އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ދައުވާކުރުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބުދުﷲ ޖާބިރު ނިންމަވައިފި އެވެ.

ޖާބިރު މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައި މިވަނީ ޖާބިރު އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި ދެބޭފުޅުންގެ ފޯނުކޯލެއް ކަމަށް ބުނެ އަލީ ވަހީދު އާންމުކުރެއްވި އޯޑިއޯއަކާއި ގުޅިގެންނެވެ.

މި އޯޑިއޯގައި ޖާބިރު ރައީސް އަބުދުﷲ ޔާމީނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށައަޅުއްވާ ވާހަކައަކާއި، ޖާބިރުގެ މައްސަލައެއް ނިންމުމަށް ރައީސް އެހީތެރިވެދޭކަމަށް ބުނެފައިވާކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މި އޯޑިއޯއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން މީހުންގެ އަބުރު ނަގާލަމުން ދޮގު ވާހަކަތައް ދައްކަމުން ގެންދާތީ އަލީ ވަހީދުގެ މައްޗަށް ދައުވާކުރުމަށް ނިންމާފައިވާކަމަށެވެ.

އަލީ ވަހީދު އާންމުކުރެއްވި އޯޑިއޯއަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށާ ދުވަހަކުވެސް ރައީސް އަބުދުﷲ ޔާމީނަށް ރިޝްވަތު ދެއްވުމަށް މަސައްކަތް ކުރައްވާފައިނުވާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް އަބުދުﷲ ޔާމީނާއި ގުޅުވާ އޭނަގެ އަގު ވައްޓާލުމަށް އަލީ ވަހީދު މަސައްކަތް ކުރަމުން ގެންދަނީ ދެބޭފުޅުންގެ ދޭތެރޭގައި އޮތް ގުޅުމަށް ހީނަރުކަމެއް ގެނައުމުގެ ބޭނުމުގައިކަމަށެވެ.

ނަމަވެސް އަލީ ވަހީދު ކުރައްވާކަމެއްގެ ސަބަބުން ރައީސް ޔާމީނާއި އޭނާއާއި ދެމެދު އޮތް ގުޅުމަށް އަސަރެއް ނުކުރާނެކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މީހުންގެ ކޮޕަރްޝަންގެ ވާހަކަތައް ދައްކަމުން ހިނގަން އަލީ ވަހީދު ލަދުވެތިވާންޖެހޭކަމަށެވެ. އަލީ ވަހީދަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފެނުނު އެންމެ ކޮރަޕްޓް މީހާކަމަށާ އެކަމާއި މުޅި ރައްޔިތުން ހެކިވާނެކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އަދި ރާއްޖެއިން ބޭރުގައި ހުންނަވައިގެން އަސްލެއް ނެތް ވާހަކަތައް ފެތުރުމުގައި އަލީ ވަހީދަށް އަބަދު ނުހުންނެވޭނެކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އަމިއްލަ ޓީވީ ސުޓޭޝަނެއް މެދުވެރިކުރައްވާ އަލީ ވަހީދު ދެއްވި އިންޓަވިއުގެ ތެރޭގައި އޭނާ ވަނީ ޖާބިރުއާއި އަދީބް ވާހަކަފުޅު ދައްކަވާކަމަށް ބުނާ އޯޑިއޯއެއް އާންމުކުރައްވާފައެވެ.

އެ އޯޑިއޯގައި ޖާބިރުގެ މައްޗަށް ހުށައެޅިފައިވާ މައްސަލައަކާއި ގުޅިގެން ރައީސް ޔާމީނަށް ފައިސާތަކެއް ދެއްވާ ވާހަކަ ބުނެފައިވާކަމަށާ ޖާބިރު ރައީސް ޔާމީނަށް ރިޝްވަތު ދެއްވާކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ފަހަކަށް އައިސް އަލީ ވަހީދު ގެންދަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބުދުﷲ ޔާމީނާއި ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދައްކަވަމުންނެވެ.

އަދި ދާދިފަހުން ސިފައިންނާއި ގުޅޭގޮތުން އަލި ވަހީދު ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެމްއެންޑީއެފްއިންވެސް ވަނީ ބުނެފައެވެ.