ސައުދީ އަރަބިއްޔާ އިން އެކުލަވާލާފައިވާ އިސްލާމީ ލަޝްކަރުން "ތަންޑަރ އޮފް ދަ ނޯތު" ގެ ނަމުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީންތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އަށް އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން މަރުޙަބާ ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި ސިފައިންގެ ސީނިއަރ އޮފިސަރުންނެވެ.

މިމަހު 8 ން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯސް ސައުދީ ޢަރަބިއްޔާ އަށް ކުރެއްވި މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގައި ހިންގި "ތަންޑަރ އޮފް ދަ ނޯތު" އަސްކަރީ ތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ވަނީ ބައްލަވާލައްވާފައެވެ. މިތަމްރީނުތަކުގެ ފައިނަލް އެކްސަސައިޒް ބާއްވާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުކަމަށް އެމްއެންޑީއެފުން ބުނެއެވެ.