ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކަށް އެމްޑީޕީ ހާޒިރުވުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ބުނެ ސަރުކާރުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު ވިދާޅުވީ މަޝްވަރާގެ މޭޒަށް އެމްޑީޕީ ހާޒިރުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވިދާޅުވެ ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހައްދަވަނީ އިތުރުފުޅު ކަމަށެވެ.

ނިޔާޒު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާއަށް އެމްޑީޕީ ހާޒިރުވުމަށް ބޭރުގެ ފަރާތަކުން އެމްޑީޕީއަށް ފިއްތުމެއް ކުރިމަތިކުރާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. ސަބަބަކަށް ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ސަރުކާރުން މަޝްވަރާކުރަން ޖެހޭނީ ޕާޓީ ތަކުގެ ލީޑަރުންނާ ކަމަށް ބޭރުގެ ފަރާތްތަކުން ވެސް ބުނަމުންދާ ކަމަށާއި އެމްޑީޕީން ވެސް ސަރުކާރުގައި އެދެމުން ދަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ޖަލުގައި ތިއްބެވި ޕާޓީ ތަކުގެ ލީޑަރުންނާ ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ކަމަށެވެ.

"އަޅުގަނޑު ހަމަ ތަކުރާރުކޮށް މިބުނަނީ ބޭރުގެ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަންތައްތަކެއްގެ ވާހަކައޭ އަޅުގަނޑުމެން ވެސް މިދައްކަނީ. އެންމެ ފަހުން އީޔޫގެ ޓީމު ރާއްޖެ އައިސްފައިވެސް ދެއްކީ އެވާހަކަ [ސިޔާސީ ޕާޓީތަކުގެ ލީޑަރުން ދޫކޮށްލާ ވާހަކަ]. ދެން އަނެއްކާ ސީމެގްގެ ސްޓޭޓްމަންޓްގައިވެސް ހަަމަ ވަރަށް ސާފުކޮށް ވަރަށް ތަފްސީލްކޮށް ރާއްޖޭގައި ތިބި ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރަންޖެހޭނެ ކަމާއި އެމީހުން ޖަލުގައި ތިބި ކަމަށް ވާނަމަ މިނިވަންކުރަންޖެހޭނެ ކަމަށް އެބައޮތް. އެހެންވީމަ މިއީ ހަަމަ ވަރަށް ސާފުކޮށް އޮތް ވާހަކައެއް. ސަރުކާރުންވެސް ބޭރުގެ ފަރާތްތަކާއި ގުޅިގެން އެކަން [މަޝްވަރާތަކަށް އެމްޑީޕީ ގެނައުމުގެ މަސައްކަތް] ކުރާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއްވެސް ނުކުރަން. ދެން އެއީ ހަމަ މީޑިއާއަށް ދޭ ދޮގު މައުލޫމާތުތަކެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ މަޝްވަރާގެ މޭޒަށް ދިއުމަށް ރައީސް އޮފީހުން ފޮނުވާ ދައުވަތުތަކަށާއި ސިޓީ ތަކަށް ޖަވާބު ނުދިނުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އެމްޑީޕީން ނުދެކޭ ކަަމަށެވެ. ނަމަވެސް ތަކުރާރުކޮށް އެއްކަމެއްގައި ސަރުކާރުން ސިޓީ ފޮނުވާނަމަ އެ ސިޓީ ތަކަށް ޖަވާބު ދިނުން ހުއްޓާލުމާ ދޭތެރޭ ވިސްނަން ޖެހިދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރައްވާ ތިން ވަޒީރުންގެ ތެރެއިން އިސްކޮށް ހުންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅުގައި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނާ ގުޅޭ މައުލޫމާތުތަކެއް އެމްޑީޕީއަށް ލިބިފައިވާ ކަމަށް އެޕާޓީން ބުނަމުންދާތީ އެކަމުގެ މައުލޫމާތުތައް ހިއްސާކުރުމަށް އެމްޑީޕީގައި އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ނިޔާޒު ވިދާޅުވީ އެމްޑީޕީއާ ސަރުކާރާ ދޭތެރޭ އަދި މަޝްވަރާއެއް ފެށިފައި ނެތް ކަމަށާއި އެހެންކަމުން ބައެއް ކަންކަމަކީ މަޝްވަރާގެ މޭޒުގައި ދައްކަންޖެހޭ ވާހަކަތަކެއް ކަމަށެވެ. ރިލްވާން ގެއްލިގެން އޭނާ ހޯދަން ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ ރިލްވާންގެ މައުލޫމާތަކީ އެމްޑީޕީއާ މަޝްވަރާކޮށްގެން ހޯދަން ޖެހޭ މައުލޫމާތެއް ކަމަށް އެޕާޓީން ނުދެކޭ ކަަމަށާއި އެމައުލޫމާތަކީ އިންޓެލިޖެންސް އިދާރާތަކުން މައުލޫމާތު ހޯދައިންގެން ކުރަންޖެހޭތަހުގީގެއް ކަަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ފެނިފައި އެބައޮތް ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމުގައިވާ ޑިމޮކްރަސީ ނެޓްވޯކުން ރިލްވާން ގެއްލުމާ ގުޅޭގޮތުން ހަދާފައިވާ ތަހުގީގެއް ވަރަށް ރަނގަޅު ތަހުގީގެއްވެސް އޮތެއް ނޫންތޯ ހާމަކޮށްފައި. އެއީކީ އެމްޑީޕީ ކުރި ކަމެއް ނޫން ދެއްތޯ. އެހެންވީމާ އެކަމުގައި އަޅުގަނޑުމެން ނެތިން ކޮމެންޓް ކުރާކަށް،" ނިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާއަށް ހާޒިރު ނުވާތީ އެމްޑީޕީއާ މަޝްވަރާ ކުރެވެން ހުރި ގޮތްތައް ބަލައި މަޝްވަރާގެ މޭޒަށް އެމްޑީޕީ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގައި ޝައިނީ މިއަދު ވިދާޅުވެފަ އެވެ. އަދި މަޝްވަރާގެ މޭޒަށް އެމްޑީޕީ ހާޒިރުކުރުމަށް ބޭރުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.