ދިވެހި ސިފައިންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމުގެ ގޮތުން ފްލެޓް އެޅުމަށްޓަކައި 50 މިލިއަން ޑޮލަރު ހަދިޔާކުރުމަށް ސައުދި އަރަބިއްޔާގެ ސަރުކާރުން ނިންމައިފި އެވެ.

ސައުދީ ސަރުކާރުން މިކަން ހާމަކުރީ އެގައުމަށް ދާދި ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވި ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެ ގައުމުގެ ޑިފެންސް މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ސައުދި އަރަބިއްޔާއަށް ވަޑައިގެންނެވީ ސައުދީ އިން އިސްނަގައިގެން، ޓެރަރިޒަމާ ދެކޮޅަށް އެކުލަވާލާފައިވާ ކޯލިޝަން ފޯސްގެ ފުރަތަމަ ތަމްރީނު "އެކްސަސައިޒް ނޯތް ތަންޑަރ" ނިމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު އާދަމް ޝަރީފް ރާއްޖެ ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ.

މިނިސްޓަރު އާދަމް ޝަރީފްގެ މިދަތުރުފުޅުގައި ސައުދީ ރަސްގެފާނާއި ސައުދީގެ ޑިފެންސް މިނިސްޓަރުގެ އިތުރުން މުސްލިމް ބައެއް ގައުމުތަކުގެ ވެރިންނާއި ބައްދަލުކުރެއްވި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މިމަހުގެ 10 އިން 13 އަށް ޑިފެންސް މިނިސްޓަރު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް އަބްދުލްމަތީން އަހްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.