(13 މާރޗް 2016 އާ ގުޅޭ)

"ކީއްވެތަ ލޯބިނުވާ މީހުންދެކެ ލޯބިވާންވީ" ރޮމުން ރޮމުން ޖަޒްލާ ބުނެލިއެވެ. ނަމަވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ކައިލަންއަކަށް ނޭނގުނެވެ.

ހިތަށްކުރަމުން ދިޔަ އަސަރުތައް ފޮރުވާލުމާއެކު އޯގާތެރި ފިރުމާލުމަކުން ޖަޒްލާގެ ބުރަކަށީގައި ކައިލަން ފިރުމާލީ ހިތްވަރުދޭ ފަދައިންނެވެ. އިތުރަށް އޭނާއަށް ކޮށްދެވޭނޭކަމެއް ނެތީމައާއެކުއެވެ.

"ޖޭޒް. ދެން ހުއްޓާލާ..."

"އީތަން ކީއްވެތަ ސާފުކޮށް އެއްވެސް ވާހަކައެއް ނުބުނަނީ" ކައިލަންގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ޖަޒްލާ ސުވާލުކުރިއެވެ.

"ޕްލީޒް ޖޭޒް. ތި ސުވާލުތަކަށް ދޭނޭ ޖަވާބެއް އަހަންނަކަށް ނޭނގެ. އީތަންދެކެ އަހަރެން ހިތްހަމަނުޖެހެނީ ވެސް ޖޭޒްއާ މެދު ތިގޮތަށް ކަންތައްކުރާކަން އެނގޭތީވެ...."

"އަހަރެން ދާނަން އީތަން ހޯދަން. އޭނާއަށް ޖެހޭނީ އަހަންނާ ވާހަކަދައްކަން. ކޮންމެވެސް އެއްގޮތަކަށް ނިންމަން... އަހަރެންގެ ސުވާލުތަކަށް ޖަވާބުދޭންޖެހޭނީ..."

"ޖޭޒް، ތިހެން ހެދުމުން ޖޭޒްގެ ހިތްހަލާކުވެދާނޭތީ އަހަރެން ބިރުގަނޭ. ޖޭޒްއާ މެދު އީތަން ވިސްނާނަމަ އޭނާ ޖޭޒްއާ ބައްދަލުކުރީސް. ތިގޮތަށް ޖޭޒް ރޯނީ ކިހާ ދުވަހަކު.... އަހަރެންގެ ހިތަށް ޖޭޒް ރުއިމުން ކިހާ އަސަރެއް ކުރާކަން އެނގޭތަ؟ އަހަރެން ބޭނުމެއްނޫން ލޯތްބަށް އެދި އީތަންގެ ކުރިމަތީ ޖޭޒް ސަލާންޖަހާކަށް... ޖޭޒްއަށް ނޭނގުނަސް ޖޭޒް މުޅި އުމުރުގައި އުފަލުގައި ބަހައްޓައިދޭނޭވަރުގެ މީހުން އެބަތިބި... ޖޭޒްގެ ހިތް ފުރެންދެން ލޯބިދޭނޭ މީހުން އެބަތިބި... ސޯ ޕްލީޒް. އަމިއްލައަށް ހިތްހަލާކުވާން ނޫޅޭ" ޖަޒްލާގެ ހިތްހަމަޖައްސައިދިނުމަށް އެތަކެއް ވާހަކެއް ދެއްކިއިރު އެއްފަހަރު ވެސް ޖަޒްލާއަށްޓަކައި ކައިލަންގެ ހިތުގައިވާ އެއްޗެއް ހާމައެއް ނުކުރެވުނެވެ.

"ކައިލް ކީއްވެތަ ތިހާ ކެއަރ ކުރަނީ... ބައެއް ފަހަރު ހިތަށްއަރާ އީތަންގެ ބަދަލުގައި ކައިލް ދެކެ އަހަންނަށް ލޯބި ވެވުނު ނަމައޭ... ތެންކިޔު ކައިލް... ތެންކިޔު ފޯ އެވްރިތިންގ..." ދެ ލޯ ފުހެލާފައި ކައިލަންގެ ކޮނޑުން ބޯ ނަގާ އޭނާއަށް ޖަޒްލާ ބަލާލާފައި ބުނެލިއެވެ.

"ތިކަހަލަ މޮޔައަންހެންކުދިންދެކެ ކޮންމެ މީހަކު ވެސް ލޯބިވާނެ.... ކިހިނެއް އެނގެނީ އަހަރެންގެ ހިތް އޮތް ގޮތެއް ވެސް ދޯ... ފަހަރެއްގައި ޖޭޒްގެ އިންތިޒާރުގައި ހުރީ ކަމަށް ވެސް ވެދާނެއެއްނު" ކައިލަންގެ ބަސްތަކުން ޖަޒްލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ ހިނިތުންވުމުގައި އެއްވެސް ސީރިއަސްކަމެއް ނެތްކަން ކައިލަންގެ ޟަމީރު ދެނެގަތެވެ.

