ތިން ރުއްޕާކުގައި ސުނާމީ ބިނާ ބެހެއްޓުމަށްފަހް އެ ސަރަހައްދު ތަރައްގީކޮށް މިރޭ ހުޅުވައިފިއެވެ.

"ސުނާމީ ބިނާ މައިޒާން" މިނަމުގައި ތިން ރުއްޕާކް ސަރަހައްދު ތަރައްގީކުރުމަށް ފަހް އެތަން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.

ޕާކެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ތިން ރުއް ޕާކު ސަރަހައްދު މިހާރު ފެންނަން އޮތީ ވަރަށް ހިތްގައިމު ސަރަހަދެއްގެ ގޮތުގައެވެ. ސުނާމީ ބިނާކުރިން ހުރިތަނުން އެ ބިނާ ނެގީ މާލެ ހުޅުމާލޭ ބުރިޖް މަސައްކަތް ކުރުމަށް އެ ސަރަހައްދު ބޭނުންކުރަން ޖެހުމުގެ ސަބަބުންނެވެ.

ސުނާމީ ބިނާ ތިން ރުއްޕާކް ސަރަހައްދުގައި ބަހައްޓަން ނިންމިއިރު އެތަން އޮތީ އަޑިއަށް ގަނބައިގެންދާ ގޮތަށް ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަލުން އެސަރަހައްދު ތަރައްގީކޮށް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ހުޅުވިގެންމިދިއައީ ބޮޑެތި މަސައްކަތްތަކެއް ކުރުމަށްފަހްކަމަށް ހައުންސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ތިއް ރުއް ޕާކް ސަރަހައްދުގައި ކުރިން ހުރި ތިލަފުއްޓަށް ކުނި އުކާ ބާޖުތައްވެސް މިހާރު ވަނީ އެސަރަހައްދުން ނަގާފައެވެ.

"ސުނާމީ ބިނާ މައިޒާން" ހުޅުވުމަށްފަހް ހައުންސިން މިނިސްޓްރީން ވަނީ އެމަސައްކަތް ކުރިއަށް ދިޔަގޮތުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އަލްބަމެއް ރައީސް އަބުދުﷲ ޔާމީނަށް އަރުވާފައެވެ.

އަދި 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހިނގާދިޔަ ހިތާމަވެރި ސުނާމީ ކާރިސާގެ ހަނދާންތައް އައުކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއްވެސް ވަނީ ދައްކުވައިދީފައެވެ. ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްފައިވާ މީހުންގެ ހަނދާނުގައި ލޮނުޒިޔާރަތް ކޮޅުގައި ހެދި ބިނާ އެކެވެ.