ޏ. ފުވައްމުލަކު ދޫޑިގަމް އާސްމާނުގޭ އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ފަށައިފި އެވެ.
މި މައްސަލައިގައި މިއަދު މެންދުރުފަހު އޮތް އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމުގައި ފަރީދުގެ ވަކީލް އަހްމަދު ޒަނީން އާދަމް ވިދާޅުވީ ފަރީދާ ދެކޮޅަށް ދިން ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށާއި ހެކިބަސް ދީފައި ވަނީ ވެސް މާރާމާރީގައި ބައިވެރިވި މީހުން ކަމަށެވެ. އަދި އެ މީހުން ހެކިބަސް ދީފައިވަނީ ތަހުގީގު ބަޔާނާ ހަވާލާދީގެން ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފަރީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ 7 ޖެނުއަރީ 2010 ވަނަ ދުވަހުގެ ރޭ ފަރީދު އިތުރު ބަޔަކާ އެކު ފުވައްމުލައް ދޫޑިގަން ބޮޑުފަންނު މަގާ ބަހާރުމަގާ ގުޅޭ ހިސާބުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާ ދިމާލު ކަނާތު އަރިކައްޓަށް އޭނާގެ އަތުގައި އޮތް ވަޅި އެއްފަހަރު ހަރާލާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ދައުލަތުން ފަރީދުގެ މައްޗަށް ކުރި ދައުވާއަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ޖަވާބުދާރީވާން ތައްޔާރުވުމަށް އެންގެވުމަށް ފަހުގައެވެ. އަދި ހެކިންގެ ހެކި ބަހާ ގުޅޭގޮތުން ވާހަކަ ދައްކަން ފަހުން ފުރުސަތު ދޭނެ ކަމަށްވެސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
ފަރީދު މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 13 މެއި 2015 ގައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހު އެވެ.