މ. ލާލްޕޫލްގެ އެއް ރުފިޔާއަށް ވިއްކާލުމުން އެގޭގެ މިލްކްވެރިކަން ހޯދި އީވް މޯލްޑިވްސްގެ މިލްކްވެރިކަމުގެ މުއާމަލާތް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވަނިކޮށް އީވް މޯލްޑިވްސް އިން އެއް ރުފިޔާއަށް ހުޅުމާލެއިން ގަނެފައިވާ ބިމެއްގެ މިލްކްވެރިކަން ވެސް ސްޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

މ. ލާލްޕޫލްގެ އާއި އަދި ހުޅުމާލެއިން ވިއްކާލި 155.19 އަކަފޫޓުގެ އަމިއްލަ ބިމުގެ ވެރިފަރާތަކީ ވެސް މ. ޕިންކް ފުލާވަރ، ހުސައިން މުހައްމަދުފުޅެވެ. މި ދެބިންވެސް އެއް ރުފިޔާއަށް އޭނާ ވިއްކާލާފައިވަނީ އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑަށެވެ.

ހުޅުމާލެއިން ވިއްކާލި މިބިމުގެ މުއާމަލާތް ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ހުސައިން މުހައްމަދުފުޅުގެ ނަމުގައި ހުޅުމާލޭގައި ރަޖިސްޓްރީކޮށްފައިވާ 155.19 އަކަމީޓަރުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހައި އިމާރާތަކާއި ނުއުފުލޭ މުދާ އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑް ވިއްކާލުމަށް ހުސައިން މުހައްމަދުފުޅު ހުޅުމާލެ ކޯޓަށް ހުށަހެޅި ކަމަށެވެ. އެކަަމަކު މިމައްސަލާގައި ހުޅުމާލެ ކޯޓުން ނިންމާފައިވާ ގަޒިއްޔާ އަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް، ޝަރުއީގޮތުން އަގެއް ކަމަށް ނުބެލޭވޭ އަދި ފާޅުކަން ބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ހުކުމްކޮށްފައިވާ ގަޒިއްޔާއެއް ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

"ހުޅުމާލޭ ކޯޓުގެ ނަންބަރު 136/HMC/2015 ގަޒިއްޔާއަކީ ނިޒާމް އާންމާ ހިލާފު، އަދި ތަންފީޒީ ބާރު ލިބިގެންނުވާ ބާތިލް ގަޒިއްޔާއެއް ކަމަށް ކަނޑައަޅައި، ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެންގީމެވެ،" ސުޕްރީމް ކޯޓުން މިމައްސަލާގައި ނެރެފައިވާ އަމުރުގައިވެ އެވެ.

މީގެ ކުރިން ހުސައިން މުހައްމަދުފުޅުގެ ނަމުގައި ރަޖިސްޓްރީ އޮތް 1102 އަކަފޫޓުގެ މ. ލާލްޕޫލް ހުރި ބިމާއި އެބިމުގައިވާ އެންމެހައި އިމާރާތަކާއި ނުއުފުލޭ މުދާ އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އެއް ރުފިޔާއަށް ވިއްކާލާފައިވާތީ އެގޭގެ މިލްކްވެރިކަން އީވް މޯލްޑިވްސް ބަދަލުކޮށް ސިވިލް ކޯޓުން މިމައްސަލަ ނިންމާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާ ތެރޭގަ އެވެ.

ސިވިލް ކޯޓުގެ މިގަޒިއްޔާ ބާތިލްކޮށް ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ނެރުނު އަމުރުގައި ވެސް ބުނެފައިވަނީ ސިވިލް ކޯޓުގެ މި ގަޒިއްޔާއަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް ޝަރުއީ ގޮތުން އަގެއް ކަމަށް ނުބެލޭވޭ އަދި ފާޅުކަން ބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ހުކުމްކޮށްފައިވާ ގަޒިއްޔާއެއް ކަމަށެވެ. އެހެންކަމުން ސިވިލް ކޯޓުގެ މިގަޒިއްޔާ އަކީ ނިޒާމް އާންމާ ޚިލާފު، އަދި ތަންފީޒީ ބާރު ލިބިގެން ނުވާ ބާތިލް ގަޒިއްޔާއެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ސުޕްރީމް ކޯޓުން އޭރު ނެރުނު އަމުރުގައިވެސް ބުނެފައިވެ އެވެ.

މ. ލާލްޕޫލްގެ ވިއްކުމާއި ގޯތީގެ މިލްކުވެރިކަން ބަދަލުކުރުމަށް އެގޯތީގެ ވެރިފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެ ގޯތި އީވް މޯލްޑިވްސް ޓްރެވަލް އެންޑް ޓްއާސްއަށް އެއް ރުފިޔާއަށް ވިއްކާލުމަށް ގޯތީގެ ވެރިފަރާތުން އެއްބަސްވާ ކަމަށާއި ގޯތި ވިއްކި އަގު ކަމަށްވާ އެއް ރުފިޔާ ހަމައަށް ލިބި ހަލާސްކޮށްފައިވާ ކަމަށް ެގޯތީގެ ވެރިފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށެވެ.

މީގެއިތުރުން އެ ހުކުމުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރެވޭ ބަންޑާރަ ބިމެއް އަމިއްލަ ކުރުމަށްފަހު އެބިން ވިއްކާ ހާލަތުގައި ރާއްޖޭގެ ބިމާއި ބެހޭ ގާނޫނުގެ 18 ވަނަ މާއްދާ އޭރު އޮތް ގޮތުން އެ މާއްދާގެ (ރ)ގައި ބުނެފައިވާ ޓެކްސް ނެގޭނީ ބިން ވިއްކާ ފަރާތުން އެބިން ވިއްކުމަށް ކަނޑައެޅި އަގުގެ 15 ޕަސެންޓް ކަމަށް ހައިކޯޓުގެ ގަޒިއްޔާގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ބިމުގެ އަގުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ދައްކާފައިވާ ކަމަށް ގޯތީގެ ވެރިފަރާތުން ޝަރީއަތުގައި ބުނެފައިވާ ކަމަށާއި ބިމުގެ އަގުގެ 15 ޕަސެންޓް ޓެކްސްއަށްވާ 15 ލާރި ސަރުކާރަށް ދެއްކުމުން އެ ފައިސާ މީރާއިން ބަލައިގަނެފައިވާކަން ފައިސާގެ ރަސީދުން އިނގެން އޮތް ކަަމަށް ހުކުމުގައިވެ އެވެ.

ސިވިލް ކޯޓުގެ މިހުކުމަށް ފަހު ބިމާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ގެނެސްފަ އެވެ.