* * * *

އީތަން ގެއަށް އައިސް ވަންއިރު ސިޓިންރޫމު ސޯފާގައި ދެފައިވަށްކޮށްލައިގެން ހިންދީ ޑްރާމާއަކަށް ގެއްލިފައި އޭނާގެ ދައްތަ އައިނީ އިނެވެ. ނުހަނު ބޮޑަށް އިސްއޮބާލައިގެން ހުރެ އީތަން މާ އަވަސްއަރުވާލާފައި ދިޔަތަން ފެނިފައި އައިނީ ހައިރާންވިއެވެ. ފުރަތަމަ ވެސް އޭނާއަށް ބަލާލެވުނީ ޓީވީ ރެކުމަތީ ބަހައްޓާފައި ހުރި ގަޑިއަށެވެ. އީތަން އާންމުކޮށް ގެއަށް އަންނަ ވަގުތެއް ނޫންކަން އައިނީއަށް ވެސް އެނގުނެވެ. އައިނީގެ ޑިއުޓީ އޮންނަނީ އެކި ހަފްތާ އެކި ގަޑީގައި ކަމަށްވާތީ ދުވާލުއެއްކޮށް ގޭގައި ހުންނަންޖެހޭ ހަފްތާއާ ވެސް ދިމާވެއެވެ. އެހެންވެ ގޭތެރޭގައި މީހުން އުޅޭނޫޅޭ ގޮތް އައިނީއަށް ވެސް އެނގެއެވެ. ސޯފާއިން ތެދުވެގެން ހަމްރާއަށް ގޮވަން ދާން ހިތަށް އަރާފައި ވެސް އައިނީ މަޑުކޮށްލީ އީތަން އަރާމުކޮށްލަން އޮފީހުން ތަންކޮޅެއް ކުރިން އައީކަމުގައި ޤަބޫލުކޮށްލާފައެވެ. ޓީވީއިން ބަލަން އިން ޑްރާމާއަކީ އައިނީ ވަރަށް ޝައުގުވެރިކަމާއެކު ބަލާ ޑްރާމާއަކަށް ވާތީ އަލުން އެނބުރި ޓީވީއިން ދައްކަމުން ދިޔަ ޑްރާމާއަށް ސަމާލުކަން ހުއްޓާލިއެވެ.

ކޮޓަރީގެ ދޮރުލައްޕާލުމާއެކު ތަޅުލި އީތަންއަށް ދޮރުފަތުގައި ލެނގިލެވުނެވެ. ނިތްކުރިއާއި ބޮލާއެކު ދެއަތުން އީތަންއަށް ހިފަހައްޓާލެވުނެވެ. އެހެން ހުރެފައި ކުއްލިއަކަށް އޭނާގެ ޠަބީޢަތް އެފުށްމިފުށަށް ޖެހިގެން ދިޔައެވެ. ހިތަށްކުރަމުން ދިޔަ އަސަރުތަކަށް ކެތްނުކުރެވިގެން ގޮސް މީހާ ފަޅައިގެން ދިޔަ ކަހަލައެވެ. ޒުވާން އުމުރަށް އެޅިފަހުން އަޑުވީއްލާ އީތަން ރުއި ހަނދާނެއް އޭނާ ނުހުރެއެވެ. އެހެންނަމަވެސް މިހާރު މޫނުގައި ދެއަތްއަޅައިގެން ހުރެ އީތަންއަށް ބާރަށް ރޮވެނީއެވެ. ދުލުން "ރީން"ގެ ނަން ކިޔާލުމާއެކު އޭނާގެ ރުއިން ގަދަވެއެވެ. އެތައް އިރަކު އީތަން ރޮމުން ދިޔައިރު ހީވަނީ ހިތުގައިލާފައިވާ ކުށުގެ ލައްގަނޑު ކަރުނައިން ދޮވެވޭތޯ މަސައްކަތް ކުރަނީ ހެންނެވެ. ނަމަވެސް އެހެންވާނީ ކިހިނެއްހެއްޔެވެ. ޚުދު އޭނާއަށް ވެސް ކުރެވުނު ކުށަކީ ދުވަހަކު ވެސް ފުހެވިގެން ނުދާނޭވަރުގެ ކުށެއްކަން މިއަދު އެނގިއްޖެއެވެ. ހިތުގެ ޒަހަމްތަކުން އޮހޮރެމުންދިޔަ ލޭ ދެ ލޮލުން ކަރުނައިގެ ސިފައިގައި އޮހެމުން ދިޔައީ އެހެންވެއެވެ. ލޭކަރުނަ އޮހޮރެމުންދިޔައިރު އީތަންގެ މުޅި ޟަމީރު ވެސް އޭނާއަށް މަލާމާތްކުރާ ކަހަލައެވެ. ޒޫރިންގެ ޚިޔާލުތައް ފިޔަވާ އެހެން ހުރިހާ ތަނެއް ފެނުމުން އީތަން މަހުރޫމުވެފައި ހުރި ކަހަލައެވެ. މޭގައި އަތްއަޅާލުމާއެކު ހުރި ދިމާ ތިރިއަށް އީތަން ތިރިވިއެވެ. ކަރުގައި އޮތް ޓައީ ކަރަށް ބާރުވަމުން ދާހެން ހީވާން ފެށުމުން ދެއަތުން އެ ޓައީ ދޫކޮށްލުމާއެކު ކަރުން ނަގާ އަތުކޮޅަށް އެއްލާލިއެވެ. އެވަރުން ވެސް އޭނާއަކަށް ނުފުދުނެވެ. މޭ ވެސް ފިތެނީއެވެ. ހިތް ކުދިކުދިވަނީއެވެ. ދެއަތުން ހިފާ ގަމީސް ފޭކޮށްލުމާއެކު ގޮއްވަޅުތަކުން ގޮއްތައް އުފުރި އެކިދިމަދިމާއަށް ވިއްސައިގެން ދިޔައެވެ. ކޮންމެ ގޮތަކަށް އީތަން ވިސްނިޔަސް ވެސް ކުށްވެރިއަކީ އޭނާ ކަމުގައި ޤަބޫލުކުރެވިއްޖެއެވެ. އަމިއްލަ ޟަމީރު ހޭލައިފިއެވެ. އިތުރަށް ވިސްނިވަރަކަށް މުޅި މީހާ ގެނބެމުންދާހެން ހީވާންފަށައިފިއެވެ. ޤަބޫލުކުރެވެއެވެ. އޭނާއަށް މަގުއޮޅި މަގުން ކައްސާލީއެވެ. ޒިންމާތައް ނެގުމުގައި ފަސްޖެހެވުނީއެވެ. މި ފަދަ ހާލެއްގައި ވަގުތުތައް ހޭދަވަމުން ދިޔަ ވަރަކަށް މޭގެ ތެރޭގައި އިޚްލާޞްތެރިކަމާއި ލޯބި ފުރި އުތުރޭ ހިތެއް ވިންދުޖަހަމުންދާ ފިރިހެނަކު ހޭލަމުން ދިޔައެވެ. އީތަންގެ މައްޗަށް އެ ފިރިހެނާ ގަދަވަމުން ދިޔައެވެ. އޭނާ ގޮވަމުންދިޔައީ ވީއެންމެ އަވަހަކަށް ޒޫރިންގެ ގާތަށް ގޮސް އޭނާގެ ދެފައި މައްޗަށް ވެއްޓި މަޢާފަށް އެދޭށެވެ. އީތަންގެ މޭގައިވާ ހިތުގައި ލޯބީ ހޭލައްވާލި ފަރާތަކީ ޒޫރިންނެވެ. އެއީ އީތަންގެ އަލަތު ލޯތްބެވެ. އޭނާއަށްޓަކައި އަމިއްލަ ހަށިގަނޑު ޤުރުބާންކުރި އަންހެންކުއްޖާއެވެ.

