ސިފައިންނާ ފުލުހުން ގެދޮވެރިކުރުވަން ހިންގާ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ސިފައިންނާ ފުލުހުންނަށް ފްލެޓް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވި އެވެ.

ރައީސް ޔާމިން މިހެން ވިދާޅުވީ ސުނާމީ ބިނާ މައިޒާން ހުޅުވުމަށް މިރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެެވެ.

ރައީސް ޔާމިން ވިދާޅުވީ ފުލުހުންނާ ސިފައިންނަކީ ވެސް ދިވެހިން ކަމަށާއި ދިވެހި ރައްޔިތުންނަށް ހަމަޖެހިލައިގެން މިއަދު އުޅެވެނީ ފުލުހުންނާ ސިފައިންގެ ބުރަ މަސައްކަތުން ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ސިފައިންނާއި ފުލުހުންނަށް ދިމާވާ ދަތި ކަންކަމަކީ މުޅި ރައްޔިތުންނަށް ވެސް ދަތިވާނެ ކަންތައްތަކެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސިފައިންނާ ފުލުހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ގެދޮރުގެ މައްސަލަ ކަމަށެވެ.

ރައީސް ވިދާޅުވީ ސިފައިންނާ ފުލުހުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރަން މިދިޔަ ފަސް އަހަރުގެ ތެރޭގައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް އެކަމަށް ހައްލެއް ހޯދިފައި ނެތް ކަމަށެވެ. ނަމަވެސް ސިފައިންނާ ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި މިހާރު އަޅަމުންދާ ހައުސިން ޔުނިޓްތައް ނިމި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެތަންތަނަށް ސިފައިންނާ ފުލުހުންނަށް ވަދެ ދިރިއުޅެވޭނެ ކަމަށް ކަށަވަރުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މި އުއްމީދުކުރަނީ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ހައުސިންގެ ކަންކން އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި ހަމަޖެހޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިފައިންނާ ފުލުހުންނަށް ހުޅުމާލެއިން ލިބޭ ފްލެޓްތަކަށް ފައިސާ ދެއްކުމުގައި އަތްފޯރާވަރުގައި އެކަން ކުރެވޭނެ ގޮތްތަކެއް ހަމަަޖައްސާދޭނެ ކަމަށެވެ.

ސިފައިންނާ ފުލުހުންނަށް ހުޅުމާލޭގައި އަޅާ ފްލެޓްތައް ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރިފަހުން މިހާރު ވަނީ އަހަރަކަށް ވުރެ ގިނަވެފަ އެވެ. މި ފްލެޓްތައް ލިބުނު ކަމުގެ ލިޔުން ލިބިފައިވާ ފުލުހުންނާއި ސިފައިންގެ މުސާރައިން ކޮންމެ މަހަކު ވަކި ވަރެއް އުނިކުރަމުން ގެންދާތާ ވެސް މިހާރު ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ.