"ގްލޯބަލް ޓީޗަރ" އެވޯޑާއެކު އެއް މިލިއަން އެމެރިކާ ޑޮލަރުގެ އިނާމު ފަލަސްތީނު ޓީޗަރަކަށް ދީފިއެވެ.

މި އެވޯޑާއި އިނާމު ލިބުނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ހައި ސްކޫލެއްގައި ކިޔަވައިދޭ ހަނާން އަލް ހަރޫބް ނަމަކަށްކިޔާ ޓީޗަރަކަށެވެ. އޭނާއަކީ ފަލަސްތީނުގެ ބައިތުލަހުމްގެ ރެފިއުޖީ ކޭމްޕެއްގައި އުޅެބޮޑުވި ޓީޗަރެކެވެ.

ހަނާން އަލް ހަރޫބް "ގްލޯބަލް ޓީޗަރ" އެވޯޑަށް ހޮވުނީ، ސްކޫލްތަކުގައި އުޅޭ އަޚްލާގް ގޯސްކުދިން އިސްލާހްކޮށް، އުފެއްދުންތެރި ބަޔަކަށް ހެދުމަށް ބޭނުންކުރަންފެށި ތަފާތު އުކުޅުތަކުގެ ސަބަބުންނެވެ. ހަނާން އަލް ހަރޫބް، ކުދިންގެ އަޚްލާގް ރަނގަޅު ކުރުމަށް ހިންގަންފެށި ހަރަކާތްތަކަކީ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުރެހުމާއި، ކުދިންގެ ވިސްނުން ތަރައްގީ ކުރުމުގެ ތަފާތު ހަރަކާތްތަކެވެ.

އެކަންކަމުގެ ސަބަބުން ސްކޫލްތަކުގައި އުޅޭ އަޚްލާގީ ގޮތުން އުޅުން ގޯސް ކުދިންވެސް މުޖުތަމައަށް ބޭނުންތެރި، އުފެއްދުންތެރި ބަޔަކަށް ވެގެންދާކަން ވަނީ ހާމަވެފައެވެ. އަދި ކުދިންގެ އުޅުމަށްވެސް ބޮޑެތި ބަދަލުތައް އަންނަމުންދާކަން ވަނީ ހާމަވެފައެވެ.

"ގްލޯބަލް ޓީޗަރ" އެވޯޑާއި، އެއްމިލިއަން އެމެރިކާ ޑޮލަރުގެ އިނާމު ހަނާން އަލް ހަރޫބްއާއި ހަވާލުކުރީ ޑުބާއީގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ދުނިޔޭގައި ދެވޭ އެންމެ ޝަރަފްވެރި އިނާމް ކަމުގައިވާ ނޯބެލް އިނާމް ސްޓައިލްގެ "ގްލޯބަލް ޓީޗަރ" އެވޯޑަކީ ޑުބާއީގެ ވާރކީ ފައުންޑޭޝަނުން މީގެ ދެއަހަރު ކުރިން ތައާރަފްކުރި އެވޯޑެކެވެ. މިފަހަރު އެވޯޑް ލިބުނު ހަނާން އަލް ހަރޫބްގެ މަސައްކަތްތަކުގެ ތަފްސީލާއި، އޭގެ ހެޔޮ ނަތީޖާ ހިމެނޭ ފޮތެއްވެސް ވާރކީ ފައުންޑޭޝަނުން ވަނީ ނެރެފައެވެ. އެފޮތަށް ދީފައިވާ ނަމަކީ "ވީ ޕްލޭ އެންޑް ލާރން" އެވެ.

އެވޯޑާ ހަވާލުވުމަށްފަހު ހަނާން ވިދާޅުވީ، ކުދިންނަކީ ބޭނުންތެރި އަދި އުފެއްދުންތެރި ބަޔަކަށް ހެދުމަށްޓަކައި ވަރަށް ގިނަ އެހީތެރިކަން ދޭންޖެހޭ ކަމަށެވެ. ކުދިން އުފައްދާ ސުވާލުތަކާއި، އެކުދިންގެ މަޝްވަރާތަކާއި، ވިސްނުންތަކާއި އަދި އިހުސާސްތައް ހާމަކުރުމުގައި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި، ހަނާންގެ މަސައްކަތްތަކަށް ދުނިޔޭގެ މަޝްހޫރު ލީޑަރުންވަނީ ވީޑިއޯ މެސެޖް މެދުވެރިކޮށް ތައުރީފް ކުރައްވާފައެވެ. އޭގެ ތެރޭގައި، އދގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއާއި، އެމެރިކާގެ ނާއިބް ރައީސް ޖޯ ބައިޑެންއާއި، އިނގިރޭސި އަމީރު ވިލިއަމްއާއި، މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ހިމެނިވަޑައިގަންނަވައެވެ.

ވާރކީ ފައުންޑޭޝަންގެ ބާނީ، ސަނީ ވާރކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަނާންގެ ވާހަކައިގެ ސަބަބުން ޓީޗިން ދާއިރާއަށް ނުކުންނަން ބޭނުންވާ މީހުންނަށް އިތުރު ހިތްވަރެއް ލިބި، ފަލަސްތީނާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮށްދެއްވާ މަތިވެރި އަދި އަގުހުރި ޚިދުމަތްތަކުގެ ވިދުން ގަދަވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.