އެމްއެންޑީއެފް މާލޭ އޭރިއާ އާއި ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރު އަދި އއ. ހިމަންދޫ ކައުންސިލުން ގުޅިގެން ހިމަންދޫގައި ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭން ހެދުމުގެ ގޮތުން ވޯކްޝޮޕެއް ފަށައިފި އެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ހިންގާ މި ވޯކްޝޮޕް ކުރިއަށްދާނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެންޑީއެފުން ބުނީ މި ވޯކްޝޮޕްގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރީސާތަކަށް ތައްޔާރުވެ ތިބުމަށް ރަށު ފެންވަރުގައި ޕްލޭންކުރާނެ ގޮތާއި، ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ޢަމަލުކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށެވެ.

ހިމަންދޫގައި ހިންގޭ މި ވޯކްޝޮޕްގައި ސަރުކާރު އޮފީސްތަކުންނާއި އެކި ޖަމިއްޔާތަކުން މުޅިއެކު 45 ފަރާތަކުން ބައިވެރިވާ ކަމަށް އެމްއެންޑީއެފުން މައުލުމާތުދެ އެވެ.

މި ވޯކްޝޮޕްގައި އއ. ހިމަންދޫ ކައުންސިލް އިދާރާގެ މެމްބަރުންނާއި، ހިމަންދޫގައި ހުންނަ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ވޯކްޝޮޕްގެ ބައިވެރިންނާއި ކިޔަވައިދޭ ބޭފުޅުންގެ ގޮތުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ މުދައްރިބުން ބައިވެރިވެ އެވެ.