ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު 10 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ މާދަމާއަށް ތާވަލުކޮށްފިއެވެ.

އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހުއެވެ.

މައްސަލާގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 2:00އަށެވެ.

ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ މުހައްމަދު ނަޝީދު ނިންމެވުމުން، ތޮލްހަތު އެކަން ރާވައި ހިންގާފައިވާކަން ޝަރީއަތަށް ސާބިތުވާތީ، އޭނާ 10 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 އޭޕްރީލް 10 ވަނަ ދުވަހުއެވެ.

ތޮލްހަތުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. ތޮލްހަތުގެ މައްސަލާގައި ސިފައިންގެ ތިން ބޭފުޅަކު ވަނީ ތޮލްހަތާ ދެކޮޅަށް ހެކިބަސްދެއްވާފައެވެ.

ތިން ބޭފުޅުންގެ ހެކި ބަހުގައިވެސް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ސިފައިންގެ އޮފިސަރުންތަކަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ސިފައިން ނަންގަވަން ނުޖެހޭނެ ކަމަށާއި، އަމިއްލަފުޅަށް ޒިންމާ ނަންގަވާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށެވެ.

ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި އޭރުގެ ރައީސުލްޖުމުހުރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

އެމަނިކުފާނަށް ކުރި ޖަލު ހުކުމްވެސް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.