ސޫރިޔާގައި ހަނގުރާމަ ކުރަމުންދާ ރަޝިޔާ ސިފައިން ސޫރިޔާއިން ފޭބުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އަމުރު ކުރައްވައިފިއެވެ.

ރަޝިޔާގެ ރައީސްގެ ކުއްލި މި އަމުރު އައީ، ސޫރިޔާ ސަރުކާރާއި، އިދިކޮޅު ފަރާތްތަކާ ދެމެދު ބާއްވާ އާ ބުރެއްގެ ސުލްހައިގެ ވާހަކަތައް ޖެނީވާގައި ފެށުމާ ދިމާކޮށެވެ.

ކްރެމްލިންއިން ބުނެފައިވަނީ، ރަޝިޔާ ސިފައިން ސޫރިޔާއިން އަނބުރާ ގެންދަން ނިންމައި ރައީސް ޕޫޓިން، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ގުޅުއްވައި އެވާހަކަ ދަންނަވާފައިވާ ކަމަށެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ރަޝިޔާގެ ދިފާއީ ވަޒީރު ސަރްގެއި ޝޮއިގުއަށް ރައީސް ޕޫޓިން ވިދާޅުވީ، ރަޝިޔާގެ ދިފާއީ ވުޒާރާއާއި، ސިފައިންގެ ފައުޖަށް ސޫރިޔާގައި ކުރަން ހަވާލުކުރި މަސައްކަތް ފުރިހަމަ ވެއްޖެ ކަމަށެވެ. "އެހެންކަމުން، ސޫރިޔާގައި ތިބި އަޅުގަނޑުމެންގެ ސިފައިންގެ މައިގަނޑު ބައިތައް މާދަމާއިން ފެށިގެން އަނބުރާ ގެނައުމުގެ މަސައްކަތް ފެށުމަށް ދިފާއީ ވުޒާރާއަށް އަމުރުކުރަން" ޕޫޓިން ވިދާޅުވެފައި ވެއެވެ.

ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަޝިޔާއިން ސޫރިޔާގައި ދެމުންގެންދިޔަ ހަމަލާތަކުގެ ސަބަބުން ޓެރަރިޒަމާ ދެކޮޅަށް ކުރެވެމުންދިޔަ ހަނގުރާމައިގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެގެންދިޔަ ކަމަށެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ސަފުތައް ރޫޅި، އެމީހުންގެ އިންފްރާސްޓްރަކްޗަރ ހަލާކުކުރެވި، ބޮޑެތި ގެއްލުންތައް ދެވުނު ކަމަށް ރައީސް ޕޫޓިންއާއި، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުވެސް ގަބޫލުފުޅު ކުރައްވާ ކަމަށް ކްރެމްލިންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރަޝިޔާގެ ރައީސްގެ ކުއްލި ނިންމެވުމުގެ ސަބަބުން، ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާ ބޯޓްތަކުން ސޫރިޔާގެ އާންމުންގެ ބޮލަށާއި، ސޫރިޔާގެ އެތަން މިތަނަށް ކޮންމެ ދުވަހަކު އަޅަމުންދާ ބޮންތަކުގެ ހަމަލާތަކަށް ހުއްޓުމެއް އަންނާނެއެވެ. މިއީ، ސޫރިޔާގެ އާންމު ރައްޔިތުންނަށް ލިބޭނޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނޭ ކަމަށް މުރާސިލުން ބުނެއެވެ.

ރަޝިޔާ ސިފައިން ސޫރިޔާގެ ތަންތަނަށް ބޮން އެޅުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިން ހުއްޓާލައި، ސިފައިންގެ މައިގަނޑު ފައުޖުތައް ސޫރިޔާއިން ފޭބިނަމަވެސް، ހަނގުރާމަ ހުއްޓާލަން ސޫރިޔާ ސަރުކާރާއި، އިދިކޮޅު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރަން ރަޝިޔާ ސިފައިންގެ ފައުޖެއް ސޫރިޔާގައި ގާއިމްވެ ތިބޭގޮތަށް ޕޫޓިންއާއި، އަސަދުވެސް އެއްބަސްވެ ވަޑައިގެންފައިވާކަމަށް ކްރެމްލިން އިން ބުނެއެވެ.

ސޫރިޔާއަށް ދެމުންގެންދިޔަ ވައިގެ ހަމަލާތައް ހުއްޓާލަން ރަޝިޔާގެ ރައީސް ކުއްލިގޮތަކަށް ނިންމެވުމާ ގުޅިގެން އެމެރިކާގެ ރައީސް ބަރަކް އޮބާމާވެސް ވަނީ ރައީސް ޕޫޓިންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ އަދި ސޫރިޔާގެ މަސްރަހް ހަމަޔަކަށް އަޅުވަން ދެން އަޅުއްވަންވީ ފިޔަވަޅަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރުން ބުނެއެވެ.