އީތަން އެނބުރި އޮފީހަށް ނާންނާތީ ނުފައިލު އޭނާއަށް އެތައް ފަހަރަކު ގުޅިއެވެ. އެތައް މެސެޖެއް ކުރިއެވެ. ދުވަހަކު ވެސް އީތަންގެ ފަރާތުން އެގޮތަށް ޚަބަރެއްނުވެއެއް ނުދެއެވެ. އެހެންވެ ނުފައިލު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަވަހަށް އޭނާ ނޯޓުކުރަން ގެންގުޅޭ ޑައިރީ ނަގާ އީތަންގެ މަޢުލޫމާތު ލިޔެފައިވާ ސަފުހާ ހުޅުވާލިއެވެ. އީތަންގެ އެޑްރެސް އެނގުމުން ނުފައިލު އޮފީހުން ނުކުތެވެ. އޮފީސް ބަންދުކުރަން ރިސެޕްޝަނުގައި އިން ކުއްޖަކަށް ހަނދާންކޮށްދީފައި ނުކުމެ ޕާކިން ޒޯނުގައި އޮތް އޭނާގެ ކާރާ ދިމާއަށް ނުފައިލު އައެވެ.

ޕާކުކުރާނޭ ތަންކޮޅެއް ނުފައިލަށް ލިބުނީ ބައިގަޑިއެއްހާއިރު އުޅެގެންނެވެ. ކާރު ޕާކުކުރަން ލިބުނީ އީތަންގެ ގެއާ ތަންކޮޅެއް ދުރުގައި ކަމުން ހިނގާލާފައި ނުފައިލު އައިސް އީތަންމެން ގޭ ދޮރޯށި ހުޅުވާލިއެވެ. އަދި ސަލާމްގޮވާލުމުން ޚަބަރެއް ނުވުމާއެކު އެތެރެއަށް ދެތިން ފިޔަވަޅު އަޅާލާފައި އަނެއްކާ ވެސް ސަލާމް ގޮވާލިއެވެ. އެހިނދު އަންހެނަކު ސަލާމް ބަލައިގަތް އަޑުއިވުނެވެ. ނަމަވެސް ފެންނަ ހިސާބަށް އެ މީހަކު ނުކުންނަން ވަގުތުކޮޅެއް ނެގިއެވެ.

"ކޮންކުއްޖެއް؟" ސިޓިންރޫމު ދޮރުމަތީ ހުރި ހަމްރާ ސުވާލުކޮށްލިއެވެ.

"އަޅުގަނޑަށް ކިޔަނީ ނުފައިލު... އީތަން ގޭގައި އެބައުޅޭތޯ؟ އަޅުގަނޑު މިއައީ އީތަންގެ ޚަބަރެއް ނުވެގެން. އޭނާ ރަނގަޅުތޯ؟" ހަމްރާގެ ކައިރިއަށް އައިސް ހުއްޓިލާފައި ނުފައިލު ސުވާލުކުރީ ކަންބޮޑުވެފައެވެ.

"އީތަން މިގަޑީގައިވާނީ އޮފީހުގައި. އަންނާނީ ހަތަރެއްގެ ފަހުން... އީތަންގެ ފޯނަށް ގުޅާލަންވީނު" ހަމްރާ ބުނެލިއެވެ.

