އެމްޑީޕީގެ ކަންބޮޑުވުންތަކާއިމެދު މަޝްވަރާކުރުމުގެ ގޮތުން ދެވަނަ ފަހަރަށްވެސް މަޝްވަރާގެ ދައުވަތު ސަރުކާރުން އެމްޑީޕީއަށް ދީފިއެވެ.

ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާގޮތަށް ފެށި މަޝްވަރާތަކަށް އެމްޑީޕީން ހާޒިރުނުވުމުން ސަރުކާރުން ވަނީ އެމްޑީޕީއާއިއެކު ވަކިން މަޝްވަރާކުރުމަށް ހުށައަޅުއްވާފައެވެ. ނަމަވެސް އެދައުވަތުވެސް އެޕާޓީން ގަބޫލްކޮށްފައެއް ނުވެއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގެ ދައުވަތު ދެވަނަ ފަހަރަށް އެމްޑީޕީއަށް ދީފައިވާކަމަށެވެ. އަދި މަޝްވަރާ ބައްދަލްވުމަށް މާދަމާ 2:30 އަށް ރައީސް އޮފީހަށް ދައުވަތު ދީފައިވާނެކަމަށް ޝައިނީ ވިދާޅުވިއެވެ.

މީގެ އިތުރަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކަންބޮޑުވުންތަކާބެހޭގޮތުން މަޝްވަރާކުރުމަށް އެ ޕާޓީއަށް ސަރުކާރުން އަނެއްކާވެސް ދަޢުވަތު ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ނޫސްބަޔާނެއްވެސް ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު، ކުރިޔަށް ގެންދަވަން ނިންމަވާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަކީ، ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަކަށްވެސް ޙައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ މަޝްވަރާތަކަކަށްވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކަންބޮޑުވުންތަކާބެހޭގޮތުން މަޝްވަރާކުރުމަށް މާދަމާ 2:30 އަށް ރައީސް އޮފީހަށް ވަޑައިގެން ދެއްވުމަށް އެ ޕާޓީއަށް ސަރުކާރުން އަނެއްކާވެސް ދަޢުވަތު ދީފައިވާަކަމަށެވެ.

މި މަޝްވަރާތަކަށް ސަރުކާރުން އިސްނަންގަވާފައިވަނީ، ހުރިހާ ފަރާތްތަކަކަށް އިތުބާރުހިފޭ މާހައުލެއް ގާއިމުކޮށް، ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް މަސައްކަތްކުރުމަށް ކަމަށްވާތީ، ހެޔޮ ނިޔަތުގައި ސަރުކާރުން ކުރިޔަށްގެންދަވާ މި މަޝްވަރާތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބައިވެރިވުމަށް ސަރުކާރުން އިލްތިމާސް ކުރައްވާކަމަށް ވަނީ ބުނެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެމްޑީޕީއަށް ސަރުކާރުން ދިން ދައުވަތު ގަބޫލުނުކޮށް އެމްޑީޕީން މަޝްވަރާއަށް ހާޒިރުނުވުމުން މިމަހުގެ 8 ވަނަ ދުވަހު އޮތް ބައްދަލްވުންވެސް ވަނީ ކެންސަލްކޮށްފައެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް މިމަހުގެ ދެވަނަ ދުވަހުގެ ރޭ ފަށާފައިވާއިރު އެ ބައްދަލުވުމަށް ދައުވަތު ދެވުނު ހަ ޕާޓީގެ ތެރެއިން ހާޒިރުވެފައި ނުވަނީ އެމްޑީޕީއާއި އަދާލަތު ޕާޓީންނެވެ. މާޗް މަހުގެ ތިންވަނަ ދުވަހު ވެސް ޕާޓީ ތަކުގެ މަޝްވަރާ ބައްދަލުވުން ބާއްވަން ނިންމާ އެމްޑީޕީއާއި އަދާލަތު ޕާޓީއަށް މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދެވުނެވެ. ނަމަވެސް ދެވަނަ ދުވަހުގެ މަޝްވަރާތަކަށް ވެސް މި ދެ ޕާޓީ ހާޒިރުނުވުމުން ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް ވަނީ ކުރިއަށްދާ ގޮތް ނުވެފަ އެެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނީ މަޝްވަރާތަކަށް ދެވޭނީ ނުހައްގުން ދައުވާކޮށް ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނާއި ނުހައްގު ދައުވާތައް އުފުލާފައިވާ ސިޔާސީ ފަރާތްތައް މިނިވަންކުރުމުން ކަމަށެެވެ. ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީ އާއި އަދާލަތު ބައިވެރި ކުރުމަށް ބާރު އެޅުމަށް ދިވެހި ސަރުކާރުން ވަނީ އދ. ގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.