ގާނޫނީ ވަކީލް އަހްމަދު ނަޖީބް މަރާލި މައްސަލާގައި ދަށު ކޯޓުން މަރުގެ ހުކުން އިއްވާފައިވާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާގެ އިސްތުނާފް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި މިއަދު ނިންމާލައިފި އެވެ.

މީގެ ކުރިން ވެސް ހައިކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ދެފަހަރު ނިންމާލާފައިވެ އެވެ.

މިއަދު ތިންވަނަ ފަހަރަށް މިމައްސަލައިގެ އަޑުއެހުންތައް ނިންމާލީ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައުމާ ގުޅިގެންނެވެ. އެންމެ ފަހުން މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ. ނަމަވެސް މިއަދު މިމައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މިމައްސަލާގައި އަވަސް ނިންމުމެއް ނިންމައިދިނުމަށް އެދިފަ އެވެ.

ނަޖީބު އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ހަނާއާއި އެކު އޭނާގެ ލޯބިވެރިޔާ އަހްމަދު މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ހުކުމް ކޮށްފަ އެވެ. މުއްރަތުގެ ފަރާތުން ވެސް މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް ހައިކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން މުއްރަތު މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމު ސައްހަ ކުރުމަށް ދައުލަތުން މިހާރު ވަނީ އެމައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.