"އަޅުގަނޑުގެ އޮފީހުގައި އީތަން މަސައްކަތްކުރަނީ. އަޅުގަނޑުމީ އީތަންގެ ބޮސް. މެންދުރުވާން އުޅެނިކޮށް އީތަން އޮފީހުން ނުކުތީ. އޭގެ ފަހުން އޭނާ އޮފީހަކަށް ނާދޭ. ވަރަށް ގިނަފަހަރު ގުޅައިފިން... ފޯނަށް ޖަވާބެއްނުދޭ. އީތަން ދުވަހަކު ވެސް އަޅުގަނޑު ގުޅައިގެން ފޯނު ނުނަގައެއް ނުހުންނާނެ. އޭނާއަށް ވީގޮތެއް ނޭނގޭތީ ހާސްވެފައި ހުރި ވަރުން މިގެއަށް އަންނަން ޖެހުނީ... އީތަން ގޭގައި އެބައުޅޭތޯ؟"

"އެހެންތަ! ދުރުވޭ އެތެރެއަށް. އަޅުގަނޑުމީ އީތަންގެ މަންމަ. އަންނާނަން އީތަން ގޭގައި އުޅޭތޯ ބަލާލާފައި" ހަމްރާ މިހެން ބުނުމުން ނުފައިލު އެތެރެއަށް ވަދެ ސޯފާގައި މަޑުކޮށްލިއެވެ. ހަމްރާ ހިނގައިގަތީ އެތެރެއަށެވެ. އެވަގުތު ކޮޓަރިން ނުކުމެގެން ޗިޕްސް ދަޅެއް ހިފައިގެން ބަދިގެ ފަރާތަށް ދާން ހިނގައިގަތް އައިނީއާ ހަމްރާ ބައްދަލުވިއެވެ.

"އައިނީ. އީތަން އެބައުޅޭތަ ގޭގައި؟" ހަމްރާ އަވަހަށް އަހާލިއެވެ.

"ލައްބަ. އޭނަ ވެއްޖެ ކޮޓަރީގައި. ކިހިނެއްތޯވީ މަންމާ" އައިނީ ހައިރާންވިއެވެ.

"އީތަންގެ އޮފީސް ބޮޑުމީހާ އެބައިން އޭނާ ހޯދަން އައިސް. ހެނދުނު އޮފީހުން ނުކުން މީހާގެ ޚަބަރެއްނުވެގެން ވީގޮތެއް އޮޅުން ފިލުވަން އައިސް އެ އިނީ"

"އަސްލުތަ؟" އައިނީ މިހެން ބުނެލާފައި އޭނާގެ ޝައުގުވެރިކަން ހުއްޓުނީ އީތަން މަސައްކަތްކުރާ އޮފީހުގެ ވެރިމީހާއަކީ ކާކުތޯ ބެލުމަށެވެ. އެހެންވެ އޭނާ ހިނގައިގަތީ ސިޓިންރޫމާ ދިމާއަށެވެ.

ހަމްރާ އައިސް އީތަންގެ ކޮޓަރީގެ ދޮރުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން އީތަން އުޅޭކަން ޔަޤީންވިއެވެ. އެހެންވެ ކޮޓަރީގައި ޓަކި ޖަހާލާފައި އީތަންއަށް ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. އެހެންވެ ދެތިންފަހަރަށް ކޮޓަރީގައި ޓަކިދީފިއެވެ. ދެން ވެސް އީތަންގެ ފަރާތުން ޖަވާބެއްނައެވެ. ހަމްރާ ވެސް ކަންބޮޑުވީ ދެނެވެ. ހިތަށް ފާޑުފާޑުގެ ޚިޔާލުތައް ވަންނަން ފެށިއެވެ. އަވަސް އަވަހަށް ކޮޓަރިއަށް އައިސް އަލަމާރީގެ ވަތްގަނޑުގައި އޮތް ގޭގެ ތަޅުދަނޑުފަތި ހިފައިގެން އީތަންގެ ކޮޓަރި ކައިރިއަށް ހަމްރާ އައެވެ.

"ކިހިނެއްވީ މަންމާ؟ އީތަން ނޫޅެނީތަ؟" ނުފެއިލު ބަލަން ގޮސްފައި އެނބުރި އައި އައިނީއަށް ތަޅުދަނޑިފަތި ހިފައިގެން އުޅޭ ހަމްރާ ފެނުމުން އަހާލިއެވެ.

"ތަޅުލާފައި ހުރީ... ގޮވާ ގޮވާ ޖަވާބެއް ވެސް ނުދިން... ކިހިނެއްކަމެއްވީ އެނގޭނީ ވެސް މި ދޮރު ހުޅުވީމައެއްނު" ހަމްރާ ކަންބޮޑުވެފައި ހުރިވަރު އައިނީއަށް އެނގުނެވެ.

"މަންމާ. އީތަންކޮއްކޮއަށް ނިދުނީކަމަށް ވެސް ވެދާނެ. އެހެންވެ ކަންނޭނގެ ފޯނަށް ޖަވާބު ވެސް ނުދެނީ. އޭނާ ކިހާ ނިދިގަދަކަން މަންމައަށް ވެސް ނޭނގިއެއްނޯންނާނެ. އަޅުގަނޑަށް ހީވަނީ ހަމަ ގަދަ ގުގުރީގައި ކަންނޭނގެ އެ އޮތީ. އެހެންވެ ޚަބަރެއް ނުވެގެން އެ އުޅެނީ" އައިނީ ބޭނުންވީ ހަމްރާގެ ހިތްހަމަޖައްސާދިނުމަށެވެ.

އީތަންގެ ކޮޓަރި ހުޅުވާލުމާއެކު ހަމްރާ އެތެރެއަށް ދެމިގަތެވެ. އޭނާގެ ފަހަތުން އައިނީ ވެސް ވަނެވެ. އެމީހުންނަށް ކޮޓަރިތެރެއަށް އުކާލާފައި އޮތް އީތަންގެ އޮފީސް ހެދުން ފެނުނެވެ. ހަމަ އެވަގުތު ފާޚާނާގައި ފެން އޮހޭ އަޑު ވެސް އިވުނެވެ.

