ށ. ފޯކައިދޫގައި ގިނަ ހިދުމަތްތަކެއް ލިބޭ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އަޅަން އޭޑީކޭ ކުންފުނިން ނިންމައިފި އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލްގެ ނައިބް ރައީސް އަހްމަދު އާސިފް ވިދާޅުވީ އޭޑީކޭގެ ފަރާތުން އެރަށުގައި ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާތީ ރަށުން 40،000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ ޓީމެއް މާދަމާ ފޯކައިދޫއަށް ގޮސް ބިމުގެ އެއްބަސްވުމުގައި ކައުންސިލާއި އެކު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ފޯކައިދޫގައި ހޮސްޕިޓަލެއް އެޅުމަކީ ފޯކައިދޫ ނިސްބަތްވާ ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރު އަދި އޭޑީކޭ ގުރޫޕްގެ ޗެއާމަން އަހްމަދު ނާޝިދުގެ ކެމްޕޭން ވައުދެއް ކަމަށެވެ. މުޅި ދާއިރާއަށް އަމާޒުކޮށްގެން ފޯކައިދޫގައި ހޮސްޕިޓަލް އަޅަނީ ވައުދު ފުއްދުމަށް ކަަމަށް ބެލެވޭ ކަަމުގައިވެސް ވިދާޅުވި އެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޯކައިދޫއަށް ކުރެއްވި ކެމްޕޭން ދަތުރެއްގައި ނާޝިދު ވަނީ ފޯކައިދޫގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ށ. އަތޮޅުގައި ފޯކައިދޫ އަށް ވުރެ އާބާދީ ބޮޑެތި ރަށްތައް ހުރިއިރު، ފޯކައިދޫގައި ހޮސްޕިޓަލެއް އަޅަން އޭޑީކޭ އިން ނިންމީ ކީއްވެގެންތޯ ދެންނެވުމުން އާސިފް ވިދާޅުވީ ނާޝިދު ވައުދުވެވަޑައިގެންނެވީ އެރަށުގައި ހޮސްޕިޓަލެއް އެޅުމަށް ކަމަށާއި އެެހެންކަމުން ހޮސްޕިޓަލް އެޅުމަށް އެރަށް ހިޔާރުކުރެއްވި އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށް ވެދާނެ ކަަމަށެވެ. އަދި އިތުރު ސަބަބެއް ވެސް ވިދާޅުވެ ދެއްވި އެެވެ.
"ދެން އޭގެ އިތުރަށް އަޅުގަނޑަށް ގަބުލުކުރެވެނީ މި ރީޖަނަށް ބަލާއިރު އަދި މިއަތޮޅަށް ބަލާއިރު ވެސް ހުރިހާ ރަށަކަށް އެކްސަސް ވާން އެންމެ ފަސޭހަ ރަށަކަށް ވާނީ ފޯކައިދޫ. މިރަށް މިއޮންނަނީ ހުރިހާ ރަށެއްގެ މެދުގައި. ވެދާނެ ފޯކައިދޫގައި ހޮސްޕިޓަލެއް އަޅަނީ މިސަބަބު ވެސް އޮތުމުން ކަމަށް،" އާސިފް ވިދާޅުވި އެވެ.