އެމްޑީޕީގެ ކަންބޮޑުވުންތަކާއި މެދު މަޝްވަރާކުރުމަށް އަލުން ދައުވަތު ދިންނަމަވެސް މަޝްވަރާއަށް ނުދާން ކުރިން ނިންމި ނިންމުން ބަދަލްކޮށްފައިނުވާކަމަށް މޯލްޑިިވިއަން ޑިމޮކްރަޓިކް ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބް އަލީ ނިޔާޒް ވިދާޅުވީ ވަކިން މަޝްވަރާކުރުމަށް އެދި ސަރުކާރުން ފޮނުވާފައިވާ ސިޓީއާއި ގުޅޭގޮތުން އެޕާޓީން އަދި އެއްވެސް ނިންމުމެއް ނިންމާފައިނުވާނެކަމަށެވެ.

އަދި މަޝްވަރާކުރުމާއި ގުޅޭގޮތުން މީގެކުރިން ނިންމާފައިވާ އެއްވެސް ނިންމުމަކަށް ބަދަލް ގެނަމަށް ނިންމާފައިނުވާކަމަށްވެސް ނިޔާޒް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ސުޓޭންޑަކަށް އެއްވެސް ބަދަލެއް ނާދޭ. އަދި މަޝްވަރާކުރަން ޖެހޭނީ މޭޒު ކައިރިން ސިޓީ ފޮނުވައިގެނެއް ނޫން." ނިޔާޒް ވިދާޅުވިއެވެ.

މަޝްވަރާތަކާއި ގުޅިގެން އެމްޑީޕީން ކުރިން ބުނީ ޖަލުތަކުގައި ތިބޭ މީހުންނަށް މައާފު ދިނުމާއި، ލުއިދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ލިބިވަޑައިގެންފައިވާ ބާރަކަށް ވާތީ އެކަމުގައި އެމްޑީޕީއާއި ސަރުކާރުން ކުރަންޖެހޭ އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން ސިޔާސީ މައިދާނުގައި މިވަގުތު ހަރަކާތްތެރިވަމުންދާތީ ސަރުކާރާ މަޝްވަރާކުރަން ދިޔަ ނަމަވެސް އެމްޑީޕީން ދާނީ އަދާލަތު ޕާޓީއާއި އެކު ކަމަށެވެ. އަދި އެމްޑީޕީން ދައްކަނީ ރައީސް ނަޝީދު މިނިވަންކުރާ ވާހަކަ އެކަނި ނޫން ކަމަށާއި ނުހައްގުން އަދަބު ދީފައިވާ ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަކީ ވެސް އެމްޑީޕީން ކުރާނެ މަސައްކަތެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތައް ބައިވެރިވާގޮތަށް ފެށި މަޝްވަރާތަކަށް އެމްޑީޕީން ހާޒިރުނުވުމުން ސަރުކާރުން ވަނީ އެމްޑީޕީއާއިއެކު ވަކިން މަޝްވަރާކުރުމަށް އަލުން ހުށައަޅުއްވާފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ މުހައްމަދު ޝައިނީ ވިދާޅުވީ މަޝްވަރާގެ ދައުވަތު ދެވަނަ ފަހަރަށް އެމްޑީޕީއަށް ދީފައިވާ ކަމަށެވެ. އަދި މަޝްވަރާ ބައްދަލްވުމަށް މާދަމާ 2:30 އަށް ރައީސް އޮފީހަށް ދައުވަތު ދީފައިވާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ.