ގދ. ތިނަދޫއިން 1962 ވަނަ އަހަރު މީހުން ބޭލުމަށްފަހު އަލުން އެރަށް އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހާއްސަ ޑޮކިއުމެންޓްރީއެއް ހަދަމުންދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލް މެންބަރު ސައުދު އަލީ ވިދާޅުވީ މި ޑޮކިއުމަންޓްރީ އަކީ ތިނަދޫއިން މީހުން ބާލަން މެދުވެރިވި ސަބަބާއި، މީހުން ބޭލި ގޮތާއި، އެރަށު ރައްޔިތުން އުޅުނު ދަތި ހާލުގެ އިތުރަށް އަލަށް އެ ރަށް ތަރައްގީވެގެން އައި ގޮތުގެ މައްޗަށް ބިނާކޮށް ހަދާ ޑޮކިއުމެންޓްރީއެއް ކަމަށެވެ.

"އެގޮތުން މި ޑޮކިއުމަންޓްރީގައި ފެނިގެންދާނީ ވެސް ހަަމަ ތިނަދޫ ރައްޔިތުން،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޑޮކިއުމެންޓްރީ ހެދުމަށް ތިނަދޫއިން މީހުން ބޭލި ހާދިސާގެ މައުލޫމާތު އެނގޭ ފަރާތްތަކާއި ސުވާލުކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މި މަސައްކަތް ކުރިއަށް ދަނީ ތިނަދޫ ކައުންސިލާއި އެރަށު ރައްޔިތުން ގުޅިގެންނެވެ.

ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހަދާ ޑޮކިއުމަންޓްރީގެ އިތުރަށް މިމުނާސަބަތާ ދިމާކޮށް ތަފާތު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ތިނަދޫ އަލުން އާބާދުވިތާ 50 އަހަރު ފުރޭނީ އަންނަ އޯގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހާއި ދިމާކޮށް މި ޑޮކިއުމެންޓްރީ ނެރޭނެ ކަމަށް ވެސް ތިނަދޫ ކައުންސިލުން މައުލޫމާތުދެ އެވެ.