ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖަލު ހުކުމް އިއްވިތާ މިއަދަށް އެއް އަހަރު ވެފައިވާއިރު، އެމަނިކުފާނު ޖަލުގައި ހޭދަކުރެއްވީ 8 މަހާއި 15 ވަރަކަށް ދުވަސް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ މީޑިއާ އޮފިސަރު ހަސަން އަލީ ވީނިއުސްއަށް ވިދާޅުވީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދު ޖަލުގައި ހޭދަކުރައްވާފައިވަނީ 8 މަހާއި 15 ވަރަކަށް ދުވަސް ކަމަށެވެ. އަދި ހުކުމް އިއްވި ފަހުން 9 ހަފުތާ އެމަނިކުފާނު ހުންނެވީ ގޭބަންދުގައި ކަަމަށް ހަސަން ވިދާޅުވިއެވެ.

ރައީސް ނަޝީދު މިވަގުތު ހުންނެވީ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވެ.

ރައީސް ނަޝީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުން އެމަނިކުފާނަށް ސަރުކާރުން ދިން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާއިރު، ކަރެކްޝަނުން ބުނެފައިވަނީ އެމަނިކުފާނު މިވަގުތު ބޭރުގައި ހުންނެވީ ހުއްދަ ދީގެން ނޫން ކަމަށެވެ. ރައީސް ނަޝީދަށް ސަރުކާރުން ދީފައިވާ މުއްދަތަށް 2 މަސްދުވަސް އިތުރުކުރަން އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.

އެކަމަކު އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވި ލިޔެކިޔުންތައް ފުރިހަމަނުވުމާއި، ސައްހަކަން ކަށަވަރުނުކުރެވުމުން މިއަދާ ހިސާބަށްވެސް މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމާފައި ނުވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސުން މައުލޫމާތުދެއެވެ.

ކަރެކްޝަނުން އެދުނު ގޮތަށް ލިޔުންތައް އަލުން ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ބުނެފައިވެއެވެ. ކަރެކްޝަނުން ވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ މައުލޫމާތު ފޮނުވައިދިނުމަށް ރައީސް ނަޝީދުގެ ބައްޕާފުޅަށް ސިޓީއަކުން އަންގާފައެވެ.

އެކަމަކު ކަރެކްޝަނުގެ މީޑިއާ އޮފިސަރު ވިދާޅުވީ އެސިޓީގެ ޖަވާބުވެސް މިއަދާ ހިސާބަށްވެސް ނުލިބޭ ކަމަށެވެ. މިއަދާ ހިސާބަށް އައިއިރު 26 ދުވަސް ރަސްމީ އެއްވެސް ފަރާތެއްގެ ހުއްދަޔަކާ ނުލާ ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހޭދަކުރައްވާފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ލިޔުންތައް އަލުން ހުށަހެޅުއްވުމަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށެވެ.

އެކަމަކު އިތުރުކޮށްދޭނެ މުއްދަތެއް ނިންމާނީ މެޑިކަލް ބޯޑުން ކަމަށް ވެސް ކަރެކްޝަނުގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާލާސްކަންފުޅާ ގުޅޭ ގޮތުން ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވީ ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިނުގަންނަވާކަން މިހާރު އެނގޭ ކަމަށާއި، އޭގެ ބަދަލުގައި މިހާރު ޖެހެނީ އިންޖެކްޝަނެއް ޖަހަން ކަމަށެވެ.

އެކަން ކުރައްވައިގެން އެނބުރި ރާއްޖެ ވަޑައިގަތުމަށް ރައީސް ނަޝީދަށް ދަންނަވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވަނީ އެނބުރި ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، އެކަމަކު ރާއްޖެއަށް ވަޑައިގަތުމުގެ ކުރިން ސިޔާސީ މަސްރަހު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.