ތުރުކީގެ ވެރިރަށް އަންކާރާގައި ދެވުނު ކާރުބޮމުގެ ވަރުގަދަ ހަމަލާއެއްގައި 34 މީހުން މަރުވެ ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމް ވެއްޖެއެވެ.

މިއީ ބަޔަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއް ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިހަމަލާ ދީފައިވަނީ، އަންކާރާގެ މެދުތެރޭގައި އޮންނަ ކާރޫބާރޫބޮޑު ކިޒިލޭ މައިދާނުގައި ބަސް ސްޓޮޕަކަށެވެ.

ތުރުކީގެ ހެލްތު މިނިސްޓަރ މެހްމެތު މުއިއްޒިނޮގްލު ވިދާޅުވީ، މިހަމަލާގައި 34 މީހުން މަރުވެ 125 މީހުން ޒަޚަމްވެފައިވާއިރު، ޒަޚަމްވި މީހުންގެ ތެރެއިން 19 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

"ތިރީސް މީހުން ވަގުތުން މަރުވި. ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހަތަރުމީހުން މަރުވި" އަންކާރާއަށް ދެވުނު ހަމަލާއާ ގުޅިގެން، ބޮޑުވަޒީރު އަހްމަދު ދަވުތޮގްލުގެ އަމުރުފުޅަށް ބޭއްވި ވަޒީރުންނާއި، ސަލާމަތީ އިސް އޮފިޝަލުންގެ ކުއްލި ބައްދަލުވުމަށްފަހު ސަރުކާރުގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

މިހަމަލާ ދީފައިވަނީ ތުރުކީ ގަޑިން މިރޭ އިރުއޮއްސި 6:45 ގައެވެ. މިހަމަލާގައި ގޮއްވާލި ކާރުބޮމުގެ ބާރުގަދަ ކަމުން، އެހިސާބުގައި ހުރި އެތައް ވެހިކަލެއް ކުދިކުދި ވެގެންދިޔަ ކަމަށާއި، ކައިރި ހިސާބުތަކުގައި ހުރި އެތައް ފިހާރައެއްވެސް ހަލާކުވި ކަމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އަންކާރާއަށް މިރޭ ދެވުނު ވަރުގަދަ ހަމަލާއަކީ، މަސްދުވަހުގެ ތެރޭގައި ދެވުނު މިފަދަ ދެވަނަ ހަމަލާއެވެ. ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ތުރުކީ ސިފައިންނަށް އަމާޒުކޮށް ދިން މިފަދަ ހަމަލާއެއްގައި 29 މީހުން މަރާލާފައި ވެއެވެ. މިހަމަލާގެ ޒިންމާ އުފުލާފައިވަނީ ތުރުކީގައި ޣައިރުގާނޫނީ ކޮށްފައިވާ ޕީކޭކޭ ޖަމާއަތުންނެވެ.

މިފަހަރުގެ ހަމަލާ އަމާޒުވި ސަރަހައްދަކީ ތުރުކީގެ ބޮޑުވަޒީރުގެ އޮފީހާއި، ޕާލަމެންޓް އިމާރާތާއި، ބޭރުގެ އެމްބަސީތައްވެސް ހުންނަ ސަރަހައްދާ ގާތުގައިވާ ތަނެކެވެ. މިކަމާ ގުޅިގެން، ކުރުދީންނާއި، އައިއެސްގެ ފަރާތުން ތުރުކީއަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ ކުރިމަތިލުމުގެ ގާބިލްކަން ތުރުކީގައި ހުރިކަމާމެދު ސުވާލު އުފެދޭ ކަމަށް މުރާސިލުން ބުނެއެވެ.

އަންކާރާއަށް މިރޭ ދެވުނު ހަމަލާ ފަރަންސޭސި ރައީސް އޮލާންޑޭ ވަގުތުން ކުށްވެރި ކުރައްވާފައިވާއިރު، އަންކާރާއި ހުންނަވާ އެމެރިކާގެ އެމްބަސެޑަރ ޖޯން ބޭސް ވެސްވަނީ ކުށްވެރި ކުރައްވާފައެވެ.

އޭއެފްޕީން ބުނެފައިވަނީ، މިރޭގެ ހަމަލާ ދިންތާ މާގިނައިރެއް ނުވަނީވެސް، މިހަމަލާގެ ފޮޓޯތައް ޝެއާރ ކުރުމާއި، ހަމަލާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ސޯޝަލް މީޑިއާގައި ބޭނުންކުރުން ތުރުކީގެ ފަނޑިޔާރަކު މަނާކުރެއްވި ކަމަށެވެ. ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.