އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ތިންމީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލައިފިއެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުން ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްތީނު ތިންމީހުންގެ ތެރެއިން ދެމީހެއްގެ ގަޔަށް ބަޑިޖެހީ، ޔަހޫދީ އާބާދީއެއްގެ ބަސް ސްޓޮޕެއްގައި ތިބި އިސްރާއީލުގެ ބަޔަކަށް ބަޑިން ހަމަލާ ދިނުމުން ކަމަށް ބުނެފައި ވެއެވެ.

އަނެއް ހަމަލާގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ބަޑިޖަހައި ޝަހީދު ކޮށްލާފައިވަނީ، ވެހިކަލްގައިގޮސް އިސްރާއީލު ސިފައިންގެ ވެހިކަލެއްގައި ޖެއްސި ފަލަސްތީނު މީހެއް ކަމަށް ބުނެއެވެ.

މިއަދުގެ އުދުވާނުގައި އިސްރާއީލުން ޝަހީދު ކޮށްލާފައިވަނީ، އުމުރުން 30 އަހަރުގެ ޤާސިމް އަބޫ އައުދާއާއި، 22 އަހަރުގެ އާމިރު ޖުނެއިދީއާއި، 18 އަހަރުގެ ޔޫސުފް ތަރާޔާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްރާއީލުން ޝަހީދުކޮށްލި ޤާސިމް އަބޫ އައުދާއާއި، އާމިރު ޖުނެއިދީ އަކީ ހުޅަނގު އައްސޭރީގެ ހަބްރޫނަށް ނިސްބަތްވާ ދެމީހުންނެވެ.

ހަބްރޫނަކީ އިސްރާއީލުގެ ސަލާމަތީ ބާރުތަކަށާއި، ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ އިސްރާއީލު މީހުންނަށް އެންމެބޮޑު ދެކޮޅުވެރިކަމެއް ކުރިމަތިވަމުންދާ ރަށެވެ.

ހަބްރޫންގެ މެދުތެރޭގައި އިސްރާއީލުން ވަނީ ގަވާއިދާ ޚިލާފަށް ޔަހޫދީ އާބާދީތައް ހަދައި، ޔަހޫދީން ވަޒަންވެރި ކުރުވާފައެވެ. އަދި އެމީހުންގެ ބެލެހެއްޓުމުގެ ނަމުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން 24 ގަޑިއިރު އެ އާބާދީތައް ވަށައިގެން ފޯރިމަރަމުން ގެންދެއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އުދުވާނީ ބާރުތަކާއި ފަލަސްތީނު މީހުންނާ ދެމެދު މެދުނުކެނޑި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލުން މިހާތަނަށް ވަނީ ފަލަސްތީނުގެ 193 މީހުންގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ.

ފަލަސްތީނު ޒުވާނުން ދެމުގެންދާ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ 28 މީހުން މަރާލާފައި ވެއެވެ.