މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ހިންގާ ބެޗްލަރ އޮފް އެންވަޔަރަންމެންޓަލް މެނޭޖްމަންޓް ކޯހުގައި ކިޔަވާ 16 ދަރިވަރަކަށް ސްކޯލަރޝިޕާބެހޭ ލިއުން މިއަދު ހަވާލުކޮށްފި އެވެ.
ސްކޮލަރޝިޕްގެ ލިއުން ދަރިވަރުންނާ ޙަވާލުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެލިޔުން ދަރިވަރުންނާ ހަވާލުކޮށްދެއްވީ މިނިސްޓަރު ތާރިގް އިބްރާހީމް އެވެ.
ދަރިވަރުންނާ ލިޔުން ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ މީގެ ކުރިން 32 ކުދީން ކޯސް ފުރިހަމަކޮށްފައިވާކަމަށާއި މިއަދު ސްކޯލަޝިޕް ހަވާލު ކުރެވުނު ކުދީންގެ އިތުރަށް ކުރިއަށް އޮތްތާނގައި ވެސް އިތުރު ކުދީންނަށް ފުރުސަތު ދެއްވާނޭ ކަމަށެވެ.
"ބޭނުމަކީ ތިމާވެށީގެ ކަންތައް ބަލަހައްޓައި ރާވައި ސްޕަވައިޒް ކުރާނެ ބަޔަކު އުފެއްދުން. ރާއްޖޭގެ ޓޫރިޒަމަކީ ތިމާވެށި. ރާއްޖޭގެ އިޤްތިޞާދަކީ ތިމާވެށި. ކަންއެހެން އޮތުމުން ތިމާވެށީގެ ކަންތައްތައް ބަލަހައްޓަން ގިނަ އަދަދެއްގެ ކުދީން ތިބެންޖެހޭ."މިނިސްޓަރު ވިދާޅުވިއެވެ.
ބެޗްލަރ އޮފް އެންވަޔަރަންމެންޓަލް މެނޭޖްމަންޓް ކޯހުގައި ކިޔަވާ 16 ދަރިވަރުންނަށް ސްކޯލަރޝިޕާބެހޭ ލިއުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޢާވިޔަތު މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތްތާނގައި މިއަށްވުރެ ރަނގަޅު ފުރުސަތު އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ލިބިގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
"މިއީ މީހުން ބޭނުންވެފައިވާ ދާއިރާއެއް. ކުރިން މިކޯސް ނިންމި ދަރިވަރުންނަކީ ކާމިޔާބު ދަރިވަރުންތަކެއް." ޑރ. މުޢާވިޔަތު ވިދާޅުވިއެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ސްކޮލަރޝިޕް ދިނުމުގެ މަޤްސަދަކީ ތިމާވެށީގެ ދާއިރާއިން މީހުން ބިނާކޮށް ތަމްރީނު ކުރުން ކަމަށެވެ. އަދި މިއީ ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އާއި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގައި ވޯލްޑް ބޭންކާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގާ މަޝްރޫޢެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ފުރަތަމަ ޑިގްރީއަށް ކިޔަވާ 16 ކުދީންގެ ސްޕޮންސަރޝިޕް ގެ ޖުމްލަ އަގަކީ 1.2 މިލިއަން ދިވެހި ރުފިޔާއެވެ.