އަންހެނުންގެ ކޮމިޓީތަކަށް ގާނޫނީ ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދާމް ހުށަހެޅުއްވި މިބިލް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓް ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މިބިލް މަޖިލީހަށް ބަލައިގަތުމަށް ތާއީދުކޮށް ވޯޓް ދެއްވީ 24 މެންބަރުންނެެވެ. މިބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 36 މެންބަރުން ވޯޓް ދެއްވާފައިވެ އެވެ. އެހެންކަމުން މިބިލް މަޖިލީހުގެ ނިޒާމުގެ ތެރެއިން ބޭރުކުރެވިފައިވާ ކަމަށް ރިޔާސަތުން ވިދާޅުވި އެވެ.

މިބިލްގެ ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަށް ބާރުތަކެއް ދިނުމަށް ކަމަށް ބުނެ މިބިލް ހުށަހެޅީ ރަނގަޅު މަގުސަދެއްގައި ނޫން ކަމަށެވެ. އަދި މިބިލްގައިވާ ގޮތަށް ވަކި ބަޔަކަށް ކައުންސިލްތަކުގައި ޝީޓްތަކެއް ރިޒާވް ކުރުމަކީ ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ ކަމެެއް ކަމަށްވެސް މެންބަރުން ވިދާޅުވި އެވެ. މިބިލްގެ ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ އަންހެން ބޭފުޅުންނަށް ކުޑައިމީސްކުރެވޭ ގޮތަށް ވާހަަކަދައްކަވާފަ އެވެ. އެގޮތުން ބައެއް އަންހެން ބޭފުޅުންގެ ސަބަބުން އެތައް ފިރިހެން ބޭފުޅުންގެ ދިރިއުޅުން ގެއްލި ބައެއް ފިރިހެން ބޭފުޅުންނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވި އެވެ.

މިބިލްގެ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ ރޮޒައިނާގެ ބިލަކީ މުހިއްމު ބިލެއް ކަމަށާއި މިބިލް ފާސްވެ ގާނޫނަކަށް ވުމުން އަންހެނުންގެ ކޮމިޓީ ތަކަށް އަދި ޖުމްލަކޮށް އަންހެނުންނަށްވެސް ބާރުތަކެއް ލިބޭނެ ކަމަށެވެ. މެންބަރުން ވިދާޅުވީ ރާއްޖޭގެ އާބާދީއަކީ ދެ ޖިންސް ހަމަކޮށް އޮތް އާބާދީއެއް ކަމަށްވާއިރު ގައުމުގެ ކަންކަން ނިންމަން އަދި ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ބައިވެރިވުން މިއަދު އިންތިހާއަށް ބޭނުންވާ ކަަމަށެވެ. އަދި މިބިލުން އެކަމަށް މަގުފަހިކޮށްދޭ ކަން ފާހަގަކުރައްވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތުގައި އެޕާޓީގެ ތާއީދު އޮންނާނެ ކަަމަށެވެ.

ލާމަރުކަޒީ ގާނޫށް ރޮޒައިނާ އިސްލާހު ހުށަހަޅުއްވާފައިވަނީ ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލް ތަކުގެ ބެލުމުގެ ދަށުގައިވާ އަންހެނުންގެ ކޮމިޓީތަކުގެ ރައީސް ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އޮޓެމެޓިކުން ހަމަޖެހިގެންދާ ގޮތަށެވެ. އަދި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް އިންތިހާބު އިއުލާންކުރާއިރު ކައުންސިލްގައި އެއް ގޮނޑި އަންހެނުން ކޮމިޓީ ތަކުގެ ރައީސުންނަށް ރިޒާވް ކުރަން ވެސް ވަނީ ހުށަހަޅާފަ އެވެ.

މި ބިލްގައިވާ ގޮތުން އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން ހޮވާނީ އެރަށެއްގެ އަންހެނުންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. ރަށެއްގައި ނަމަ އަންހެނުންގެ ކޮމިޓީގައި މެންބަރުން ހިމެނެނީ ރަށު ކައުންސިލްގެ އަދަދަށެވެ.

ބިލްގައިވާ ގޮތުން އަންހެނުންގެ ކޮމިޓީގެ ރައީސް އަކަށް ވާނީ ކޮމިޓީއަށް މެންބަރުން އިންތިހާބު ކުރުމަށް ނަގާ ވޯޓުގައި އެންމެ ގިނަ ވޯޓް ލިބޭ ފަރާތެވެ.

މި ބިލް ހުށަހެޅި ސަބަބު ތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 50 އިންސައްތަ އަކީ އަންހެނުން ކަަމަށްވާތީ ގައުމުގެ ސިޔާސީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަދި ކައުންސިލް ތަކާއި އަންހެނުންގެ ކޮމިޓީތަކާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު މިހާރަށް ވުރެ ހަރުދަނާވެ ފުޅާކުރުން ހިމެނެ އެވެ. މީގެ އިތުރުން އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުވާ އެ ކޮމިޓީތަކާއި ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމަށް ގާނޫނީ ގޮތުން އިސްލާހު ކުރަންޖެހޭ ކަންކަން ފާއިތުވި ދައުރުގެ ތަޖުރިބާ ބަލައި އިސްލާހުކުރުމަކީ ވެސް މިފަދަ ބިލެއް ހުށަހެޅި ސަބަބެއް ކަމަށް ބިލްގައިވެ އެވެ.