ސޫރިޔާގައި ތިބި ރަޝިޔާ ސިފައިން އަނބުރާ ގައުމަށް ގެންނަވަން ނިންމެވިކަން ޕޫޓިން އިޢްލާން ކުރެއްވި ނަމަވެސް އެމެރިކާގެ އޮފިޝަލުން އެކަން އަދި ބަލަނީ ޝައްކުގެ ނަޒަރަކުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާ ސަރުކާރުގެ ނަން ހާމަނުކުރާ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ، ރަޝިޔާގެ ރައީސްގެ ނިންމެވުމުގެ ސައްހަކަން އެނގޭނީ ދެތިންދުވަސް ފަހުން ކަމަށެވެ.

ރަޝިޔާއިން ސޫރިޔާއަށް ދެމުންގެންދާ ވައިގެ ހަމަލާތައް ހުއްޓާލުން ވެގެންދާނީ ސޫރިޔާގެ މައްސަލަ ސުލްހަވެރި މަގުން ހައްލުކުރުމަށް ހުޅުވިގެންދާ ފުރުސަތަކަށެވެ. ރަޝިޔާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ވައިޓަލީ ޗާރކިންވެސް ވަނީ މިކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ހަމަ އެއާއެކު، ރަޝިޔާގެ ނިންމުމުގެ ސަބަބުން ސޫރިޔާގެ މައްސަލަ ހައްލުކުރުމަށް މަޝްވަރާއަށް ދިއުމަށް ސޫރިޔާގެ ރައީސް އަސަދަށްވެސް މަޖުބޫރުވެ ވަޑައި ގަންނަވާނެ ކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ފްރޭންކް ވޯލްޓަރ ސްޓީންމިއަރ ވިދާޅުވިއެވެ.

އަނެއްކޮޅުން، ރަޝިޔާ ސިފައިން ސޫރިޔާއިން ބާލަން ފެށުމަށް ޕޫޓިން ނިންމެވި ނިންމެވުމަކީ ރަނގަޅު ފިޔަވަޅެއް ކަމަށް ވިދާޅުވެ، އދގެ ސަލާމަތީ މަޖިލީހުގެ މިހިނގާ މަހުގެ ރައީސް، އަދި އެންގޯލާއިން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ އިސްމާއިލް ގަސްޕަރް މާޓިންސް ވަނީ ރަޝިޔާއަށް ތަޢްރީފް ކުރައްވާފައެވެ. "އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ކަމަކީ" އިސްމާއިލް ވިދާޅުވިއެވެ.

ބައްޝާރުލް އަސަދުގެ އެދިވަޑައިގަތުމަށް ރަޝިޔާ ސިފައިން ސޫރިޔާއަށްގޮސް، ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މީހުންނާ ދެކޮޅަށް ކަމަށް ބުނެ ސޫރިޔާގެ އެތަންމިތަނަށް ބޮން އަޅަންފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ހަމަލާތައް ދިނުމުގައި ރަޝިޔާގެ ފަންސާހަކަށް ހަނގުރާމަތީ މަތިންދާ ބޯޓް ހަރަކާތްތެރިވަމުން ގެންދިޔައެވެ. ރަޝިޔާއިން ބުނަމުންދަނީ، ބޮން އަޅަމުންދަނީ އައި.އެސްއާއި، އަލްގައިދާއާ ގުޅުން އޮންނަ އައްނުސްރާ ފްރަންޓްގެ ތަންތަނަށް ކަމަށެވެ.

ނަމަވެސް ހުޅަނގާއި، ސަރަހައްދުގެ ގައުމުތަކުން ބުނަމުންދިޔައީ، ރަޝިޔާއިން ބޮން އަޅަމުންދަނީ، އަސަދުގެ ސަރުކާރު ވައްޓާލަން ހަނގުރާމަ ކުރަމުންދިޔަ މެދުމިނުގެ މީހުންނާ ދެކޮޅަށް ކަމަށެވެ. އެކަމުގެ ނުރުހުން ރަޝިޔާއަށް އަމާޒުވަމުންދިޔައެވެ.

ފެބްރުއަރީ 27 އިން ފެށިގެން ހަނގުރާމަ ހުއްޓާލަން ސޫރިޔާ ސަރުކާރާއި، ހަނގުރާމަވެރިންނާ ދެމެދު އެއްބަސްވެވި އެއަށް އަމަލުކުރަމުން ދިޔަނަމެވެސް، ސޫރިޔާގެ ބިމުގެ ބޮޑުބައެއް ހިފައިގެންތިބި އައި.އެސްއާއި، އައްނުސްރާގެ ހަނގުރާމަވެރިން މި އެއްބަސްވުމުގައި ހިމެނިފައެއް ނުވެއެވެ.

2011 ވަނަ އަހަރު ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ފެށި މުޒާހަރާއެއް ދާޚިލީ ހަނގުރާމައަކަށް ބަދަލުވެ، މިހަނގުރާމައިގައި ސޫރިޔާ ރައްޔިތުންގެ 270،000 މީހުން މަރުވެ، އެތައް މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި ނިކަމެތ ހާލުގައި ގައުމު ދޫކޮށް ގޮސްފައި ވެއެވެ.