"އީތަން... އީތަން... ދަރިފުޅުގެ ޚަބަރެއް ނުވެގެން އޮފީސް ބޮޑުމީހާ އެބައިން މިގެއަށް އައިސް" ފާޚާނާ ދޮރުކައިރިއަށް ހަމްރާ އައިސް ހުއްޓިލަމުން ބުނެލިއެވެ. އިރުކޮޅަކު މަޑުކޮށްލީ އީތަންގެ ފަރާތުން ޖަވާބެއް ލިބިދާނެކަމަށެވެ. ނަމަވެސް ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ހަމްރާ އެ ކޮޓަރިން ނުކުތެވެ.

ނުފައިލުގެ ކައިރިއަށް ސިޓިންރޫމަށް ހަމްރާ ނުކުމެ އީތަން އުޅެނީ ފާޚާނާގައި ކަމަށް ބުނެލިއެވެ. އޭނާ ނުކުންނަންދެން މަޑުކޮށްލުމަށް ހަމްރާ އެދުނެވެ. ނުފައިލު އާނއެކޭ ބުނެލުމަށް ބޯޖަހާލުމުން ހަމްރާ ސޯފާގައި އިށީނެވެ. އެތަނުގައި ނުފައިލު އެކަނިވިޔަ ނުދިނުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭ ގޭތެރެއިން މެންދުރަށް ގިރާފައި ހުރި އޮރެންޖު ފަނިން ފަނިތަށްތެއް މަތިޖަހައިގެން ތަބަކެއްގައި ބަހައްޓައިގެން އައިނީ އައިސް ނުފައިލުގެ ކުރިމަތީ ހުރި މޭޒުގައި ބަހައްޓާލިއެވެ.

"އީތަންކޮއްކޮގެ ބޮސް ފުރަތަމަ ފަހަރަށް މިގެއަށް އައީމަ އެއްޗެއް ނުދީ ފޮނުވާލާކަށް ނުވާނެއެއްނު. އަޅުގަނޑުމީ އީތަންގެ ދައްތަ. އައިނީ..." ސަމާސާ ގޮތަކަށް އައިނީ ވާހަކަދެއްކިއެވެ.

"ޝުކުރިއްޔާ" ހިނިތުންވެލަމުން ނުފައިލު ބަލަން އިނީ ތަފާތު ނަޒަރަކުންނެވެ. އޭނާ އާއި އައިނީއާ ދެމެދު ހިމޭންކަމުގެ ބަސްމޮށުންތެރިކަމެއް ކުރިއަށް ދާކަހަލައެވެ. އީތަންގެ އޮފީހުގެ ވެރިޔަކީ އެހާ ޒުވާން ވެރިއެއްކަމެއް ކުރިއަކުން އައިނީއަކަށް ނޭނގެއެވެ. ނުފައިލުގެ ގައިގާ އައިނީ ހިތްކިޔާ ކަހަލަ ސިފަތަކެއް ހުރީއެވެ. ފުރަތަމަ ނަޒަރުން ވެސް ނުފައިލު ޚާއްޞަވީއެވެ. އެހެންނަމަވެސް ކުއްލިއަކަށް ހިތައް އަންނަމުން ދިޔަ ބަދަލުތައް އޮބިއަޅަމުން އެކަން ސިއްރުކުރަމުން އައިނީ ދިޔައެވެ.

އީތަން ނުނިކުމެ ގިނައިރު ވުމުން ހަމްރާ އަނެއްކާ ވެސް އީތަންގެ ކޮޓަރިއަށް އެނބުރި އައެވެ. ދޮރުގައި ހިފާލުމާއެކު ހުޅުވިގެން ދިޔައެވެ. އެތެރެއަށް ވަންއިރު އަދިވެސް އީތަން އުޅެނީ ފާޚާނާގައެވެ. ހާސްވެފައި ހުރެ ހަމްރާ އައިސް ފާޚާނާ ދޮރުގައި ޖަހާލިއެވެ. އީތަންއަށް ދެތިން ފަހަރު ގޮވާލިއެވެ. ވީ ކީއްތޯ ވެސް ސުވާލުކުރަން ފެށިއެވެ. ނުފައިލު އަދިވެސް އިނީ އީތަންއާ ބައްދަލުކޮށްފައި ދާން ކަމުގައި ހަމްރާ ބުންޏެވެ. އީތަންއަށް ވެގެން އުޅޭ ގޮތެއް އެއްގޮތަކަށް ވެސް ހަމްރާއަކަށް ނޭނގުނެވެ. ހާސްވަނީ އެހެންވެއެވެ. ހަދާނޭގޮތެއް ނޭނގިގެން ސުފިޔާނަށް ގުޅަން ހަމްރާ ހިތަށް އެރިއެވެ. އެހެންނަމަވެސް އަދިވެސް އެއްފަހަރު ދަރިފުޅުގެ ފަރާތުން އިޝާރާތެއް ވޭތޯ ގޮވާލިއެވެ. އަދި ސުފިޔާނަށް ގުޅަންޖެހިދާނެ ކަމުގައި ބުނެލިއެވެ.

ހަމްރާ އީތަންގެ ކޮޓަރިން ނުކުމެގެން އައިސް ރާބިއާގެ ކޮޓަރިއަށް ވަނެވެ. އޭރު އަސުރު ނަމާދުން ފައިބައިގެން ހެނދުނާ ހަވީރުގެ ޒިކުރުތައް ކިޔުމަށް ރާބިއާ އެނދުގައި އިނެވެ. ހަމްރާ ފެނުމުން އޭނާގެ ހާސްކަން ރާބިއާއަކަށް ސިއްރެއްނުވިއެވެ.

