މާލޭގެ ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފައިވަނިކޮށް އެސަރަހައްދަށް މިރޭ މޫދަށް އެރުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުނު ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެމީހުން ހައްޔަރުކުރީ އެއީ މަނާކަމެއްކަމަށް ތަކްރާރްކޮށް ބުނެދިނުމުންވެސް އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުންކަމަށް ފުލުހުން ބުނެއެވެ.

މިމަހުގެ 4 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި ބްރިޖު އެޅުމުގެ މަަސައްކަތް ހިނގަމުންދާތީ އެ ސަރަހައްދަށް މޫދަށް އެރިއުޅުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އެހެންކަމުން ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ނިމެންދެން އެސަރަހައްދަށް މޫދަށް އެރުން މަނާ ކުރެވިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ މާލޭ އިރުމަތީ ފަރާތު ކަނޑުތޮށިން ފެށިގެން ހުޅުލެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގައި ބްރިޖުގެ މަސައްކަތް ކުރުމަށް ބޮޑެތި ބޯޓް ތަކެއް ބްރިޖު މަސައްކަތަށް ބޭނުންވާ ސާމަނާ އެކު ހަރަކާތްތެރިވަމުންދާތީ އެ ސަރަހައްދަށް މޫދަށް އެރުން އެއީ ރައްކާތެރިކަމެއް ނޫންކަމަށެވެ. އަދި އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް އެހެން ގޮތްތަކެއް ހޯދައިދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ރާޅުގަނޑު ސަރަހައްދަށް މޫދަށް އެރުން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެކުރިންވެސް ރާޅާ އެޅުންތެރިން ވަނީ ރާޅުގަނޑު ސަރަހައްދު ބަންދުކުރުމުން މޫދުގައިވެސް އަދި ރާޅުގަނޑު ސަރަހައްދުގައިވެސް އިހްތިޖާޖްކޮށްފައެވެ. މީގެކުރިން ކުރިއަށް ގެންދިޔަ ބައެއް އިހްތިޖާޖްތަކާއި ގުޅިގެންވެސް ގިނަ އަދަދެއްގެ ރާޅާއެޅުންތެރިން ވަނީ ހައްޔަރުކޮށްފައެވެ.