ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގައި ބަހުސްކުރާނެ ދިގުމިނަކީ ދެ ގަޑިއިރު ކަމަށް ކަނޑައަޅައިފި އެވެ.

މިގޮތަށް ނިންމީ މަޖިލީހުގެ އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގަ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސްކުރުމަށް ދެގަޑިއިރު ކަނޑައެޅުމަށް ހުށަހެޅުއްވީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރު އެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ ތާއީދާއި އެކު އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއަށް މައްސަލައަށް ޖަވާބުދާރީވުމަށް ދެގަޑިއިރުގެ ތެރެއިން 30 މިނިޓް ދިނުމަށް ވެސް ކޮމިޓީން ނިންމި އެވެ. އަދި ބާކީ އޮތް ދޮޅު ގަޑިއިރު ހުރިހާ މެމްބަރުންގެ މެދުގައި ހަމަހަމަ އަށް ބަހާލުމަށްވެސް ކޮމިޓީން ނިންމި އެވެ.

މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ 30 މިނިޓްގެ ތެރެއިން ފުރަަތަމަ 10 މިނިޓް ދިނުމަށް ހަމަޖެހިފައިވަނީ މައްސަލައަށް ޖަވާބުދާރީވުމަށެވެ. ދެވަަނަ 10 މިނިޓް ދިނުމަށް ހަމަޖައްސާފައިވަނީ މައްސަލައިގެ ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށެވެ. އަދި ފަހު 10 މިނިޓް ދިނުމަށް ހަމަޖެހިފައިވަނީ މައްސަލައަށް މެންބަރުން ބަހުސް ކުރައްވާ ނިމުމުން ފަހު ބަހެއް ވިދާޅުވުމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުމުގެ ގޮތުން އެމްޑީޕީން ވެސް ހުށަހެޅުމެއް ހުށަހެޅި އެވެ. އެގޮތުން އެމްޑީޕީގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ހުށަހަޅުއްވާ ފެލިދޫ ދާއިރާގެ މެންބަރު އަހްމަދު މަރްޒޫގު ތާއީދުކުރެއްވި ހުށަހެޅުމުގައި ވަނީ ނިމިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރި ގޮތަށް މިމައްސަލާގައި ބަހުސް ކުރުމަށް ޖުމްލަ ތިން ގަޑިއިރު ކަނޑައެޅުމަށެވެ. ނަމަވެސް މި ހުށަހެޅުމަށް ތާއީދުކުރެއްވީ ތިން މެންބަރުން ކަމަށްވާތީ މި ހުށަހެޅުން ފާސްވެފައެއް ނުވެ އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅެއްވީ އިދިކޮޅު އެމްޑީޕީގެ 21 މެންބަރުންނާއި އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް ސޮއިކުރައްވާ ހުށަހެޅި މައްސަލައެއްގަ އެވެ.

މިމައްސަލައިގެ ނޯޓިސް މަޖިލީހުގެ އިދާރާއިން މަސީހަށާއި އަދި މެންބަރުންނަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މަޖިލިހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ނޯޓިސް ފޮނުއްވުމަށްފަހު 10 ދުވަހުގެ މުއްދަތު ދިނުމަށްފަހު ދެން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާއަށް މައްސަލަ ހުށަހަޅަން ވާނެ ކަމަށެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުނު މިއީ ފުރަތަމަ ފަހަރެވެ. މިމައްސަލާގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓް ލިބިގެންނެވެ. ނަމަވެސް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އޮތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި އެމްޑީއޭއަށް ކަމަށްވާތީ މިމައްސަލަ ފާސްވުމަކީ ވަރަށް ދުރު ކަމެކެވެ