"މަންމާ! އީތަންއަށް ވެގެންއުޅޭގޮތެއް އެއްގޮތަކަށް ވެސް ނޭނގެ. ސިޓިންރޫމުގައި އީތަންގެ އޮފީސް ބޮޑުމީހާ އައިސް އެބައިން. އީތަން ފާޚާނާއަށް ވަންގޮތަށް މިހާރު ގަޑިއިރަކަށްވުރެ ގިނައިރުވީ... އަނގައިން ވެސް ބުނަނީއެއްނޫން... ފެންމާގަނޑު ދޫކޮށްލާފައި ހުރި އަޑު ނޫން އެހެން އަޑެއް ފާޚާނާއަކުން ނީވޭ..."

"ހިނގާބަލަ... ސުފިޔާނަށް ގުޅައިފިންތަ؟ އެކަމަކު އިހަށް އައިދަންއަށް ގުޅާ... އަހަރުމެންނަށް ފާޚާނާ ހުޅުވައިގެން ނުވަދެވޭނެ. އެކުއްޖާއަށް ކަމެއްވިޔަސް ބޮޑުވެފައި ހުރި ފިރިހެންދަރިއެއްވިއްޔާ... އައިދަންއަށް ގުޅާފައި ބުނޭ އަހަރެން ބުންޏޭ އަވަހަށް ގެއަށް އަންނާށޭ..." ހާސްކަމާއެކު ކޮޅަށް ތެދުވި ރާބިއާ ބުނެލިއެވެ. އަދި ހަމްރާ އާއިއެކު އަވަސް ފިޔަވަޅުގައި އައިސް އީތަންގެ ކޮޓަރިއަށް ވަނެވެ.

"އީތަން..." އުނުގައި ތުވާލި އޮޅާލައިގެން ފާޚާނާއިން ނުކުން އީތަން އެ ކޮޓަރިއަށް ވަން ރާބިއާ އާއި ހަމްރާއަށް ފެނުމުން އެ ދެމީހުންނަށް ވެސް އީތަންއަށް ގޮވާލެވުނީ އެއްފަހަރާއެވެ. އީތަންގެ ތެމިފައިވާ އިސްތަށިގަނޑު ހޭވިފައި ހުރިއިރު ހަށިގަނޑުގައި ވެސް ފެންތިކިތައް ހަރުލާފައި ހުއްޓެވެ. އޭނާ އެ ނުކުތީ ފެންވަރައިގެންކަން ރާބިއާ އާއި ހަމްރާއަށް އެނގުނެވެ.

"ސާބަސް ދަރިފުޅަށް. މަންމަ ގޮވީމަ އަނގައިން ބުނެލިނަމަ. ފެންވަރަނީއޭ ބުނެލިނަމަ... އެކަމަކު ފެންވެރިޔަސް ހާދަ އިރެކޭ ފާޚާނާގައި ތިވީ. ނުފައިލު އައިސް އިންނަތާ މިހާރު ކިހާ އިރެއް. ދޭބަލަ އޭނާއާ ވާހަކަދައްކަން..." ހަމްރާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އިސްޖަހާލައިގެން ހުރި އީތަންއަށް ކަމެއްވެފައި ހުރިކަމެއް ހަމްރާއަކަށް ނަގައެއްނުގަނެވުނެވެ.

"ހެދުން ލައިގެން އަވަހަށް ނުކުމޭ... ހަމްރާ އަހަރުމެން ބޭރަށް ހިނގާ" ރާބިއާ ބުނެލިއެވެ. އީތަންގެ ފަންއިސްތަށިތަކުން އޭނާގެ ނިތްކުރިއާއި ލޯ ނިވާވެފައި ހުރުމުން އީތަންގެ މޫނުމަތީގައިވާ އަސަރު އެއްވެސް މީހަކަށް ދެނެގަންނާކަށް ނޭނގުނެވެ.

އެންމެން ސިޓިންރޫމުގައި ތިއްބާ ތުވާލި އަނދެލައިގެން ހުރި އީތަން އެއްވެސް ޚިޔާލެއް ފިކުރެއްނެތި އެތަނަށް ނުކުތެވެ. އެހިނދު ނުފައިލު ވެސް ހައިރާންވިއެވެ.

"ސޮރީ ބޮސް... މިއުޅެނީ ކެވުނު އެއްޗަކުން މުޅިން ބަނޑުގޯސްވެގެން..." އީތަން ވާހަކަދެއްކިއިރު ނުފައިލަށް ބަލާލީ އެންމެ ދެފަހަރުއެވެ.

"އެހެންތަ. އަންގާލިނަމަ... ވީގޮތެއް ނޭނގި ހާސްވިވަރުން ގެއަށް އަންނަން މިޖެހުނީ. ދެން އެންމެ ރަނގަޅު. ކަމެއްވިޔަސް މަށަށް އަންގާލައްޗޭ... ރަނގަޅުވެލީމާ އޮފީހަށް ނުކުތަސް ރަނގަޅުވާނެ... ކަމުގެ ސީރިއަސްކަން މަށަށް އެބަފެނޭ. ތިހިރީވިއްޔާ މީހާ ހުރި ހާލު. ތުވާލިން ވެސް އަރައިގަނެވޭވަރު ނުވޭ... އޯކޭ... ދެން ދަނީ. މިހާރު އެނގިއްޖެ ދުނިޔޭގައި ހެޔޮހާލުގައި އީތަން އެބަހުރިކަން. އެހެންވީމަ ހިތްމަޖެހިއްޖެ..." ނުފައިލު މިހެން ބުނެ ހީނލިއެވެ. އަދި ތެދުވެގެން އެގެއިން ނުކުންނަން ހިނގައިގަންނަމުން އެތަނުގައި ހުރި އައިނީއަށް ބަލާލާފައި ޚާއްޞަ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

އީތަންގެ އަޑު ބަދަލުވެފައި ހުރިކަން ރާބިއާއަށް ނަގައިގަނެވުނީތީ އޭނާގެ ނަޒަރު ހުރީ އީތަންއަށް ހުއްޓިފައެވެ. ނުފައިލުއާއެކު ވަކި ހިސާބަކަށް ގޮސްފައި އެނބުރި އީތަން އައިސް އޭނާގެ ކޮޓަރިއަށް ދިޔައެވެ.

