މިހާރުހުރި މައްސަލަތަކަށް ހައްލުހޯދުމަށް އެމްޑީޕީއާއި އަދާލަތު ޕާޓީވެސް މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސް އަބުދުﷲ ޔާމީން މިހެން ވިދާޅުވީ "ސުނާމީ ބިނާ މައިޒާން" ހުޅުވުމަށް މިރޭ ތިން ރުއް ޕާކް ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ ހުރިހާ ހައްގުތަކަކަށްވެސް އިހްތިރާމް ކުރަމުންކަމަށެވެ. އެހެންކަމަށްވީއިރު، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މަސައްކަތުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއާއި އަދާލަތު ޕާޓީންވެސް މަޝްވަރާގެ މޭޒަށް އައިސް ކަންކަމާއިމެދު މަޝްވަރާކޮށް އެކަންކަން ހައްލުކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ.

"އެބޭފުޅުން (އެމްޑީޕީއާއި އަދާލަތު)ގެ ލީޑަރުން މިއަދު އެތިއްބެވި ހާލަތުގެ ވާހަކަވެސް ދެއްކޭނީ މަޝްވަރާގެ މޭޒަށް އައިސްގެން ދެއްތޯ." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ގައުމުގައި ހިނގަމުންދާ ބައެއް ކަންކަމުގެ ސަބަބުން ދެކެވޭ ވާހަކަތަކާއި ގުޅިގެން މިއަދު އަބަދުވެސް ތިބެންޖެހިފައިމިވަނީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށެވެ. ބައެއް ޖަމާއަތްތަކާއި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ވާހަކަތައް ދައްކަމުންދާއިރު، މިކަންކަމުން ސަލާމަތްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން ހައްލުވާނީ މަޝްވަރާކޮށްގެންކަމަށާ ސަރުކާރުގެ އިހްލާސްތެރިކަން ހުރި މިންވަރެއް ބެލުމަށްޓަކައިވެސް މަޝްވަރާގެ މޭޒަށް އަންނަންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާން ބޭނުންވާ ކޮންމެ މީހަކުވެސް އެކަންކުރަންވީކަމަށާ ނަމަވެސް ރައީސްކަމަށް ކުރިމަތިލާންޖެހޭނީ ކުރިން ހުރި ރައީސަށްވުރެ އިތުރަށް ގައުމަށް ހިދުމަތްކުރުމުގެ ވިސްނުން ހުރެގެންކަމަށެވެ.

މިރޭ ހުޅުވުނު "ސުނާމީ ބިނާ މައިޒާން" އާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ބޮޑު އާބާދީއެއް އޮތް ރަށެއްގައި މިފަދަ ހިތްފަސޭހަ ތަންތަން ތަރައްގީކުރެވެން ޖެހޭކަމަށާ އެފަދަ ތަންތަން އިތުރުވެެގެންދިއުމަކީ ވަރަށް ބޮޑަށް އުފާކުރައްވާކަމެއް ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ މާލޭގައި ދިރުއުޅޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ވިސްނަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން ކަންކަމާއިމެދު އުފެއްދުންތެރި މަޝްވަރާތަކެއްކޮށް ގެންނަންޖެހޭ ހެޔޮ ބަދަލްތައް ގެންނަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ރައީސް ވިދާޅުވީ މާލެ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު، މުޅި މާފަންނު ކޮޅަށް ހެޔޮ ބަދަލްތަކެއް އަންނަމުންދާކަމަށެވެ. މާފަންނުކޮޅުގައި ރަސްފަންނު ބީޗާއި، ރައިވެރިބޭގެ މައިޒާނުގެ އިތުރަށް މިރޭ ހުޅުވުނު ސުނާމީ ބިނާ މައިޒާނާއިއެކު ސަރުކާރުން އުންމީދުކުރަނީ އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި އަޅާ އައު ހޮސްޕިޓަލްގެ އިމާރާތް އަވަހަށް ނިމި މިއީ މިސަރަހައްދުގައިވެސް ހުރި އެންމެ ރަނގަޅު ހޮސްޕިޓަލަށް ވެގެންދިއުންކަމުގައި ރައީސް ވިދާޅުވިއެވެ.