އެމްޑީޕީއާ މަޝްވަރާ ކުރެވެން ހުރި ގޮތްތައް ބަލައި މަޝްވަރާގެ މޭޒަށް އެމްޑީޕީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރައްވާ ތިން ވަޒީރުންގެ ތެރެއިން އިސްކޮށް ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅުފަ އެވެ.

އެމްޑީޕީއާ ވަކިން މަޝްވަރާކުރުމަށް ސަރުކާރުން އެންމެ ފަހުން ދިން ދައުވަތުގައި މިއަދު މަޝްވަރާއަށް ހާޒިރުވުމަށް ދަންނަވާފައިވާތީ ސަރުކާރުގެ މަންދޫބުން ތިއްބެވީ އެމްޑީޕީގެ ބޭފުޅުންގެ އިންތިޒާރުގައި މަޑުކުރައްވައިގެންނެެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމަށް އެމްޑީޕީން ހާޒިރުވެފައެއް ނުވެ އެވެ.

ޝައިނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ އެމްޑީޕީއާ މަޝްވަރާ ކުރުމަށް ފޮނުވާ ސިޓީތަކަށް އެޕާޓީން ދޭ ޖަވާބު ދިން ނަމަވެސް މަޝްވަރާތަކަށް ހާޒިރު ނުވަނީ އެމްޑީޕީން މަޝްވަރާ ކުރާނެ ކަންތައްތަކެއް ނެތުމުން ކަމަށް ސަރުކާރަށް މިހާރު ގަބޫލުކުރެވޭ ކަަމަށެވެ. އެކަމަކު ބޭރުގެ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެމްޑީޕީ މަޝްވަރާގެ މޭޒަށް ގެނައުމަށް ކުރާ މަސައްކަތް ސަރުކާރުން ހުއްޓުމެއް ނެތި ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެބޭފުޅުން ގަދަކަމަކުން ނުގެނެވޭނެ ދެއްތޯ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެމްޑީޕީން ފޮނުވި ސިޓީއެއްގައި އެޕާޓީއާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ އަދާލަތު ޕާޓީއާ ނުލައި ސަރުކާރާއި އެކު މަޝްވަރާ ކުރެވެން ނެތް ކަމަށް އެމްޑީޕީން އަންގާފައިވާތީ އެކަމަށް ވެސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަދާލަތު ޕާޓީއާ ވެސް މަޝްވަރާ ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާނެ ކަމަށެވެ. ގެއްލިފައިވާ ނޫސްވެރިޔާއާ ގުޅޭ މައުލޫމާތުތަކެއް އެމްޑީޕީއަށް ލިބިފައިވާ ކަމަށް އެޕާޓީން މިހާރު ބުނަމުންދާތީ އެކަމުގެ މައުލޫމާތު ސަރުކާރަށް ބޭނުންވާނެ ކަމަށާއި އެހެންކަމުން އެމައުލޫމާތުތައް ހިއްސާކުރުމަށް އެމްޑީޕީގައި އެދިފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.