"އީތަންއަށް އެއްޗެއް ދެވޭތޯއެއްނު އުޅެންވީ. ލޮނުޕެކެޓެއް ހޯދަންވީ ކަންނޭނގެ" ރާބިއާއަށް ބަލާލާފައި ހަމްރާ ބުނެލިއެވެ.

"އެއްވެސް އެއްޗެއް ހޯދާނެކަމެއްނެތް.... އަހަރެން މިދަނީ އީތަންގެ ގާތަށް" ރާބިއާ ބުނެލިއެވެ.

އީތަންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ރާބިއާ ކޮޓަރިއަށް ވަނެވެ. އޭރު އީތަން ތައްޔާރުވަނީއެވެ. ރާބިއާ ފެނުމުން ވެސް އޭނާއަށް އީތަން ގޮވައެއްނުލިއެވެ. އަލަމާރިން ނެގި ޓީޝާޓު ގަޔަށް މަހާލުމާއެކު ލޯގަނޑު ކުރިމަތީ ހުއްޓި ޖަހަޑުން އިސްތަށިގަނޑު ރީތިކުރިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ރާބިއާ ހުރީ ސުވާލުގެ ނަޒަރަކުންނެވެ. އީތަން ތައްޔާރުވެގެން ކޮޓަރިން ނުކުންނަން އައި ވަގުތު ދޮރުކައިރީ ހުރެފައި ރާބިއާ މާމަދަރިފުޅުގެ އަތުގައި ހިފިއެވެ.

"ވީގޮތެއް މާމައަށް ކިޔައެއްނުދޭނަންތަ؟ ބޮޑުމީހާއަށް އެހާ ބޮޑު ދޮގެއް ހެދީ ކީއްވެތަ؟... އީތަން..." ރާބިއާގެ އޯގާތެރިކަން އޭނާގެ އަޑުން ފާޅުވެގެންދިޔައެވެ. އެހިނދު ހަލާކުވެފައިވާ ހިތާއެކު އީތަން އޭނާގެ މާމައަށް ބަލާލިއެވެ. ރޮއެރޮއެ އެ ދެ ލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އަދިވެސް އެ ދެލޮލުގައި ކަރުނައިގެ ތެތްކަން ފާޅުވޭވެ ހުއްޓެވެ. ބޮޑު މުސީބާތެއް ކުރިމަތިވެފައި ހުރި ކަހަލައެވެ. އީތަންގެ ހާލު ފެނި ރާބިއާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

"އަޅުގަނޑު ދިޔަދީ މާމާ... މިހާރު ނުގޮސްފިއްޔާ މާ ލަސްވެދާނެ..." ކުރެހިފައިވާ އަޑުން އާދޭހުގެ ރާގަކަށް އީތަން ބުނެލިއެވެ.

"ސުބުޙާނައްﷲ... މަގޭ ދަރިއަށް ކޮންފަދަ ބޮޑު މުސީބާތެއް ޖެހުނީ..." އަމިއްލަ ހިތަށް ތޫނުކައްޓެއް ހެރިގެން ދިޔަ ފަދަ އިހުސާސެއް ރާބިއާއަށް ކުރެވިގެންދިޔައެވެ. ބޭއިޚްތިޔާރުގައި އީތަންގެ އަތުން ދޫކޮށްލިއެވެ. އެހިނދު އަވަސް ފިޔަވަޅުގައި އީތަން ނުކުމެގެން ގޮސް ރާބިއާގެ ލޯމައްޗަށް ގެއްލިއްޖެއެވެ.

ހ.ބުލޫމޫންގޭ ދޮރޯށި ކައިރީ ސައިކަލު ބަހައްޓާލުމަށްފަހު އީތަން ފައިބައިގެން އައިސް ދޮރޯށި ކުރިމަތީ މަޑުކޮށްލިއެވެ. ފުންނޭވާއެއްލާފައި ދޮރޯށީގެ އެއްފަރާތުގައި ހަރުކޮށްފައި ހުރި ފިތަށް އޮބާލައިފިއެވެ. އަދި ސިކުނޑިއަށް ބާރުލަމުން ވިސްނަމުން ދިޔައީ ޒޫރިން އާއި އޭނާގެ ޢާއިލާ މީހުންގެ ގާތުގައި ބުނާނޭ އެއްޗަކާ މެދުއެވެ. އެ ޚިޔާލުގައި ހުއްޓާ ކުއްލިއަކަށް މީހަކު ދޮރުހުޅުވާލިއެވެ.

"ރީ...." އީތަން ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. ދޮރޯށި ހުޅުވާލި ރޭޝްމާއަށް އީތަން ފެނުމުން ބަންލާފައި ދޮރޯށި ޖެހުމަށް ކޮށްޕާލިއެވެ. އެވަގުތު އީތަން ދޮރޯށި އައިސް ލެއްޕުމުގެ ކުރިން އެ ދޭތެރެއަށް އަތްލައްވާލިއެވެ. އެއާއެކު އޭނާގެ ޒަހަމްވެފައި އޮތް އަތް ދޮރުދޭތެރޭ ފިތިގެން ދިޔައެވެ. ފަޅައިގެން ގޮސްފައި ހުރި ތަންކޮޅުތަކުން ލޭ ހިލިގެން ދިޔައެވެ.

