ކީރިތި ރަސޫލާއަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން މިސްރުގެ ޖަސްޓިސް މިނިސްޓަރ މަގާމުން ވަކިކޮށްފިއެވެ.

މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާއިލް، ސަރުކާރުގެ ޖަސްޓިސް މިނިސްޓަރ އަހްމަދު އައް ޒިންދު މަގާމުން ވަކިކުރެއްވީ، ކީރިތި ރަސޫލާއަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަތަކާ ގުޅިގެން މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީގެ ނުރުހުމާއި، މިސްރުގެ އާންމު ރައްޔިތުންގެ ރުޅިވެރިކަން ސަރުކާރަށް ވަރަށް ބޮޑަށް ކުރިމަތިވުމުންނެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޖަސްޓިސް މިނިސްޓަރ މަގާމުން ވަކިކުރެއްވުމަށް ބޮޑުވަޒީރު ނިންމަވައިފި" މިހެން އެކަންޏެވެ. އިތުރު ތަފްސީލެއް އަދި ބޮޑުވަޒީރު އެ ފިޔަވަޅު އެޅުއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިސްރުގެ ޖަސްޓިސް މިނިސްޓަރ އަހްމަދު އައް ޒިންދު ރަސޫލާއަށް ނިސްބަތްކުރައްވައި ވާހަކަފުޅުތަކެއް ދެއްކެވީ، މިސްރުގެ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ސަދާ އަލް ބަލަދަށް ދެއްވި އިންޓަރވިއުއެއްގައެވެ. އިންޓަރވިއުގައި ސުވާލު ކުރަމުންދިޔައީ، ޖަސްޓިސް މިނިސްޓަރ ޒިންދު، ނޫސްވެރިންނާއި އަދި އެހެންވެސް ބަޔަކާ ދެކޮޅަށް ކުރައްވާ އަބުރުގެ ދައުވާއާ ގުޅޭގޮތުންނެވެ.

އަބުރު ނަގާލި މީހުން ޖަލަށް ލައްވާނަންތޯ ޓީވީން ސުވާލު ކުރުމުން ޖަސްޓިސް މިނިސްޓަރ ޒިންދު ވިދާޅުވެފައިވަނީ، އެ މައްސަލާގައި ކޮންމެ މީހަކުވެސް ޖަލަށް ލައްވާނޭ ކަމަށެވެ. "އެއީ ރަސޫލެއް ނަމަވެސް" ޖަސްޓިސް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ވިދާޅުވުމަށްފަހު، ކީރިތި ރަސޫލާގެ ނަންފުޅު ގަނެވޭހިނދު މުސްލިމުން ކިޔަވާ ސަލަވާތްވެސް ވިދާޅުވިއެވެ.

ޖަސްޓިސް މިނިސްޓަރ އަހްމަދު އައް ޒިންދަށް ވިދާޅުވެވުނު އެއްޗެއް ފަހުމްވެވަޑައިގަތުމާއެކު ވާހަކަފުޅު ވަގުތުން ހުއްޓަވާލެއްވިއެވެ. އަދި ﷲ ގެ ނަންފުޅު ގެންފައި ފުއްސެވުން އެދިވަޑައި ގެންނެވިއެވެ.

އޭގެފަހުން ވިދާޅުވީ، ކުށެއްކޮށް އެކަން ސާބިތު ވެއްޖެ ކޮންމެ މީހަކު، އެއީ ފަނޑިޔާރެއް ކަމުގައި ވީނަމަވެސް، މޫނަކަށް ނުބައްލަވައި ޖަލަށް ލައްވާނޭ ކަމަށެވެ.

ޖަސްޓިސް މިނިސްޓަރގެ އިންޓަރވިއު ޓީވީން ދުރަށް ދެއްކުމާއެކު، އަލް އަޒްހަރު ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ސަރުކާރަށް ވަރުގަދަ އިންޒާރެއް ދިނެވެ. އަޒްހަރުގެ ބަޔާނުގައި ބުނެފައިވަނީ، އާންމު ތަންތާނގަ އާއި މީޑިއާގައި ވާހަކަ ދައްކާއިރު، ނުނިޔަތުގައި ނަމަވެސް ކީރިތި ރަސޫލާއަށް ފުރައްސާރަ ވާގޮތަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށާއި، ރަސޫލާގެ ނަންފުޅަށް އިހްތިރާމް ކުރަން ޖެހޭނޭ ކަމަށެވެ. އަޒްހަރުގެ ބަޔާނުގައި އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިސްރުގެ އެހެން ޓީވީ ޗެނަލެއް ކަމަށްވާ ސީބީސީއަށް ފޯނުން ދެއްވި އިންޓަރވިއުއެއްގައި ޖަސްޓިސް މިނިސްޓަރ ޒިންދު ފަހުން ވަނީ ރަސޫލާއަށް ނިސްބަތް ކުރައްވައި އެހެން ވިދާޅުވެވުނު ސަބަބު ހާމަކުރައްވާފައެވެ. ވިދާޅުވީ، އެއީ "ދޫފުޅު އޮޅިގެން" ވީކަމެއް ކަމަށެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި މިސްރުގެ ރައްޔިތުންވަނީ ޖަސްޓިސް މިނިސްޓަރަށް ވަރުގަދައަށް ރުޅިބާލާފައެވެ. ((trial for Zind މިނަމުގައި ހޭޝްޓެގެއް ހަދައި އެންމެންގެ ރުޅި އޭނާއަށް އަމާޒުކުރިއެވެ.

އަހްމަދު އައް ޒިންދު ވިދާޅުވީ، މުސްލިމް ބްރަދަރހުޑްގެ ސަޕޯޓަރުން އެކަން ބޮޑުކޮށް ގޯސްކުރީ ކަމަށެވެ.

މިސްރު ސިފައިންނާއި ފުލުހުންގެ ތެރެއިން މަރާލެވިފައިވާ ކޮންމެ މީހެއްގެ ބޮލަށް، މުސްލިމް ބްރަދަރހުޑްގެ ދިހަހާސް މީހުން މަރާލެވުމުން ނޫނީ ހިތްހަމަޖެހުމެއް ލިބިވަޑައި ނުގަންނަވާނޭ ކަމަށް ޖަސްޓިސް މިނިސްޓަރ އަހްމަދު އައް ޒިންދު މިއަހަރުގެ ޖެނުއަރީ މަހު ވިދާޅުވި މައްސަލަވެސް ވަރަށް ހޫނުވެ، ޖަސްޓިސް މިނިސްޓަރ ގަތުލުއާންމު ހިންގެވުމަށް ހިތްވަރު ދެއްވަނީކަމަށް ބުނެ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ނުރުހުން އޭނާއަށް އަމާޒުވިއެވެ.

މިސްރުގެ ބޮޑުވަޒީރު، އޭނާގެ ޖަސްޓިސް މިނިސްޓަރ ޒިންދު މަގާމުން ވަކިކުރެއްވިއިރު، ނިކަމެތީންނަށް ނިސްބަތް ކުރައްވައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކުރިން ޖަސްޓިސް މިނިސްޓަރުކަމުގައި ހުންނެވި މަހްފޫޒް ސާބިރު މަގާމުން ވަކިކުރެއްވިތާ އަހަރެއް ނުވެއެވެ.