ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާ އެހެން ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މިމައްސަލާގައި ދައުވާކުރަން ފޮނުވީ އަދީބްގެ އިތުރުން ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕް (އެސްޕީޖީ) އަދި ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަހްމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ތިން ބޭފުޅުން ކަމުގައިވާ އިސްހާގު ހަސަން އާއި، އަހްމަދު ތިހާމްއާއި މޫސާ ޒަމީރާއި، އަދީބްގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސިފައިންގެ ސާޖެންޓް އަހުމަދު އާމިރާއި، ސާޖެންޓް އަހްމަދު ރިކާޒްގެ މައްޗަށެެވެ. ރިކާޒް އަކީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒުގެ ކޮއްކޮ އެކެވެ.

މިމައްސަލ ތަހުގީގުކޮށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.