"ކީއްކުރަން ތިއައީ؟" ނުރުހިފައި ރޭޝްމާ ބުނެލިއެވެ.

"ރީން... ރީންއާ ބައްދަލުކުރަން..." އަސަރާއެކު އީތަން ބުނެލިއެވެ. ދޮރުދޭތެރޭ ފިތިފައިވާ އަތް އައްސިވެފައި އޮތުމުން ތަދުގެ އިހުސާސް އީތަންއަކަށް ނުކުރެވެއެވެ.

"ރީންއާ ބައްދަލެއްނުވެވޭނެ. ކޮން ސަކަރާތެއްޖަހަން އީތަން ތި އުޅެނީ... މިހާރު މާ ލަސްވެއްޖެ"

"ރީންއާ ބައްދަލުކޮށްދީ... އާދޭސްކުރަން... އާދޭސްކުރަން... އެންމެ ފަހަރަކު ވިޔަސް ރީންއާ ބައްދަލުވާން ބޭނުން... ހެޔޮނުވާނެ..." އީތަންގެ އާދޭހުގެ އަޑާއެކު ރޭޝްމާގެ ހިތަށް އަސަރުކުރިއެވެ. ހަމައެއާއެކު އީތަންގެ އަތްތިލަ ރޭޝްމާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. މަޑުމަޑުން ދޮރޯށި ހުޅުވާލާފައި އީތަންއަށް ބަލާލީ ޤަބޫލުނުކުރެވިފައި ހުރެގެންނެވެ.

"އަޅުގަނޑަށް މާފުކުރޭ..." ފެންކަޅިވެ ދެއަތްޖޯޑުކޮށްލައިގެން ހުރެ އީތަން ބުނެލިއެވެ.

ރޭޝްމާއަށް އީތަންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޤަބޫލުކުރަން ދަތިވެފައެވެ. ލޮލަށް ފެންނަމުން ދިޔަ އީތަން ހާލަކީ ހަޤީޤަތެއްތޯ އަމިއްލަ ޟަމީރާ ސުވާލުކުރެވުނެވެ. އީތަންއެކޭ ޒޫރިންއެކޭ ތަފާތެއް މިއަދު ނެތެވެ. އެކަކު އަނެކަކަށް ޓަކައި އެ ދެމީހުން ވެސް ކަރުނައަޅަނީއެވެ. ބޭއިޚްތިޔާރުގައި އަމިއްލަ މޭގައި ރޭޝްމާއަށް އަތްޖައްސާލެވުނެވެ. އީތަން އަތުވެދާނެކަމަކަށް ކުޑަކޮށް ވެސް ރޭޝްމާ ހިޔެއްނުކުރެއެވެ. އެހެންނަމަވެސް މިއަދު އޭނާގެ ކުރިމަތީ ހުރެ އީތަން އާދޭސް އެ ކުރަނީ އޭނާ ފުރަގަސްދީފައި ދިޔަ ޒޫރިންއާ ބައްދަލުކޮށްދިނުމަށް އެދިއެވެ. ތަޤުދީރުގެ ސަފުހާތައް ނިއުޅި ހާމަވަމުން ދަނީއެވެ.

"އީތަންއަށް މާފުދޭން އަހަރެން މީ ކާކު؟ އަހަންނަށްވުރެ ބޮޑު ހިތްދަތިކަމެއް އީތަން އެމީހަކަށް ދިން ފަރާތް މިއަދު އީތަންއަށް މާފުކުރާނީ ވެސް.... ތީ ބޮޑު ކުށްވެރިއެއް... ދިރިހުއްޓާ އަހަރެންގެ ދަރިފުޅު މަރާލި ޤާޠިލު... ފުރާނަ ހުރީތީ އެކުއްޖާގެ ދިރި އެހުރީ. އޭނާގެ ހުރިހާ އުފާތަކެއް ފޭރިގަތް މީހަކީ ތީ... އިތުރު ހިތްދަތިކަމާއި ދޭނެ އަނިޔާއެއް ދެންނެތް... ވީއިރު ކީއްކުރަން އަލުން ރީންއާ ބައްދަލުކުރަނީ... ތިކަހަލަ މީހެއްގެ ހިޔަނި ރީންގެ ދިރިއުޅުމަށް އެޅުނުކަން އެއީ އެ ދަރިފުޅުގެ ބަދުނަސީބުކަން"

"ކޮންމެ ސަޒާއެއް ދިނަސް ޤަބޫލުކުރަން މިހިރީ ތައްޔާރަށް. އެކަމަކު ރީންގެ ދުލުން ނިޔާ ކަނޑައަޅާ އަޑު އަހަން ބޭނުންވަނީ. މިއަދު މިއައީ ކުރެވުނު ކުށް ޤަބޫލުކޮށްގެން އެކުށަށް މަޢާފުލިބޭތޯ... ރީންގެ ހަޔާތުން އަޅުގަނޑަށް ޖާގައެއް ލިބޭތޯ... ލޯބިލޯބި ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން ބޭނުންވެގެން..." އީތަންގެ ލޮލުން ފައިބައިގެން ދިޔަ ކަރުނައިން ރޭޝްމާގެ ހިތް މަޑުވެގެންދިޔައެވެ. އޭނާ އެތެރެއަށް ޖެހިލާ ދޮރޯށި އިހުނަށްވުރެ ބޮޑަށް ހުޅުވާލިއެވެ. އެ އިޝާރާތް ދަޢުވަތަކަށް އީތަންއަށް ފުދުނެވެ. އަވަސް އަވަހަށް ދެ ލޯ ފުހެލާފައި އެތެރެއަށް ވަނެވެ. (ނުނިމޭ)