ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި މަސައްކަތްކޮށްފައިވަނީ ގައުމު ފަނާކުރުމަށްކަމަށާ މިސަރުކާރުން ކުރަމުންދާ މަސައްކަތަކަކީ ގައުމު އާރާސްތުކުރުމުގެ މަސައްކަތްކަމަށް ހައުންސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ސުނާމީ ބިނާ މައިޒާން" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިއަދު ރާއްޖެ ބަދުނަމާކޮށް މުޅި ނިޒާމް ހަލާކުުުރުމަށް މަސައްކަތްކުރަމުން ގެންދާ މީހުންނަކީ މީގެ ކުރިން ވެރިކަންކުރުމަށް ލިބުނު ތިން އަހަރުގެ މުއްދަތުގައި ގައުމު ފަނާކުރަން މަސައްކަތްކުރި މީހުންކަމަށެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ނަޝީދުގެ ސަރުކާރުގެ އަމަލްތައް ހުރިގޮތުން ހުރިހާ ކަމެއްވެސް ދިޔައީ ފަނާވެގެންކަމަށާ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން މިއަދު ކުރަމުން ގެންދާ މަސައްކަތަކީ ގައުމު ތަރައްގީކުރުމުގެ މަސައްކަތްކަކަށެވެ.

އަދި މިއަދުވެސް އެ މަސައްކަތް ހުއްޓާނުލާ ކުރަމުން ގެންދާކަން ފާހަގަކުރައްވާ މިނިސްޓަރު މުއިއްޒު ވިދާޅުވީ އިިދިކޮޅު ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފަލްސަފާއަކީ ޝައިތާނީ ނުވަތަ ޔަހޫދީންގެ ފަލްސާއެއްކަމަށެވެ.

"އެއީ ދޮގު ހެދުން. ދޮގު ވާހަކައެއްވެސް ވަކި ވަރަކަށްވުރެ ގިނައިން ދެއްކުމުން ދެން މީހުންނަށް ހީވާން ފަށާނެ އެއީ ހަގީގަތެކޭ. މިއީ މިއަދު އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ފަލްސަފާއަކީ. އަޅުގަނޑު ދަންނަވާނީ މިއީ ޝައިތާނީ ފަލްސަފާއެކޭ." މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ދިވެހިންނަކީ މުސްލިމުންކަމަށާ އެހެންކަމުން އެފަދަ ދޮގު ވާހަކަތައް ދެއްކުމަށް ފުރުސަތު ދީގެންނުވާނެކަމަށެވެ.

އަދި މިއަދު ދޮގު އިލްޒާމްތައް އަޅުވާ ދޮގު ވާހަކަތައް ފަތުރަމުންދަނީ ތަރައްގީ ފަހަތަށް ޖައްސާ ގައުމު ފަނާކުރުމަށްކަމަށް ރައްޔިތުން ވިސްނަންޖެހޭކަމަށްވެސް މިނިސްޓަރު މުއިއްޒު ވަނީ ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ސުނާމީ ބިނާ މައިޒާން ތަރައްގީކޮށް ނިމިފައިވާއިރު، ރަސްފަންނާއި މައިޒާނާއި ދޭތެރޭ ޖޮގިން ޓްރެކެއް އެޅުމަށް ނިންމާފައިވާކަމަށެވެ.

"މިއީ ގާތްގަނޑަކަށް 700 މީޓަރު ހުންނާނެ އެންމެ ޒަމާނީ ޖޮގިން ޓްރެކެއް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަރައްގީއަށް ރައްޔިތުން އެދޭއިރު، އެ މަސައްކަތްކުރާ ބަޔަކާއިއެކު ރައްޔިތުން ތިބެންޖެހޭކަމަށެވެ.