ސަރުކާރުން ކުރިއަށްގެންދާ މަޝްވަރާތަކަށް އެމްޑީޕީ ނުދިއުމުން އެމްޑީޕީއަކީ ބަޔަކު ހިސޯރުކޮށްފައިވާ ޕާޓީއެއްކަން އެނގޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނާއިބް ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއަށް މިހާރަކަށް އައިސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ މޫސާ މަނިކް މިހެން ވިދާޅުވީ އޭނާ ކުރައްވާފައިވާ ޓްވީޓްތަކެއް މެދުވެރިކުރައްވައެވެ.

ހުޅުހެންވޭރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު މޫސާ މަނިކް ވިދާޅުވީ އެމްޑީޕީއަކީ ބަޔަކު ހިސޯރުކޮށްފައިވާ ޕާޓީއެއްކަން މިހާރު ބޭރު ދުނިޔެއަށް ސާފްވެފައިވާކަމަށެވެ. އެކަން ސާފްވެގެންދިޔައީ އޭނާ އެވާހަކަތައް ދައްކައިގެން ނޫންކަމަށާ އެކަން ބޭރު ދުނިޔެއަށް ޔަގީންކުރެވިގެންދިޔައީ ސަރުކާރުން ފެށި މަޝްވަރާތަކަށް ދިއުމަށް އެމްޑީޕީން ދެކޮޅު ހެދުމުންކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް 2018 ވަނަ އޮންނަ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ކުރިން އިއުލާންކުރައްވާފައިވާ މޫސާ މަނިކު އިތުރަށް ވިދާޅުވީ މަޝްވަރާއަށް އެމްޑީޕީން ދެކޮޅު ހަދަމުން ގެންދަނީ ނަޝީދު މިނިވަންކުރުމަށް ބޭރުގެ ތާއީދު ހޯދުމުގެ ގޮތުންކަމަށެވެ. މޫސާ ވިދާޅުވީ ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާންޖެހޭކަމަށާ އެމްޑީޕީން އެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހަދަމުން ގެންދިއުމަކީ ކަންބޮޑުވާން ޖެހޭކަމެއްކަމަށެވެ.

އަދި އެމްޑީޕީން މިގޮތަށް އަމަލްކުރަމުން ގެންދާނަމަ ބައިނަލްއަގްވާމީ މުޖްތަމައުގައި އެމްޑީޕީއަށް ލިބިފައިވާ މަގާމް ގެއްލި އެމްޑީޕީ ބަލައިގަންނަގަތުން ހުއްޓިގެން ހިނގައިދާނެކަމަށް އެމްޑީޕީން މިހާރު ވަކިކޮށްފައިވާ މޫސާ މަނިކް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މޫސާ މަނިކް ވިދާޅުވީ މަޝްވަރާތަކަށް އެމްޑީޕީން ދިއުމަށް މިއަދު ދެކޮޅު ހަދަމުންގެންދަނީ ނަޝީދުގެ ސަބަބުންކަމަށެވެ. އަދި އެމްޑީޕީން މަޝްވަރާއަށް ދެކޮޅު ހަދާނަމަ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން އިސްތިއުފާދިނުމަށްވެސް މޫސާ މަނިކް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރަށް ޕީޕީއެމްއާއި ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި މޫސާ މަނިކް ފަހަކަށް އައިސް ގެންދަވަނީ އޭނާކުރިން ހުންނެވި އެމްޑީޕީއާއި އެޕާޓީގެ ލީޑަރޝިޕަށް އަމާޒްކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ސަރުކާރާއި ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއިދުކޮށް މޫސާ ގެންދަވަނި ތަކްރާރްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.