮއިކޮޓް ސިޔާސަތު ތަންފީޒު ކުރުމުގައި ފަލަސްތީނު ރައްޔިތުންގެ މަސްލަހަތަށް ބަލަންޖެހޭނޭ ކަމަށެވެ.

"ބޮއިކޮޓް ކުރުމަކީ ހަމައެކަނި ރޫހް. ބޮއިކޮޓް ކުރުމަށް ގޮވާލެއްވި ގޮވާލެއްވުމަށް އަމަލުކުރުމުގައި ވަރަށް ފަރުވާތެރިވާންޖެހޭ. ސަބަބަކީ، އިސްރާއީލުން (އިންޑޮނޭޝިޔާއަށް) އެތެރެކުރާ ގިނަ އުފެއްދުންތަކަކީ ފަލަސްތީނު ރައްޔިތުންގެ އުފެއްދުންތައް. ފަލަސްތީނުގެ އަޚުންނަށް ގެއްލުމެއް ލިބޭގޮތަށް އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ" ލުހުތު ޕަންޖައިޓަން ވިދާޅުވިއެވެ.