ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާ ކުރީގެ ނައިބް ރައީސް އަދި މިމައްސަލާގައި ދައުވާ ލިބޭ އަހްމަދު އަދީބްގެ ހިއްސާ ކުރިން އޮތް ކުންފުންޏަކަށް ވަދެފައިވާ ގޮތް ދައުލަތުން ޝަރީއަތުގައި ކިޔައިދީފަ އެވެ.

ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި ގޮތުގައި އަދީބްގެ ހިއްސާ ކުރިން އޮތް ކުންފުންޏަކީ މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އެވެ.

ޝަރީއަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން މޮންޓިލިއަން ކުންފުނީގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖުމްލަ 2.3 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އެގޮތުން މޮންޓިލިއަންގެ އެކައުންޓަށް ފުރަތަމަ ޖަމާކުރީ 1.5 މިލިއަން ޑޮލަރު ކަމަށާއި އަދި ދެވަނަ ފަހަރު 800،000 ޑޮލަރު ޖަމާ ކުރި ކަމަށް ވަކީލް ވިދާޅުވި އެވެ.

މިފައިސާ އަކީ މާބިންހުރާ ކުއްޔަށް ދޫކުރުމަށްފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރު ކަމަށާއި މި ފަސް މިލިއަން ޑޮލަރު އެންމެ ފުރަތަމަ ޖަމާކޮށްފައިވަނީ އަދީބްގެ ބޭބެ އަދި މިމައްސަލާގައި ދައުވާ ލިބޭ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް ޑިވެލޮޕްމަންޓް ކުންފުންޏަށް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި މޮންޓިލިއަންގެ އެކައުންޓަށް ދެ ފަހަރުވެސް ފައިސާ ޖަމާކޮށްފައިވަނީ މިލޭނިއަމް ކުންފުނިން ކަަމަށްވެސް ވިދާޅުވި އެވެ.