އިނގިރޭސިވިލާތުގެ ސަރުކާރުން، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އެކަށައަޅައި އަމަލުކުރަން ފެށި ސިޔާސަތުގެ ދަށުން ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ މަންމާފުޅުގެ ވަޒީފާ ގެއްލިއްޖެއެވެ.

ޑޭވިޑް ކެމަރަންގެ މަންމާފުޅު، އުމުރުފުޅުން 81 އަހަރުގެ މޭރީ ކެމަރަންއަކީ، އޮކްސްފޯޑްޝަޔަރގައި ހުންނަ ކުޑަކުދިން ބަލަހައްޓާ ސެންޓަރެއްގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. ކެމަރަންގެ މަންމާފުޅަކީ ރިޓަޔަރ ކުރައްވާފައިވާ މެޖިސްޓްރޭޓެކެވެ.

ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ޑޭވިޑް ކެމަރަންގެ މަންމާފުޅު މަސައްކަތް ކުރައްވަމުން ގެންދަވާ ކުޑަކުދިންގެ ސެންޓަރު މިމަހުގެ 24 ގައި މުޅިން ބަންދުކުރުމަށް ކެމަރަންގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެތަން ބަންދުކުރާއިރު އެތަނުގައި 44 ކުޑަކުދިން މިހާރުވެސް އެބަ ތިއްބެވެ.

ކުޑަކުދިންގެ ސެންޓަރު ބަންދުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެކަމާ ދެކޮޅުހަދައި މިދިޔަމަހު ސަރުކާރަށް ހުށަހެޅި ޕެޓިޝަންގައި ކެމަރަންގެ މަންމާފުޅު މޭރީއާއި، ދައިތާފުޅު ކްލެޔަރވެސް ސޮއިކުރައްވާފައި ވެއެވެ.

އިނގިރޭސިވިލާތުގެ "މިރާރ" ނޫހަށް މައުލޫމާތު ދެއްވަމުން މޭރީ ކެމަރަން ވިދާޅުވީ، ކުޑަކުދިންގެ ސެންޓަރު ބަންދުކުރާކަން ވެސްޓް ބާރކްޝަޔަރ ކައުންސިލުން ކަށަވަރުކޮށްދިނުމުން، ވަރަށްބޮޑު ހިތާމަފުޅެއް ލިބިވަޑައިގެންނެވި ކަމަށެވެ. "އަޅުގަނޑު ވަރަށް ހިތާމަކުރަން އެތަން ބަންދުކުރަން އުޅޭތީ. އެކަމަކު ބޭނުންވާ ވަރަށް ފައިސާ ނެތްނަމަ ޖެހޭނީ ހުއްޓާލަންތާ" ޑޭވިޑް ކެމަރަންގެ މަންމާފުޅު މޭރީ ވިދާޅުވެފައި ވެއެވެ.

މޭރީ ވިދާޅުވީ، ކުޑަކުދިންގެ ސެންޓަރު ބަންދުކުރަން އުޅޭ މައްސަލާގައި އަޅުއްވާނެ ފިޔަވަޅެއް އެކަމަނާއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން، ދަރިކަލުން ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ވާހަކަފުޅު ދެއްކެވިންތޯ ނޫހުން ސުވާލު ކުރުމުން މޭރީ ވިދާޅުވީ، ވާހަކަފުޅު ނުދައްކަވާ ކަމަށާއި، ދަރިކަލުންގެ ކަންކަމާ އެކަމަނާ ބެހިވަޑައި ނުގަންނަވާ ކަމަށެވެ. "މިކަމަށް އެހީތެރިވުމުގައި ތިބޭފުޅުންނަށް ކަމެއް ކޮށްދެއްވިއްޖެއްޔާ ވަރަށް ރަނގަޅު" މޭރީ ކެމަރަން މިރާރގެ ނޫސްވެރިޔާއަށް ދިމާއަށް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން، ޑޭވިޑް ކެމަރަންގެ މަންމާފުޅު މަސައްކަތް ކުރައްވާ ކުޑަކުދިންގެ ސެންޓަރު ބަންދުކުރަނީ ރަނގަޅަކަށެވެ. އެ ސެންޓަރު ބަންދު ކުރުމުން ވެސްޓް ބާރކްޝަޔަރ ކައުންސިލްގެ ޚަރަދުން 300،000 ޕައުންޑް ސަލާމަތް ކުރެވެއެވެ.

އިނގިރޭސިވިލާތުގައި މިހާރުވެސް 3،000 އަށްވުރެ ގިނަ ކުޑަކުދިން ބަލަހައްޓާ ސެންޓަރު ހުރެއެވެ. އެތަންތަނުގެ ބޭނުން މިލިއަނަކަށްވުރެ ގިނަ އާއިލާތަކުން ހޯދާކަމަށް ވެއެވެ. އެ ސެންޓަރުތަކުން ގިނަ ޚިދުމަތް ދެނީ އެއްވެސް އަގެއް ނުނަގައެވެ.

ޑޭވިޑް ކެމަރަން 2010 ވަނަ އަހަރު ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް އެޅުއްވި ފިޔަވަޅުތަކުގެ ދަށުން، ސަރުކާރުގެ ޚަރަދުތަކުން %40 ކަނޑުއްވާލެއްވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، ސަރަހައްދީ ކައުންސިލްތަކުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުޑަކުދިން ބަލަހައްޓާ 631 ސެންޓަރު މިހާތަނަށް ބަންދުކޮށްފައި ވެއެވެ.