ރަސްމީ ދަތުރެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތިން އޮފިސަރަކު މިއަދު ސައުތު ކޮރެއާއަށް ފުރާވަޑައިގެންފިއެވެ.

މިދަތުރަކީ މާރޗް 14 އިން 18 އަށް ސައުތު ކޮރެއާގެ ސޯލްގައި އޮންނަ “ފަސްވަނަ އޭޝިއަން ކޮންފަރެންސް އޮފް ކަރެކްޝަނަލް ފެސިލިޓީސް އަރކިޓެކްޓް އެންޑް ޕްލޭނާރސް” (އޭ.ސީ.ސީ.އެފް.އޭ) ގައި ބައިވެރިވުމަށް އެތިން އޮފިސަރުން ކުރައްވާ ދަތުރެއްކަމަށް އެމްސީއެސްއިން ބުނެއެވެ.

މިދަތުރުގައި މަޝްވަރާ ކުރެވޭނީ ދުނިޔޭގެ ޖަލުތައް ޑިޒައިން ކުރެވިފައިވާ ގޮތްތަކާ ބެހޭ ގޮތުންނެވެ. އަދި ޖަލުތައް ޑިޒައިން ކުރާއިރު ވިސްނަންޖެހޭ ކަންތައްތަކާއި، މިހާރު ހުރި މައްސަލަތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެކަމަށް ކަރެކްޝަނަލް ސާރވިސްއިން ބުނެއެވެ.

މިބައްދަލުވުމުގައި ދުނިޔޭގެ ތަފާތު 12 ގައުމަކުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބައިވެރިވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލްއާއި، މާފުށި ޖަލުގެ ޑައިރެކްޓަރ، ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ޝާހީން އަލީ ގެ އިތުރުން އެމަޖެންސީ ސަޕޯޓް ގްރޫޕް (އީ.އެސް.ޖީ) ގެ ކޮމާންޑިން އޮފިސަރ، ޗީފް ޕްރިޒަން އޮފިސަރ އަބްދުލް ޣަނީ އެވެ.