ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މަސީހަށާއި މެމްބަރުންނަށް ފޮނުވައިފި އެވެ.

މިމައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މަސީހަށާއި އަދި މެންބަރުންނަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވިފައިވާތީ މިމަހުގެ ތެރޭގައި އެމައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެ ކަމަށެވެ.

މަޖިލިހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ފޮނުއްވުމަށްފަހު 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު ދެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާއަށް މައްސަލަ ހުށަހަޅަން ވާނެ ކަމަށެވެ.

މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުންނަށް ވާހަކަދައްކަވަން ލިބޭނެ ވަގުތާއި އަދި އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލީހުގެ ރައީސްއަށް ވާހަކަދައްކަވަން ލިބޭނެ ވަގުތު ކަނޑައެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުނު މިއީ ފުރަތަމަ ފަހަރެވެ. މިމައްސަލާގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓް ލިބިގެންނެވެ. ނަމަވެސް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި އެމްޑީއޭއަށް ކަމަށްވާތީ މިމައްސަލަ ފާސްވުމަކީ ވަރަށް ދުރު ކަމެކެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅެއްވީ އިދިކޮޅު އެމްޑީޕީގެ 21 މެންބަރުންނާއި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހުލޫފް ސޮއިކުރައްވާ ހުށަހެޅި މައްސަލައެއްގަ އެވެ.