ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގައި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އެއްވެސް ދައުރެއް ނެތްކަމަށް ތޮލްހަތުގެ ވަކީލް ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމުގައި ތޮލްހަތުގެ ގާނޫނީ ވަކީލު މުހައްމަދު ޝާހު ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން ހިނގާދިޔަ ކަމަށް ބުނާ އެއްވެސް މަޝްވަރާއެއްގައި ތޮލްހަތު ބައިވެރިވެފައި ނެތް ކަމަށެެވެ. އެކަން ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭރު މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި ބްރިގޭޑިއަ އިބްރާހީމް ދީދީއަށް އަމުރުކުރައްވައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ވަކީލް ޝާހު ވިދާޅުވީ ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރީ ތޮލްހަތު ކަން ދައުލަތަށް ސާބިތުކޮށްދެވިގެން ނޫން ކަމަށެވެ. އެހެންކަމުން ތޮލްހަތަށް ހުކުމް އިއްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެ ވަކީލް ވަނީ ތޮލްހަތު 10 އަހަރަށް ޖަލަށް ލުމަށް ކޮއްފައިވާ ހުކުމް ބާތިލް ކޮށްދިނުމަށް އެދިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ތޮލްހަތުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުން މައްސަލަ ނިންމިއިރު ރިއާޔަތް ނުކުރާ ކަމަށް ބުނެ ގިނަ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ތޮލްހަތަކީ ގާޒީ ހައްޔަރުކުރުމުގައި މަޝްވަރާކޮށް އެކަމުގައި ބައިވެރިވެފައިވާ މީހެއް ކަމަށާއި އޭނާ އެކަން ކުރެއްވީ ސިފައިންގެ މުއައްސަސާ ހަތިޔާރަކަށް ބޭނުންކޮށްގެން ކަމަށެވެ. އަދި އަބްދުﷲ ގާޒީއަށް އޭރު ކުރެވުނު ތުހުމަތުތަކުގެ ވާހަކަ ތޮލްހަތުގެ ފަރާތުން ޝަރީއަތުގައި ދެއްކި ނަމަވެސް އެއީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި ފަނޑިޔާރުން ހައްޔަރު ކުރުމުގައި އަމަލުކުރަންޖެހޭ އިޖްރައާތު އެއްވެސް މިންވަރަކަށް އެކަމުގައި ފުރިހަމަކޮށްފައި ނުވާ ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް ކަނޑައެޅި ވަގުތު ހަމަވިއިރު ވެސް ދައުލަތުގެ ވާހަކަތައް ނިމިފައި ނުވާތީ ފަނޑިޔާރުންގެ ބެންޗުން މިއަދުގެ އަޑުއެހުން ނިންމާލީ މިމައްސަލާގައި ދެން އޮންނަ އަޑުއެހުމުގައި ދައުލަތަށް ފުރުސަތު ދޭނެކަމަށް އިއުލާންކުރުމަށްފަހު އެވެ.

މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި މިއަދު ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދުއާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު އެވެ.